ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ – ﷲ ގެ ޛިކުރު ގިނައިން ކުރުން 2

ހިތްހަރުކަން ފިލުވުމަށް އެންމެ ފައިދާ ހުރި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

  1. ގެ ޛިކުރު ގިނައިން ކުރުން

ޛިކުރުކުރުމަކީ އުފާ ފާގަތިކަމާއި ރިޒްޤާއި ހައިބަތު ގެނުވައިދޭ ކަމެކެވެ. އަދި އޭގެ ސަބަބުން ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަން ހިތް މައްޗަށް ގެނެވެއެވެ. އަދި އެއިލާހަށް ގިނައިން އަޅުކަންކުރެވި ރުޖޫޢަވެވި ކުއްތަންވެއެވެ. އަދި އެއީ އެއިލާހުގެ ޢަޛާބުން ނަޖާވެވޭކަމެކެވެ. މަކްޙޫލު ވިދާޅުވިއެވެ. ﷲ ގެ މަތިން ހަނދުމަކުރުމަކީ ބޭހެކެވެ. އަދި މީސްތަކުންގެ މަތިން ހަނދުމަކުރުމަކީ ބައްޔެކެވެ.

އަލްޙަސަނުލް ބަޞްރީގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ”އަހަރެންގެ ހިތްހަރުކަމުން އެކަމުގެ ޝަކުވާ ދަންނަވަމެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ޛިކުރުކުރުމުން އެ މަޑުމޮޅިކުރާށެވެ. ޛިކުރުކުރުމުގެ ސަބަބުން ދަރަޖަ އުފުލި، ފާފަ ފުހެވި، އާފާތްތަކުން އެއްކިބާވެ، ބޮޑެތި އުނދަގޫތައް ފިލައި، މުޞީބާތްތައް ލުއިވެ، މޭ ތަނަވަސްވެ އަދި ހިތަށް ހަމަޖެހުން ލިބިގެންދެއެވެ.

﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ [سورة الرعد  ٢٨]

މާނައީ: “ އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟“  އަދި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ވަޞިއްޔަތެއް ކޮށްދެއްވުމަށް އެދިލެއްވި ޞަޙާބީއަށް އެކަލޭގެފާނު އެކަމަށް ވަޞިއްޔަތްކުރެއްވިއެވެ.

((لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللهِ)) [رواه الترمذي] މާނައީ: “ ﷲ ހަނދުމަކޮށް ޛިކުރުކުރުމުގައި ތިބާގެ ދޫ ތެތްކޮށް ބަހައްޓާށެވެ. (އެބަހީ: ވީހާވެސް ގިނައިން އެއިލާހުގެ ޒިކުރުކުރާށެވެ.)“

ﷲ ގެ ޛިކުރުކުރުމުން ހިތްތަކަށް ދިރުން ލިބެއެވެ. ނަބިއްޔާ صلى الله عليه وسلمގ ޙަދީޘްކުރެއްވިއެވެ.

”((مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ)) [متفق عليه“ މާނައީ: ”އެމީހެއްގެ ރައްބުގެ ޛިކުރު ކުރާ މީހަކާ، އެއިލާހުގެ ޛިކުރު ނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާ މަރުވެފައިވާ މީހެއްގެ މިޘާލެވެ.“ ﷲ ތަޢާލާގެ މަތިވެރިކަން އެނގިއްޖެމީހަކު، އެއިލާހުގެ ޛިކުރު ގިނައިން ކުރާނެއެވެ. އަދި ގިނައިން ޛިކުރުކުރުމަކީ ﷲ އާ އޮންނަ ގުޅުމުގައި ތެދުވެރިކަމުގެ ޢަލާމާތެކެވެ.

 

މަސްދަރު:ދިސަލަފިއްޔާ

0