ނަޞޭޙަތާއި އިރުޝާދު
މަރުހަނދާންކުރުމާއި ޤަބުރުސްތާނުތަކަށް ޒިޔާރާތްކުރުން

ކޮންމެ ރެއަކާއިދުވާލު ތަކުރާރުކޮށް މަރު ހަނދާންކޮށް، އެކަން ހިތްމައްޗަށް ގެނެއުމަކީ ބުއްދިވެރިންގެ މައްޗަށްވާ ކަމެކެވެ. އެއީ އޭނާގެ އެދުންތައް ފޫއަޅުވާލުމަށެވެ. އެހެނީ ގިނައިން މަރު ހަނދާންކުރުމުގައި ނުބައިކަމުން ރައްކާތެރިކަންވެއެވެ. އަދި ﷲގެ އިޛުނަފުޅާއިއެކު އެކަމުގައި ކެތްތެރިކަމުން މާޔޫސްވުމުން އަމާންކަންވެއެވެ. އަދި އެހެންމީހުންގެ މަރުވިގޮތަށް ބެލުމުން ތިބާގެ މަރުވުން ފެންނާނެއެވެ.

ރޭގަނޑާއިދުވާލުގެ ވަޤުތުތަކުގައިވެސް ޤަބުރުސްތާނުތަކަށް ނަބިއްޔާ صلى الله عليه وسلم ގިނައިން ޒިޔާރާތްކުރައްވައެވެ. އަދި ޢާއިޝާގެ رضي الله عنها ގެ އަރިހަށް ވަޑައިންނަވާދުވަހު އަލްބަޤީޢުއަށް(މަދީނާގެ ޤަބުރުސްތާނަށް) ޒިޔާރާތްކުރައްވައެވެ. ޢާއިޝާ رضي الله عنها ވިދާޅުވެއެވެ. ((كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ -صلى الله عليه وسلم- – يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ))[رواه مسلم] މާނައީ: “ކޮންމެފަހަރަކުވެސް ރަސޫލާ صلى الله عليه وسلم އެކަމަނާއަށް ދެއްވާ ރޭގައި، ރޭގަނޑުގެ ފަހު ބައިގައި އެކަލޭގެފާނު އަލްބަޤީޢުއަށް ނުކުމެވަޑައިގަންނަވައެވެ.”

އެތަންތަނަށް ޒިޔާރާތްކުރުމުން އާޚިރަތަށްޓަކައިވާ ހިންމަތް ވަރުގަދަވެއެވެ. އަދި ދުނިޔެއާ ދިމާއަށް ބެލުމުން ލޯ މަރާލެވެއެވެ.

އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( زُوْرُوا القُبُوْرَ، فَإِنَّهَا تُذَكِّرُكُمُ الآخِرَة ))[رواه الترمذي وابن ماجه] . “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާރަތްކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންނަށް އާޚިރަތުގެ މަތިން ހަނދުމަކޮށްދޭކަމެކެވެ.”

ތިބާގެ ބެލުމުގެ ކުރިމަތީ އަބަދުވެސް މަރު ބަހައްޓާށެވެ. އޭރުން ތިބާގެ ޙާލު އިޞްލާޙުވާނެއެވެ. އަދި ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރާށެވެ. ތިބާގެ ހިތަށް ދިރުން ލިބޭނެއެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މަސްދަރު: ދިސަލަފިއްޔާ

9