ޚަބަރު
ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް – ޚުތުބާ

ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއްކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވީ “ ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތެވެ. ދީންވެރި ކަމާ ނުލައި ލަދުވެތިކަމެއް ނެތެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ.

ބުއްދީގެ ނިޢުމަތުގެ މުޙިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ބުއްދި އަކީ ރިޒުޤު ދެއްވާފަދައިން އެކިވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެކެވެ. ބުއްދީގެ ނިޢުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެންވެއެވެ. އަދި ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެންވެއެވެ. ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެވެ.“

ބުއްދީގެ ނިޢުމަތުގެ ހެޔޮގޮތުގައި ބޭނުން ހިފުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ބުއްދި އަކީ އިންސާނާގެ ފާރަވެރިޔާ އެވެ! އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި އެވެ. ބައެއް ދަންނަބޭކަލުންނާއި ޙަކީމުންގެ ކިބައިން އައިސްފައިވެ އެވެ. ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ އެވެ. އެއީ އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް ނަފްސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާ އެކު ހޭދަކުރާ ވަގުތެވެ. މިކަންކަމަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އިންސާނާ އަށް މަގު ދައްކައިދޭނޭ ކަންކަމެވެ.“

1