Aa’shoora dhuvahuge khaassa report
✒️Mohamed Vishah bin Ali
🛑ފިރުއަޢުނުގެ ލަޝްކަރު ހަލާކު ކުރެއްވުނު ވަގުތު ކަންތައް ހިނގައިދިޔަގޮތް⌛
މި ލިޔުން ލިޔަމުން މިދާ ވަގުތަކީ ޢާޝޫރާ ދުވަހުގެ ޟުޙާ ވަގުތެވެ. މީގެ އެތަކެއް ހާސް އަހަރުކުރިން ފިރުއަޢުނުގެ ނުބައިކަމުން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ވަގުތެވެ.
فأتبعوهم مشرقين
(ފަހެ އެއުރެން (އެބަހީ ފިރުޢައުނާއި އޭނާގެ قومގެ މީހުން) އަނެއް ބައި މީހުންގެ ފަހަތުން ގޮސް އަރާ ހަމަކުރީ އިރު އެރި ވަގުތު ގައެވެ.) سورة الشعراء 60
ފިރުޢައުނާއި އޭނާގެ ލަޝްކަރު ހަލާކުވެ، ކަނޑަށް ޣަރަޤުވެގެންދިޔައީ ޢާޝޫރާދުވަހުގެ ޟުޙާ ވަގުތު ގައެވެ.
އޭގެ ދުވަސްތަކެއް ކުރިއެވެ. މޫސާގެފާނު ބަލިކޮށްލާ، މީސްތަކުންގެ ތެރޭގައި ބޭޒާރުކޮށް ނިކަމެތިކޮށް ލުމަށް ފިރުއަޢުނު ޤަޞްދުކުރިއެވެ. ރޭވުންތައް ރޭވިއެވެ. މޫސާގެފާނާއި ވާދަކޮށް، ބަލިކޮށްލުމަށް ސިހުރުވެރިންގެ ޓީމެއް ޖަމާކުރިއެވެ. މޫސާގެފާނާއި ސިހުރުވެރިން ކުރިމަތިލުމަށް ހަމަ ޖެއްސި ގަޑިއަކީ އެބައިމީހުންގެ ޢީދު ދުވަހުގެ ޟުޙާ ވަގުތެވެ.
قال موعدكم يوم الزينة و أن يحشر الناس ضحى
(އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މަވްޢިދަކީ ޒީނަތްތެރި ކަމުގެ ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަ ވަގުތު މީހުން އެއްކުރެވެން ވާނެއެވެ.) سورة طه 59
ކަންކަން އެނބުރި ބަދަލުވާގޮތް ނިކަން ބަލާށެވެ. ޙާލަތު ބަދަލުވެގެން ދާނީ ކިހިނެއްކަމެއް ބުނެދޭން އެއްވެސް މީހަކަށް ނޭނގޭނެއެވެ. މިއަދު ބާރެއް އޮތެއް ކަމަކު، މާދަމާ އެ ބާރު ވާރުތަވާނީ ތިބާ އަނިޔާވެރިވި މީހުންގެ އަތްމައްޗަށް ކަމަށްވެސް ވެދާނެއެވެ.
އެންމެފަހުން އެޔޮއް ބޮޑު ވެރިކަން ވާރުތަވީ އެ ބަޔެއްގެ ފިރިހެންދަރިން ކަތިލާ، އަޅުންގެ ގޮތުގައި ގެންގުޅުނު ބަނީ އިސްރާއީލުންނަށެވެ.
فأخرجناهم من جنات و عيون.
و كنوز و مقام كريم.
ފަހެ، ތިމަން ރަސްކަލާނގެ، ފެން އާރު ތަކާއި ، ބަގީޗާތަކުންނާއި (ރަނާއި ރިހީގެ) ޚަޒާނާތަކުންނާއި މަތިވެރި މާތް މަޤާމުތަކުން އެއުރެން (އެބަހީ ފިރުޢައުނާއި އޭނާގެ قومގެ މީހުން) ބޭރުކުރެއްވީމެވެ.
سورة الشعراء 58-59
كذلك و أورثناها بني إسرائيل
އެކަންކުރީ އެފަދައިންނެވެ. އަދި އިސްރާއީލު ގެ ދަރިންނަށް ތިމަންރަސްކަލާނގެ އެތަކެތި ވާރުތަކުރެއްވީމެވެ.
سورة الشعراء 57
ކޮންމެއަކަސް، މިއަދުގެ މި ވަގުތު ދެ ލަޝްކަރު ބައްދަލު ވެއްޖެއެވެ. އަދި މޫސާގެފާނާއި އެކުވީ މީސްތަކުން މި ފަދައިން ދެންނެވިއެވެ.
فلما تراء الجمعان قال أصحاب موسى إنا لمدركون
(ފަހެ އެއުރެން އެއް ބަޔަކު އަނެއް ބަޔަކަށް ފެނުނު ހިނދު، މޫސާގެފާނު ގެ އަޞްޙާބުން ދެންނެވޫއެވެ. ހަމަކަށަވަރުން އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.) سورة الشعراء 61
އާދެ، ޙާލަތު ވަރަށްވެސް ނާޒުކެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު އެތަނަށް ގާތްކުރެވުނެވެ. އެހެނެއްކަމަކު، ނިއުޅެމުންމިދާ ނުރައްކާތަކުގެ ސަބަބުން މޫސާގެފާނު ﷲ ތަޢާލާ އަށް ކުރައްވާ އިތުބާރަށާއި ޔަޤީންކަމަކަށް ބަދަލެއް ނުގެންނަވައެވެ. ﷲ ތަޢާލާ އާ މެދު އީޖާބީކޮށް ވިސްނަމުން މޫސާގެފާނު ވިދާޅުވިއެވެ.
(އެކަލޭގެފާނުގެ ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނާއިއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ.)
سورة الشعراء 62
މޫސާގެފާނުގެ ޤައުމުގެ މީހުން ފިރުއައުނުގެ ލަޝްކަރުގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ކުރިމަތީގައި އޮތް ބޮޑު ކަނޑުގެ ފެންގަނޑު ދެފަރާތަށް ކެހިގެންގޮސް މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ރައްކާތެރިކަން މިންވަރުކުރެއްވިއެވެ.
ތިބާ ނިކަމެތި ޙާލެއްގައި ވީކަމުގައިވިޔަސް ﷲ އަށް ފުރިހަމައަށް އިތުބާރު ކުރާށެވެ. ވަކީލުކުރާށެވެ. އެކަލާނގެ ތިބާގެ ޙާލަތު ދެނެވޮޑިގެންވެއެވެ. ތިބާގެ އިޙްސާސްތަކާއި ވޭންތައް ދެނެވޮޑިގެންވެއެވެ. ތިބާގެ ރުއިމުގެ އަޑާއި ތިބާގެ ދުޢާތައް އައްސަވާވޮޑިގެންވެއެވެ.
މާޔޫސްކަމުގެ ތެރެއިން އުއްމީދު ގެ ހުޅުކޮޅު ފެންނަނީ ކިތައް ފަހަރު ހެއްޔެވެ? ރޭގަނޑުގެ ކަޅު އަނދިރިކަމަށްފަހު، ފަޖުރުގެ އަލިކަން ފާޅުވެއެވެ.