- ކުރީ ލިޔުމުގައި: އެސްފީނާ ޖެއްސި މީހާ ގާތުން އޭނާގެ ހަށިގަނޑު ދޮންނަން އެދިއްޖެ ނަމަ އެކަމަށް އިންކާރު ނުކުރެވޭނެކަން، ރުޤްޔާ ކުރުމުގައި ޚާއްސަ އާޔަތްތައް ކިޔައި ރުޤްޔާ ކުރުމަކީ ކޮންކަހަލަ ކަމެއްކަން.
- މިލިޔުމުގައި: އަމިއްލަ ނަފްސާއި ކުޑަކުދިން އެސްފީނާއާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތައް އަދި ޝައްކެއްގެ މައްޗަށް ބިނާކޮށް އެސްފީނާ ޖެއްސި ކަމުގެ ތުހުމަތު ކޮށްގެން ނުވާނެކަން
އެސްފީނާއާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކިޔުން ވަރަށް މުހިންމެވެ. މިއާއެކު ބައެއް ފަރާތްތަކަށް އުފެދޭ ސުވާލަކީ، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށްފަހު ތުއްތު ކުދިންގެ މޫނަށް ފުމެލުން ކިހިނެއް ވާނެބާއެވެ؟ މިފަދައިން ބައެއް މީހުން ޢަމަލުވެސް ކުރެއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޝައިޚް މުނައްޖިދުގެ ވެބްސައިޓެއް ކަމަށްވާ (https://islamqa.info) އަށް މީހަކު މިފަދައިން، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށްފަހު ތުއްތު ކުދިންގެ ގަޔަށް ފުމެލުމާ ބެހޭގޮތުން ސުވާލު ކުރެއްވުމުން އެސުވާލުގެ ޖަވާބުގައި ވެއެވެ: ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ތުއްތު ކުދިންގެ ގަޔަށް ފުމުމާ ބެހޭގޮތުން ދަންނައެވެ. އެކުދިންނަށް ރުޤްޔާ ކުރުމުގެ ޤަސްދުގައި އެފަދައިން ކަންތައް ކުރެވިދާނެ ކަމަށް ޘާބިތުވެގެން ވާ ކަމެއް އެނގޭކަށް ނެތެވެ. އަދި އެފަދައިން ކަންތައް ކުރުމަށް ތިބާއަކަށް ނަސޭޙަތެއް ނުދެމެވެ. އެހެނެއްކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ވާރިދުވެފައިވާ ކަންކަން ކުރުމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ފަހެ އެކަންތަކުން ފުދޭނެއެވެ. ފަހެ އެންމެ ހެޔޮވެގެންވާ މަގަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި މަގެވެ. والله أعلم.(1)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި މަގަކީ ކޮބައިތޯ ބަލައިލާއިރު، ތުއްތު ދަރިފުޅު ރައްކާތެރި ކުރުމަށްޓަކައި އެދަރިފުޅަށް ރުޤުޔާ ކުރުމަށް ހަދަންވީ ގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދައްކަވާފައެވެ. އެގޮތުން، އެކަލޭގެފާނުގެ ދެ ކާފަ ދަރިކަލުން ކަމަށްވާ ޙަސަން އަދި ޙުސައިން ރަޟިޔަﷲ ޢަންހުމާ އަށް ރައްކާތެރިކަމަށް އެދިވަޑައިގެން އެކަލޭގެފާނު ވަނީ ދުޢާ ކުރަށްވާފައެވެ. ފަހެ އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާ ކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ.
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : ( كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ : إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ : أعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ )(2)
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަސަންގެފާނާއި ޙުސައިންގެފާނަށް، ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިދެބޭކަލުންގެ ބައްޕާފުޅު ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމް، (އެކަލޭގެފާނުގެ ދެދަރިކަލުން ކަމަށްވާ) އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނަށް (ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދި އަންނަނިވި) ދުޢާ ކުރެއްވިއެވެ. “أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ” މާނަ: ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން، އެންމެހާ ޝައިޠާނުންނާއި، އެންމެހާ ވިހަލާ ސޫފިތަކާއި، އެންމެހާ އެސްފީނާ ޖައްސުވައިދޭ ލޮލަކުން ތިޔަ ދެކަލުންނަށް ރައްކާތެރިކަން ދެއްވުމަށް އެދެމެވެ.
އަދިވެސް އެހެން ޙަދީޘެއް ޛިކުރުކޮށްލާނަމެވެ. މިއީ އިމާމް އައްތިރްމިޛީ ރިވާ ކުރަށްވައި ޝައިޚު އަލްބާނީ ޞައްޙަ ކުރަށްވާފައިވާ ޙަދީޘެކެވެ.
