ނަޞޭޙަތާއި އިރުޝާދު
ޙަސަން ތާޖުއްދީން

ޙަސަން ތާޖުއްދީނަކީ “ ދިވެހި ތާރީޚުގެ ބައްޕަ “ އެވެ. އޭނާއަށްވުރެ ބޮޑަށް ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވި ދިވެއްސަކު ފެނިފައެއް ނެތެވެ.
ތާޖުއްދީނުގެ ޒަމާނަކީ ހިޖުރައިން 11 ވަނަ ޤަރުނާއި 12 ވަނަ ޤަރުނާ ދެމެދެވެ. އެޒަމާނަކީ ރާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުވަމުން ރަސްކަން އަވަސް އަވަހަށް ބަދަލުވަމުން ދިޔަ ދުވަސްވަރެކެވެ. އަދި ޚާއްޞަކޮށް ކޮއިލުތެރޭގައި ޢާއްމުކޮށް މުޅި މުޖުތަމަޢުގައި ބަދުއަޚްލާޤީ ކަންތައްތައް އިންތިހާއަށް ދިޔަ ދުވަސްވަރެއްވެސް އަވެ.
ޙަސަން ތާޖުއްދީނު އުފަންވެވަޑައިގަތީ ހިޖުރައިން 1072 ވަނަ އަހަރު ހައްދުއްމަތީ ގަމުގައެވެ. ( ތާޖުއްދީން 1982:73 ). އެއީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1) ގެ ރަސްކަމުގެ ދުވަސްވަރެވެ. ތާޖުއްދީނުގެ މަންމައަކީ ކޮން ރަށެއްގެ ކާކު ކަމެއް ނޭނގެއެވެ. ލަފާވަނީ ހައްދުއްމަތީ ގަމު ބޭކަނބަލެއް ކަމަށެވެ. ޒުވާން ޢުމުރުގައި މާލެ ވަޑައިގެން މާލޭގައި ދިރިއުޅުއްވަން ފަށްޓަވައިފިއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1) ގެ ރަސްކަމުން ފެށިގެން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2) ގެ ރަސްކަމުގައި އޭނަ އަވަހާރަވަންދެން ދިރިއުޅުއްވީ މާލޭގައެވެ.
ތާޖުއްދީން ދެފަހަރު ހައްދުއްމަތީ ގަމަށް އަރުވާލެވުނެވެ. ފުރަތަމަ ފަހަރު އަރުވާލެއްވީ ދިޔަމިގިލީ ރަދުންގެ ރަސްކަމުގައެވެ. އެއީ ކުރީގެ ރަސްކަން ދިޔަމިގިލީ ރަދުންނަށް ބަދަލުވުމާ ގުޅިގެން ހިނގި ސިޔާސީ އޮއިވަރުގައެވެ. ކުރީގެ ރަދުންގެ “ ޕާޓީ “ ގެ މީހަކަށް ވުމުން ފޯރި ދިލައިގެ ސަބަބުންނެވެ. ދެވަނަ ފަހަރު އަރުވައިލެއްވީ އައްސުލްޠާން ކުޑަ މުޙައްމަދުގެ ރަސްކަމުގައި އެ ރަދުން ފަރާތްޕުޅުން އެ ރަދުންގެ މަންމާފުޅު ރަސްކަން ހިންގެވިއިރު އެ ކަމަނާއެވެ.
ތާޖުއްދީން ތިން ފަހަރު ޙައްޖަށް ވަޑައިގަތެވެ. އަވަހާރަވީ 1139 ރަޖަބު 6 ވި ހުކުރު ވިލޭރޭ ޢުމުރުފުޅުން 67 އަހަރުގައި މާލޭގައެވެ. އޭރު އޭނާ ހުންނެވީ އުއްތަމަފަނޑިޔާރު ކަމުގައެވެ. ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ. މަހާނަފުޅު ހުރީ ހުކުރު މިސްކިތުގެ ހުޅަނގުކޮޅުގައެވެ.
ޙަސަން ތާޖުއްދީނަކީ މުޖުތަމަޢުގެ އަމަން އަމާންކަމަށް ލޯބިކުރެއްވި، ދީނުގެ ޝިޢާރުތައް ތަންފީޒުކުރެއްވި ފަނޑިޔާރެކެވެ. އޭނާ އުޅުއްވީ ސަރުކާރުގެ އިސް މަޤާމުތަކުގައެވެ. ރަސްރަސްކަލުންގެ އަރިސްބޭކަލެއްގެ ގޮތުގައެވެ. މުޙްޔިއްދީނުލް ޢާދިލްގެ ރަސްކަމުގައި އެ ރަދުންގެ އިސް މުޝީރަކަށް ހުންނެވިއެވެ.
