ޚަބަރު
”ޕަބްޖީ“ ފަދަ ގޭމްތަކުން ދީނީ އަދި ދުނިޔެވީ ވާޖިބުތަކަށް ހުރަސްއަޅާ އަދި ތަފާތު ގިނަ ގެއްލުންތަށް ލިބޭ – ޚުތުބާ

”ޕަބްޖީ“ ފަދަ ގޭމްތަކުން ދީނީ އަދި ދުނިޔެވީ ވާޖިބުތަކަށް ހުރަސްއަޅާ އަދި ތަފާތު ގިނަ ގެއްލުންތަށް ލިބޭކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ “ ދިރާސާތަކުން ދައްކާ ގޮތުން، އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ، ”ޕަބްޖީ“ އާއި ”ޖަސްޓު ކޯސް“ އާއި ”ޕޯކެމޯން ގޯ“ އާއި ”ފޯޓްނައިޓް“ ފަދަ ގޭމްތަކަކީ، ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން، ވަރަށް ގިނަ ތަފާތު ގެއްލުންތައް، ކުރިމަތިކުރުވާ ގޭމްތަކެކެވެ. މި ސަބަބުތަކާ ހުރެ، ބައެއް ޤައުމުތަކުގައި،މިފަދަ ބައެއް އިލެކްޓްރޯނިކް ގޭމްތައް ވަނީ މަނާކޮށްފައެވެ.“

އިލެކްޓްރޯނިކް ގޭމްތަކުންލިބޭ ގެއްލުންތަށް ތަފްސީލްކޮށް ދެއްވަމުން ޚުތުބާގައި ވިދާޅުވީ “ އިލެކްޓްރޯނިކް ގޭމްތަކުން ލިބޭ ގެއްލުންތައް ދިރާސާކުރާ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، އެފަދަ ގޭމްތައް ކުޅޭ ޒުވާނުންގެ މެދުގައި، ކުށް ކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޚިޔާލު އަށަގަތުމުގެ އިތުރުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ޚިޔާލުވެސް އުފެދޭކަމަށް ވެއެވެ. އެފަދަ ޒުވާނުންގެ ކިބައިން މުރާލިކަން ކެނޑި، ކަންނެތްކަން އަށަގަނެއެވެ. ގޭމްކުޅެން ގިނަވަގުތު ހޭދަކުރާއިރު އޮށޯވެ އޮވެވޭ ގޮތަކުން، ނުވަތަ އިށީނދެ އިނދެވޭ ގޮތުން ބުރަކަށީގައި ރިއްސައި، ބުރަކަށި ގުދުވެ، މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ނޭނގި ހުއްޓައި، ލޮލަށް ބޮޑެތި ގެއްލުންތައް ލިބި، ލޮލުގެ ފެނުމަށް އަސަރު ކުރެ އެވެ. ލޭގެ ޕްރެޝަރަށް ބަދަލު އާދެއެވެ. ސިކުނޑިއަށް ތަފާތު މައްސަލަތައް ދިމާވެއެވެ.“

ގޭމްކުޅުމާއި މުނިފޫހިފިލުވުމުގެ މިންގަޑު ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުޞޫލުތަކާއި، އަދަބުތަކާ ޚިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއްނޫނެވެ. އަދި ކިއެއްތަ! ވަގުތު ބޭކާރު ކުރުމަކާ ނުލައި، ދަރިންގެ އަޚްލާޤާއި ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ، އަދި ދަރިންގެ ޢިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްޤީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުޞަތު ދިނުމަކީ އެދެވިގެންވާ ކަމެކެވެ. މިއާޚިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ، އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެކެވެ. އަދި އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ، އެ ކުޅޭ މީހާ އަޅުވެތިކޮށްލާކަމެވެ. އެއަށް ދެވި ހިފުމުގެ ސަބަބުން، އޭނާގެ އަގުހުރި ވަގުތުތައް ބޭކާރު ކޮށްލާ ކަމެކެވެ.“

0