عن أبي سعيد الخدري رضي الله عنه قال : ( كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَوَّذُ مِنَ الجَانِّ وَعَيْنِ الإِنْسَانِ حَتَّى نَزَلَتِ الْمُعَوِّذَتَانِ ، فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا )(3)
އަބޫ ސަޢީދުނިލް ޚުދްރީގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ. (ﷲ ޞުބުޙާނަހޫ ވަތަޢާލާ،) މުޢައްވިޛަތައިން (سورة الفلق އަދި سورة الناس) ބާވައިލައްވަވަންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޖިންނި އާއި އެސްފީނާއިން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ. މުޢައްވިޛަތައިން ބާވައިލެއްވުމާއެކު، އެކަލޭގެފާނު، (އެކަންކަމަށް) މުޢައްވިޛަތައިން ކިޔުއްވައި ރުޤްޔާ ކުރައްވަތެވެ. އަދި ކުރިން ކިޔުއްވި ތަކެތި ކިޔުއްވުން ހުއްޓާލެއްވިއެވެ.
އެހެންކަމުން މި ދެ ގޮތުން ތުއްތު ކުދިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެއެވެ. އަދި ކުދިން ބޮޑުވެ އެއްޗިހި ހިތުދަސް ކުރެވެން ފެށުމާއެކު އެކުދިންނަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ދަސްކޮށްދޭށެވެ. އަދި އެ ޛިކުރުތައް ކިޔަން ޢާދަކުރުވާށެވެ.
ދެން އޮތީ ވަރަށް މުހިންމު ވާހަކައެކެވެ. ސަހްލު އިބްނު ޙުނައިފް، އެސްފީނާގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ޙާލަތުގައި ވާތަން ފެނިފަޑައިގަތުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވާލު ކުރެއްވީ، އެކަމަށް، ތުހުމަތު ކުރެވޭ މީހެއް ވޭތޯއެވެ. އާއެކެވެ. ޙަދީޘުގައި ވާ ޙާދިޘާ ފަދައިން ޝައްކެއް ނެތި އެސްފީނާ ޖެއްސި މީހާ އެނގޭ ކަމުގައި ވާނަމަ އެމީހަކު ހޯދައި، އަވަހަށް ޙަދީޘުގައި ވާ ފަދައިން ޢަމަލު ކުރުން މުހިންމެވެ. ނަމަވެސް ތިމާއަށް ވެފައިވާ ޝައްކެއްގެ މައްޗަށް ބިނާކޮށް މީހަކަށް ތިމަންނައަށް ނުވަތަ އެވެނި މީހަކަށް އެސްފީނާ ޖެއްސުވި ކަމުގެ ތުހުމަތު ކޮށްގެން ނުވާނެއެވެ. އެފަދަ ތުހުމަތެއް ކުރަން ވާނީ، ތިމާއަށް އެމީހެއްގެ ފުށުން އެސްފީނާ އަށް މަގުފަހި ވާ ފަދަ ކަމެއް ފެނި ޔަޤީން ވެފައި ވާ ނަމައެވެ. ނުވަތަ ޔަޤީން ނުވާ ނަމަ ބޮޑަށް ހީވާ ނަމައެވެ. އެއްވެސް ޙާލެއްގައި ޝައްކެއްގެ މައްޗަށް ބިނާކޮށް އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. ޝައްކެއްގެ މައްޗަށް ބިނާކޮށް އެފަދަ ތުހުމަތު ކުރެވޭނަމަ، އަޚުން ތަކެއް ކަމަށް ވާން ޖެހޭ މުސްލިމުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ ފެތުރިދާނެއެވެ. އަދި ޔަޤީން ކަމާއެކު، ތުހުމަތު ކުރެވުނު ނަމަވެސް މީސްތަކުންގެ މެދުގައި އޭނާ ލަދުގަންނަވާލައި ހަދައިގެން ނުވާނެއެވެ. އޭނާ ކައިރިން ދޮވުމަށް އެދެން ވާނީ، އިތުރު މައްސަލަތަކެއް މެދުވެރި ނުވާނޭހެން، ރީތިކޮށެވެ. އަޅުގަނޑުމެންގެ މަޤްސަދަކަށް ވާން ޖެހޭނީ އިޞްލާޙު ކުރުމާއި މައްސަލަ ޙައްލު ކުރުމެވެ. މައްސަލަ އިތުރަށް ބޮޑު ކުރުމެއް ނޫނެވެ.(4)
ޙަސަދައިން ސަލާމަތް ވުމަށް މިޒަމާނުގައި ކުރުން އެންމެ މުހިއްމުކަމަކީ، ސޯޝަލް މީޑިއާގައި ދިރިއުޅުމުގެ ހުރިހާކަމެއް ހިއްސާ ނުކުރުމެވެ.
ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް، ޝެއަރކުރާ ކޮންމެ މީހަކީ، ތިމާއަށް ހެޔޮއެދޭ މީހެއްކަމަށް ނުދެކޭށެވެ!
ރިފަރެންސް:
- https://islamqa.info/ar/answers/104454/الطريقة-الصحيحة-لرقية-الطفل-الصغير
- رواه البخاري (3371)
- رواه الترمذي ( 2058 )
- ބައްލަވާ: https://shkhudheir.com/scientific-lesson/1429853383
- https://maithiri.com/102