އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް، ރިޕޯޓެއް ޝާއިއު ކުރި މައްސަލައިގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
މި ޖަމިއްޔާ އުވާލަން މި ނިންމީ، ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ. ފުލުހުން މިގޮތަށް އަންގާފައި ވަނީ އެމްޑީއެންގެ ރިޕޯޓް އިލްމުވެރިންގެ ޓީމެއް ލައްވައި ދިރާސާކުރުމަށް ފަހު ގައެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވާ ކަމަށެވެ. އެހެންވެ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.