އޭނާ ފަނޑިޔާރުކަން ޤަބޫލުކުރެއްވީ އޭނާ ކުރައްވާ ނިޔާއާ ރަސްގެފާނު ބެހިވަޑައިނުގަތުމަށް ޢަހުދު ހިއްޕެވުމުންނެވެ. އޭނާ ރަސްގެފާނަށް ރަސްކަމުގެ ބައިޢަތު ހިއްޕެވީ ޢަދުލު އިންޞާފަށް ވެރިކަން ކުރައްވަން ވަޢުދުވެވަޑައިގަތީމައެވެ. ( ދިވެހި ތާރީޚް 1993: 73،74 )

މަތިކޮޅާއި ދަރިކޮޅު
ޙަސަން ތާޖުއްދީނަކީ ހައްދުންމަތީ ގަމު އަލްފަޤީޙު މޫސާގެ އަލްފަޤީޙު މަޙުމޫދުގެ ދަރިކަލެކެވެ. މި މަޙުމޫދު މަޝްހޫރުވެފައިވަނީ “ ގަމުރަތްބޭ “ ގެ ނަމުންނެވެ. އެއީ އޭނާގެ ގައިގެ ކުލައަކީ ރަތްދޮންކުލަ ކަމަށްވާތީ ކަމަށް ބުނެވެއެވެ. ( ފަތްތޫރަ 235: 11 ). ނަމަވެސް އަޅުގަނޑު ބުރަވަނީ އެއީ “ ގަމުރަށްބެ “ ކަމަށެވެ. “ ރަށްވެރިޔާ “ ގެ މާނައިގައި ނުވަތަ “ ރަށުބޭބޭ “ ގެ މާނައިގައި ބޭނުންކުރާ ނަމެއް ކަމަށެވެ.
ޙަސަން ތާޖުއްދީނުގެ ބައްޕައާއި ކާފައަކީ ރާއްޖޭން ބޭރުގެ ދެމީހުން ކަމަށްވެސް ބުނެވެއެވެ. ( ފަތްތޫރަ 235 : 11 ). މިއީ ޔޯލަވާހަކައެއްގެ ގޮތުގައި ދެކެވޭ ފޯކްލޯރެކެވެ. އަޅުގަނޑު ބުރަވަނީ ޙަސަން ތާޖުއްދީނުގެ ކާފައަކީ އައްޑު އަތޮޅުން ހައްދުންމަތީ ގަމަށް ހިޖުރަކުރެއްވި ބޭކަލެއް ކަމަށެވެ. އޭނާއަކީ ފިޤުޙުވެރި ދަންނަބޭކަލަކަށް ވެފައި ދީނުގެ ޢިލްމުވެރިކަން އޭނާއަށްވުރެ މާ ކުރިއްސުރެން އައްޑު އަތޮޅުގައި އޮތުމުންނާއި އެ އަތޮޅުގެ މީހުން ދަތުރުފަތުރުގައި ހައްދުންމަތީގައި ޖައްސައި ހަދައި އުޅުނުކަން ސާބިތުވާތީއެވެ. ތާޖުއްދީނަކީ ހައްދުންމަތީ ގަމާއި އައްޑު އަތޮޅުގެ ބޭފުޅެއް ކަމަށް ޞަލާޙުއްދީނުވެސް ދެކެވަޑައިގަނެއެވެ. ( ތުޙުފަތުލް އަދީބި 1993: 52 ). އަދި ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އަލްފަޤީޙުލް ޚަޠީބު މުޙައްމަދު ސިރާޖުއްދީނަކީ ތާޖުއްދީނުގެ “ ތިމާގެ ބޭބެއެއް “ ކަމަށް މުޙައްމަދު ލުޠުފީވެސް ލިޔުއްވައެވެ. ( ފަތްތޫރަ 235: 13 ). ފޮނަދޫ ޚަޠީބު ތަކުރުފާނަކީ އައްޑޫ ބޭފުޅެކެވެ. ( ފަތްތޫރަ 264: 11 ). އަލްފަޤީޙު މަޙުމޫދުގެ ތިއްބެވިކަން އެނގެނީ ދެ ދަރިކަލުންނެވެ. އެއީ ޙަސން ތާޖުއްދީނާއި ޙުސައިން ޢަފީފުއްދީނެވެ. މިއީ އެއްބަނޑު ދެ ބޭފުޅުން ކަމެއް ނޭނގެއެވެ. ޙުސައިން ޢަފީފުއްދީނަކީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި ދަންނަބޭކަލެކެވެ. މީނަގެ ބޭފުޅަކީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު ޝައިޚުލްއިސްލާމިއެވެ. މީނަ މަޝްހޫރުވެފައިވަނީ އަތިރީ ފަނޑިޔާރުގެ ނަމުންނެވެ. މީނަގެ ދަރިކަނބަލަކީ އަތިރީ ފަނޑިޔާރުގޭ ޢާއިޝާ މަނިކުފާނެވެ. މީނާއާއި ދޮންބަންޑާރައިންނަކީ އެއްބަނޑު ވަކި ބަފާ ދެ ބޭފުޅުންނެވެ. ދޮށީ ދޮންބަންޑާރައިންނެވެ.
