ކީރިތި ޤުރުއާނަކީ މުސްލިމުންގެ ހިތާއި ފުރާނައާ ޝަމީރުގެ ކާނާކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގައި މިކަން ބަޔާންކޮށް ވިދާޅުވީ “ އަޅުގަނޑުމެން މުސްލިމުންގެ މުޅި ޢަމަލީ ޙަޔާތް، ކީރިތި ޤުރްއާނާ އެއްގޮތަށް ބައްޓަން ކުރަން ޖެހެއެވެ. އެފޮތަކީ މުސްލިމުންގެ ހިތާއި ފުރާނައާ ޝަމީރުގެ ކާނާ އެވެ. އަދި އެފޮތް ކިޔަވައި، ތިލާވަތު ކުރާ މީހާގެ ހިތަށް ދިރުން ލިބި، ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުވާނެ އެވެ. ދިރިއުޅުމުގެ ޝައުޤުވެރިކަން މީހާގެ ހިތުގައި އުފައްދައިދޭނެ އެވެ. ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު ކަމުގައި ވީ ފަދައިން އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އެންމެ ބޮޑު އަސާސް ވެސް މެއެވެ. އަދި އެންމެހައި ނުރައްކާތަކުން މުއުމިނު އަޅާ ސަލާމަތްކޮށްދޭނެ ގަދަފަދަ އަށްޑަނަ އެވެ“.
މިއަދު ހަލަތާއިމެދު ނަޒަރުހިންގާލާ ޚުތުބާގައި ވިދާޅުވީ “ މިއަދު އަޅުގަނޑުމެން ވަނީ އެ މަތިވެރި އިލާހީ ކަލާމްފުޅާ ދުރަށް ގޮސްފަ އެވެ. އެފޮތަށް ފުރަގަސްދީ، އޭގައިވާ ޙުކުމްތަކާ ޚިލާފުވެފަ އެވެ އަދި މިއަދު އަޅުގަނޑުމެންނަށް ވަނީ އެ ފޮތް ތިލާވަތު ކުރުމާއި، އެ ގޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށް ވެފައެވެ. އޭގެ ސަބަބުން އަޅުގަނޑުމެން ވަނީ ދީނާ ދުރުވެފައެވެ. އަދި އެހެން މީހުންގެ ކުރިމަތީގައި އަޅުގަނޑުމެން ވަނީ ނިކަމެތިވެފައެވެ.“
ކީރިތި ޤުރުއާނުގެ މަގަށް ރުޖޫޢުވުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ އަޅުގަނޑުމެންގެ ބަލިކަށިވެފައިވާ ޢަޤީދާ އާއި އީމާންކަން ވަރުގަދަކުރެވި، އަޅުކަމުގެ ޙަޤީޤީ ރާޙަތާއި ފޮނިކަން އިޙްސާސް ކުރެވޭނީ މާތް ﷲ ގެ މަގަށް ރުޖޫޢަވެގެންނެވެ. ކީރިތި ޤުރްއާން ކިޔަވައި އޭގެ އާޔަތްތަކާ މެދު ވިސްނައި ފިކުރު ހިންގުމުންނެވެ. ކީރިތި ޤުރްއާނުގައި އީމާންކަމާއި ވަޢުދާއި ވައީދުގެ ބަސްފުޅުތަކާއި، ޙުކުމްތަކާއި، އިސްވެ ގޮސްފައިވާ މީހުންގެ ޚަބަރުތަކާއި އަދަބާއި ރިވެތި އަޚްލާޤުގެ ވާހަކަތައް ވެއެވެ. އެއީ ޤުރްއާން ކިޔަވާހިނދު ހެޔޮވިސްނުމުން ވިސްނާ ތަދައްރަބުކުރާ މީހަކަށެވެ. މިކަމަކީ އީމާންކަން ހަރުދަނާ ކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތެވެ.“