އިބުރަތްތެރި ވާހަކަ
ރަސްގެފާނުގެ ޚިދުމަތުން ﷲ ގެ އަޅުވެތިކަމަށް
އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެއްގެ އަރިހުގައި ވަރަށް ހެޔޮލަފާ އަދި ބުއްދިވެރި ވަޒީރަކު އުޅުއްވިއެވެ. ރަސްގެފާނުގެ ޚިދުމަތުގައި ދުވަސްގަނޑަކު އުޅުއްވުމަށްފަހު ވަރަށް ކުއްލިގޮތަކަށް ވަޒީފާ ދޫކޮށްލައްވައި، ﷲ އަށް އަޅުކަންކުރެއްވުމާއިގެން ވަޒީރު މަޝްޣޫލުވެވަޑައިގެންނެވިއެވެ. އެއްދުވަހަކު ރަސްގެފާނު، ވަޒީރުގެ އަރިހަށް ވަޑައިގެން ސުވާލުކުރެއްވިއެވެ. ތިބާ ވަޒީރުކަން ދޫކޮށްލެއްވީ ކީއްވެގެން ހެއްޔެވެ؟ ވަޒީރު ވިދާޅުވިއެވެ. އަޅުގަނޑު ޝާހީ ވަޒީފާ ދޫކޮށްލީ ފަސްކަމެއްގެ ސަބަބުންނެވެ. ރަސްގެފާނު ސުވާލުކުރެއްވިއެވެ. އެ ފަސްކަމަކީ ކޮބައިތޯއެވެ؟ ވަޒީރު ޖަވާބުދެއްވިއެވެ. އަޑުއައްސަވާށެވެ!
ފުރަތަމަ ސަބަބަކީ ދަރުބާރުގައި މަނިކުފާނު އިށީނދެވަޑައިގެން އިންނަވާއިރު އަޅުގަނޑު ހުންނަން ޖެހެނީ ކޮޅަށެވެ. އެކަމަކު މިހާރު ﷲ ތަޢާލާއަށް އަޅުކަންކުރާއިރު ނަމާދުގައިވެސް އަޅުގަނޑަށް އިށީނދެގެން އިނުމުގެ ހުއްދަ އޮވެއެވެ. ދެވަނަ ސަބަބަކީ މަނިކުފާނު ފަރީއްކުޅުއްވަން އިންނަވާއިރު އަޅުގަނޑު ހުންނަންޖެހެނީ އެމަންޒަރު ބަލާށެވެ. އެކަމަކު މިހާރު ކެއުމާއި ބުއިމުން ހުސްދުރުވެވޮޑިގެންވާ ޙާލު، އަޅުގަނޑަށް ކާންދެއްވާ ރައްޒާޤުވަންތަ އިލާހެއް ލިބިއްޖެއެވެ. ތިންވަނަ ސަބަބަކީ މަނިކުފާނު އަވަހާރަފުޅުލައްޕަވާއިރު އަޅުގަނޑު ހުންނަންޖެހެނީ ފާރައަށެވެ. އެކަމަކު މިހާރު އަޅުގަނޑު މިވަނީ އަޅުގަނޑު ނިދާފައި އޮންނައިރު އަޅުގަނޑުގެ މައްޗަށް ރައްކާތެރިވެވޮޑިގެންވާ އިލާހެއްގެ އަޅުވެތިކަމުގައެވެ. ހަތަރުވަނަ ސަބަބަކީ މަނިކުފާނު އަވަހާރަވެއްޖެނަމަ މަނިކުފާނުގެ ދުޝްމަނުން އަޅުގަނޑަށް ގެއްލުންދީފާނެކަމަށް އަޅުގަނޑު ހުންނަނީ އަބަދުވެސް ބިރުންނެވެ. އެކަމަކު މިހާރު އަޅުގަނޑު މިވަނީ އަބަދަށް ދެމިވޮޑިގެންވާ އިލާހެއްގެ ޚިދުމަތުގައެވެ. އެހެންކަމުން އެއްވެސް ބިރުވެރިކަމެއް އަޅުގަނޑަކަށް ނެތެވެ. ފަސްވަނަ ސަބަބަކީ އަޅުގަނޑަށް ކުށެއްކުރެވިއްޖެނަމަ މަނިކުފާނު ކޯފާވެދާނެކަމުގެ ބިރު އަބަދުވެސް އަޅުގަނޑަށް އޮވެއެވެ. އެކަމަކު މިހާރު އަޅުގަނޑުގެ ވެރިފަރާތަކީ ދުވާލަކު އެތައް ފާފައެއްކުރެވުނަސް ތައުބާވުމުން އެފާފަތައް ފުއްސަވައިދެއްވާ ނުހަނު އޯގާވަންތަ އިލާހެކެވެ. (ނިމުނީ)

މަސްދަރު: ރާއްޖެއެމްވީ
0