ބަންޑާރާ ނާއިބު ޙުސައިން ޢަފީފުއްދީނާއި އެއްބަނޑު ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ ގަމު ނައިބު ޢަލީއާއި ގަމު ޚަޠީބު މޫސާއެވެ. މި ޚަޠީބު މޫސާ ދިރިއުޅުއްވީ މާލޭގައެވެ. ދިރިއުޅުއްވި ގެއަކީ މާފަންނު ލާމިގަސްދޮށުގެއެވެ. މީނަ މަޝްހޫރުވެފައިވަނީ ލާމިގަސްދޮށުގޭ ޚަޠީބު މަނިކުފާނުގެ ނަމުންނެވެ. އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (1) ކައިވެނިބެއްލެވި ލާމިގަސްދޮށުގޭ ދީދީއަކީ ޚަޠީބު މަނިކުގެ ބޭފުޅެކެވެ. މި ރަދުންގެ ނޫމަރާ ގަނޑުވަރު ގޮމަޔާއި ލާމިގަސްދޮށުގޭ މަނިއްޕުޅު ލިބިވަޑައިގަތީ ލާމިގަސްދޮށުގޭ ދީދީގެ ބަނޑުފުޅުންނެވެ.
ތާޖުއްދީނުގެ ތިއްބެވީ ދެ ދަރިކަލުންނާއި ދަރިކަނބަލެކެވެ. އެއީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަޠީބު އަޙްމަދު މުޙްޔިއްދީނާއި ޚަދީޖާއެވެ. މި ތިން ބޭފުޅުން އެއްބަނޑު ނުވަތަ ނޫންތޯ މިއެއްވެސް ނޭނގެއެވެ. އަދި އެ ބޭފުޅުންގެ މަންމައަކީ ކޮން ރަށެއްގެ ބޭފުޅެއް ކަމެއްވެސް ނޭނގެއެވެ. މި ޚަދީޖާ ލިބިވަޑައިގަތީ ތާޖުއްދީނުގެ ޢުމުރުފުޅުގެ ވަރަށް ފަހުކޮޅުގައެވެ. ޢުމުރުފުޅުން ބާރަ ވަރަކަށް އަހަރުގައި ޚަދީޖާ އަވަހާރަވީއެވެ. ( މާލޭ ހުކުރު މިސްކިތް 2004: 351-352 ).
ތާޖުއްދީނުގެ ފިރިހެން ދެ ބޭފުޅުން ކައިވެނިބައްލަވައިގެން ތިއްބެވީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު (2)ގެ ދެ ބޭފުޅުންނާއެވެ. އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ އަނބިކަނބަލަކީ މަރިޔަމް ކަނބާފާނެވެ. އަލްޚަޠީބު އަޙްމަދު މުޙްޔިއްދީނުގެ އަނބިކަނބަލަކީ ފާޠިމާ ރަނިކިލެގެފާނެވެ.

