ނަޞޭޙަތާއި އިރުޝާދު
ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ކުރެވިދާނެ ބައެއް ދުޢާ

ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ވިސްނުންތޫނުކަމާއި، ހުނަރުތަކާއި، އުޅެން ލިބިފައިވާ މާޙައުލާއި، އަނބިދަރިންނާއި، ދުޅަހެޔޮކަމާއި، ފައިސާގެ ތަނަވަސްކަން ހިމެނެއެވެ.
މި އަރޓިކަލްގައި މި ހިމަނާލަނީ ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ކުރެވިދާނެ ކުރުކުރު ބައެއް ދުޢާއެވެ.

 اللَّهُمَّ إِنِّيْ أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا، وَ عَمَلًا مُتَقَبَّلًا

“އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބަ އިލާހުގެ ޙަޟްރަތުން ފައިދާކުރަނިވި ޢިލްމަކާއި، ޙަލާލުވެގެންވާ ރިޒްޤަކާއި، ޤަބޫލުވެވިގެންވާ ޢަމަލެއް ދެއްވުމަށް އެދި ދަންނަވަމެވެ.”

اللَّهُمَّ أَكْثِرْ مَالِي وَ وَلَدي وَ بَارِكْ لِي فِيمَا أعْطَيْتَنِي

ހައްދަވާ ގެންގުޅުއްވާ އިލާހު!މި އަޅާގެ މުދާ ގިނަ ކުރައްވާނދޭވެ. އަދި މިއަޅާގެ ދަރިން ގިނަ ކޮށްދެއްވާނދޭވެ. އަދި މިއަޅާއަށް އިބަ ﷲ ދެއްވި އެންމެހާ އެއްޗެއްގައި ބަރަކާތް ލައްވާނދޭވެ.¹

ރިޒްޤުދެއްވުމާއި ގުޅުންހުރި ބައެއް އިސްމުފުޅުތަކުގެ ތެރޭގައި الرازق؛ الرَّزَّاقُ؛ المعطي؛ المنان؛ الوهاب؛ އަދި الباسط ހިމެނެއެވެ.
އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.

 

ރިޒުޤު ހޯދުމަށް ޙައްޤު ގޮތުގައި މަސައްކަތްކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެއެވެ.

މާތް ﷲ ދެއްވާ ރިޒުޤުގައި ބަރަކާތް ލައްވާ ކަންތައްތަކެއްވެއެވެ. އެގޮތުން ހެނދުނު ތެދުވެ، ރިޒުޤު ހޯދުމަށް މަސައްކަތް ކުރުން އެއީ އެ މަސައްކަތުން ލިބޭ ރިޒުޤުގައި ބަރަކާތް ލައްވާނެ ކަމެކެވެ.

އިލާހީ ރިޒުޤުން މީހާ މަހުރޫމުވެގެންދާން މެދުވެރިވާ ބައެއް ކަންކަންވެއެވެ. އެގޮތުން ރޭގަނޑު ހޭލާ ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެން ދާނެއެވެ. އެއީ ފަތިސް ނަމާދާއި، ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ.

ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ – لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
މާނައީ: “އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

1)މިދުޢާއަށް ދަލީލުކޮށްދެނީ އަނަސް ބުނު މާލިކް ރަޟިޔަ ﷲ ޢަންހުއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަކޮށްދެއްވިދުޢާއިންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަނަސްގެފާނަށްދުޢާކޮށްދެއްވީމިފަދައިންނެވެ. «اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ»
މިއީ ބުޚާރީއާއިމުސްލިމްގައި އައިސްފައިވާ ހަދީސެކެވެ.މަތީގައިވާ ދުޢާ فضيلة الشيخ سعيد بن وهب القحطاني “الدعاء من الكتاب و السنة” ފޮތުގައި ގެނެސްފައިވެއެވެ.

 

47