ނަޞޭޙަތާއި އިރުޝާދު
ރިވެތި އަޚްލާޤަކީ އަޅުކަމެއްތަ؟ (2)

ރިވެތި އަޚުލާޤުގައިވަނީ ހުރިހާ ހެޔޮކަމެއް ޖަމާކުރެވިގެންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «البِرُّ: حُسْنُ الْخُلُقِ» [رواه مسلم] މާނައީ: “ހެޔޮކަމަކީ ޚުލުޤު ރިވެތިވުމެވެ.” ނަބިއްޔާ ﷺ ގެ ޚުލުޤު ހުންނެވި ގޮތް ބަޔާންކޮށްދެއްވަމުން އަނަސް ބުން މާލިކު ވިދާޅުވިއެވެ. « كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا » [متفق عليه] މާނައީ: “މީސްތަކުންކުރެ އެންމެ އެންމެ ޚުލުޤު ރިވެތި ބޭކަލަކީ ނަބިއްޔާ ﷺ އެވެ.”

އެކަލޭގެފާނުގެ މޫނުފުޅުން އުފާވެރިކަމާއި ހިނިތުންވުމާއި އުންމީދު އާވާފަދަ ކުލަވަރުތައް ފެނިގެންދެއެވެ. އަދި ހިތްޕުޅާ ނުވާކަމާއި ފޫހިކަން މޫނުމަތިން ނުދައްކަވައެވެ. ޖަރީރު ބުން ޢަބްދުﷲ رضي الله عنه ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ފެނިވަޑައިގެންނެވި ކޮންމެ ފަހަރަކު، ﷲ ގެ ރަސޫލާ ﷺ ތިމަންކަލޭގެފާނަށް ހިނިފުޅުވެޑުވިއެވެ.” އަދި އެކަލޭގެފާނު ސިފަކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ [سورة القلم  ٤] މާނައީ: ” އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”

އަދި އާޚިރަތްދުވަހުން ނަބިއްޔާ ﷺ ގެ މަޖުލީހާ، އެންމެ އަރިހުގައި ވާހުށީ އީމާންކަމާއި ރިވެތި އަޚްލާޤުގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. « إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلَاقًا » [سنن الترمذي وصححه الألباني] މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހު، ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެން ވާހުށީ އަދި ތިމަންކަލޭގެފާނާ އެންމެ އަރިސްވެގެން ވާހުށީ، ތިޔަބައިމީހުންކުރެ އެންމެ ޚުލުޤު ހެޔޮ މީހުންނެވެ.”

 

މަސްދަރު: ދިސަލަފިއްޔާ

0