ތަޢުލީމާއި ތަރުބިއްޔަތު
ތާޖުއްދީނުގެ ފުރަތަމަ އުސްތާޒަކީ އޭނާގެ ބައްޕަ ނުވަތަ ކާފައެވެ. ދެން ގަމު ނާއިބު މޫސާއެވެ. ޒުވާން ޢުމުރުފުޅުގައި މާލެވަޑައިގެން ފޮނަދޫ ޚަޠީބު ތަކުރުފާނުންގެ އަރިހުން ދީނީ ޢިލްމު ހޯއްދަވަން ފަށްޓަވައިފިއެވެ. އެއީ އައްސުލްޠާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގެ ދުވަސްވަރެވެ. މީގެ އިތުރަށް ސައްޔިދު ރަސްގެފާނާއި ޙިޖާޖުކަރައިގެ ބައެއް ދަންނަބޭކަލުންގެ އަރިހުންވެސް ޢިލްމު ހޯއްދެއްވިއެވެ.
ތާޖުއްދީނަކީ ޞޫފީ ޠަރީޤާތަކުގެ ތެރެއިން ޤާދިރީ ޠަރީޤާއަށް ބައިޢަތު ހިއްޕަވައިގެން ހުންނެވި ބޭކަލެކެވެ. އޭނާ ބައިޢަތު ހިއްޕެވީ ސައްޔިދު ރަސްގެފާނުގެ އަތްޕުޅު މައްޗަށެވެ. އަދި މައްކާގައި ދިރިއުޅުއްވި ބޭކަލެއްގެ އަތްޕުޅު މައްޗަށްވެސް ބައިޢަތު ހިއްޕެވިއެވެ. ( ތާޖުއްދީން 1982: 74 )
ޚިދުމަތް
ތާޖުއްދީނުގެ ޚިދުމަތްތަކުގެ ތެރޭގައި ޤައުމީ ޚިދުމަތާއި ޢިލްމީ ޚިދުމަތް ހިމެނެއެވެ.
ތާޖުއްދީނު ފަނޑިޔާރުކަން ދެފަހަރު ކުރެއްވިއެވެ. ފުރަތަމަ ފަހަރު އެ މަޤާމަށް އިސްކުރެއްވީ ދެއްވަދޫ ރަސްގެފާނެވެ. އެއީ 2 ރަބީޢުލްއައްވަލް 1104 ގައެވެ. އޭރު ޢުމުރުފުޅުން 32 އަހަރެވެ. ގާތްގަނޑަކަށް 8 އަހަރު މި މަޤާމުގައި ހުންނެވިއެވެ. ދެން އިސްތިޢުފާ ދެއްވާފައި މައްކާއަސް ވަޑައިގަތީއެވެ. ދެވަނަ ފަހަރު ފަނޑިޔާރުކަމާ ޙަވާލުކުރެއްވީ ދިޔަމިގިލީ ރަދުންނެވެ. އެއީ 1116 ޝައްވާލު 22 ވިލޭރޭގައެވެ. ( ތާޖުއްދީނު 1982: 58) މިފަހަރު ފަނޑިޔާރުކަން ލިބިވަޑައިގަތީ އޭރު އެ މަޤާމުގައި ހުންނެވި އަލްޤާޟީ ނާޞިރުއްދީނު ސިޔާސީ ގަޑުބަޑެއްގައި މާމަކުނުދޫއަށް އަރުވާލެއްވުމުން ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުންނެވެ. މިފަހަރު އޭނާ އަވަހާރަވަންދެން އެ މަޤާމުގައި ހުންނެވިއެވެ. ފަނޑިޔާރުކަން ކުރެއްވީ ޖުމްލަ 31 އަހަރާއި 9 މަހާއި ދުވަސްތަކެއްގައެވެ. ( ތާޖުއްދީން 1982: 74 )
ސައްޔިދު ރަސްގެފާނުގެ ރަސްކަމުގައި ކޮންމެ ރެއަކު މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ހުކުރު މިސްކިތުގައި ޙަދީޘް ކިޔަވައިދެއްވިއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ޢަޞްރު ނަމާދަށްފަހު ދޭވާނީންނާއި މަޖިލީހަށް އަރާ ބޭކަލުން ގޮވައިގެން ވަޑައިގެން މަގުމަގުތަކުގައި ހިންގަވައި ދީނުގެ ޢަމުރު މަޢުރޫފު ހިންގެވިއެވެ. އަޅުން ފަދައިން ދެރަ ނިކަމެތި އަންހެނުން ލައްވައި އުޖޫރަޔަކާއި ނުލައި މަސައްކަތް ކުރުވުމާއި އަދި އެ މީހުން ވިއްކުން މަނާކުރެއްވިއެވެ. ޒަވިލް އަރްޙާމުންނަށް މައްޔިތާގެ ތަރިކައިން ލިބޭނެ ކަމަށް ނިޔާކުރެއްވިއެވެ. ( ދިވެހި ތާރީޚް 1993: 77 ، 78 ).
އޭނާގެ ޢިލްމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އޭނާގެ ތަޞްނީފުތަކެވެ. ފިޤުޙު ޢިލްމާއި ޙަދީޘް ޢިލްމާއި އުޞޫލުލް ފިޤުޙާއި ސީރަތާއި ދިވެހި ތާރީޚު ފަދަ ޢިލްމުތަކުގައި އޭނާ ފޮތްފޮތް ލިޔުއްވިއެވެ. ( ތާޖުއްދީން 1982: 74 ) ހިތާމައަކީ އޭނާ ލިޔުއްވި ތަކެތީގެ ތެރެއިން ރާއްޖޭގެ ތާރީޚު ފޮތް ފިޔަވާ އެހެން ތަކެތި ގެއްލިދިޔަ ކަމެވެ.
ތާޖުއްދީނުގެ އެންމެ ބޮޑު ޚިދުމަތަކީ ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތެކެވެ. މި ޚިދުމަތް ފެންނަން އޮތީ ތާރީޚު އިސްލާމް ދީބާމަޙަލް ގެ ނަމުގައި ޢަރަބި ބަހުން އޭނާ ލިޔުއްވި ފޮތުގެ ގޮތުގައެވެ.

ޙަވާލާ:
ޙަސަން ތާޖުއްދީނު : ތާރީޚު އިސްލާމް ދީބާމަޙަލް ، ޓޯކިޔޯ 1982
ޢަބްދުﷲ ޒަމީރު : ފަތްތޫރަ 264
އެޗް.ސީ.ސީ.ޕީ ބެލް: ދަ މޯލްޑިވް އައިލެންޑްސް: ރިޕޯޓް އޮން ވިޒިޓް ޓު މާލެ، ކޮޅުބު 1921
މުޙައްމަދު ލުޠުފީ: ފަތްތޫރަ 235
މާލޭ ހުކުރު މިސްކިތް ، މާލެ 2004
ދިވެހި ތާރީޚު ، މާލެ 1993
ތުޙުފަތުލް އަދީބި ( ތަންޤީޙް ) މުޙައްމަދު ސަޢީދު ދީދީ ، މާލެ 1993

*ތާޖުއްދީނަށް ދެވަނަ ފަހަރު ފަނޑިޔާރުކަން ދެއްވި އަހަރާމެދު ސުވާލު އުފެދެއެވެ. މޫސާ ނާޞިރުއްދީނު ފަނޑިޔާރުކަމުން ޢަޒުލްކުރައްވައި އޭނާ އަރުވާލެއްވި ކަމަށް ބެލް ލިޔުއްވަނީ ހިޖުރައިން 1126 ވަނަ އަހަރުގައި ކަމަށެވެ. ( ބެލް 1921: 71 ) ބެލް ލިއުއްވާ ގޮތް ރަނގަޅު ކަމަށް ދިރާސާގެ އަލީގައި ބުރަވެވެއެވެ. އެހެން ކަމަށްވާނަމަ ތާޖުއްދީނަށް ދެވަނަ ފަހަރު ފަނޑިޔާރުކަން ލިބިވަޑައިގަތީ 1116 ވަނަ އަހަރަކު ނޫނެވެ. މި ގޮތުން ތާޖުއްދީނު ފަނޑިޔާރުކަން ކުރެއްވި ޖުމްލަ މުއްދަތުވެސް ތާޖުއްދީނުގެ ތާރީޚު ފޮތްތަކުގައިވާ ގޮތާ ތަފާތުވެއެވެ. މި ގޮތުން ބަލާއިރު ފަނޑިޔާރުކަން ކުރެއްވީ ޖުމްލަ 21 އަހަރުއެވެ. ( ނިމުނީ )

 

މަސްދަރު: މިއީ ޙަސަން ތާޖުއްދީން ޙަޔާތްޕުޅާއި ޚިދުމަތްތަކާއި ބެހޭގޮތުން މުޙައްމަދު ވަހީދު ނަދުވީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

0