ނަޞޭޙަތާއި އިރުޝާދު
ދަރިން ތަރުބިއްޔަތު ކުރުމުގައި ދެނެގަންނަން ޖެހޭ ކަންތައްތައް-2: ދަރިންގެ ޙައްޤުތައް

އިސްލާމް ދީނުގައި، ދަރިންނަށްޓަކައި ޙައްޤުތަކެއް ކަނޑައަޅާފައި ވެއެވެ. އަދި ކިއެއްތަ މި ޙައްޤުތައް ފެށެނީ ކުއްޖާ ވުޖޫވުމުގެވެސް ކުރިންނެވެ. 

ދަރިފުޅު ވިހެއުމުގެ ކުރިން ދަރިފުޅައްޓަކައި މައިންބަފައިންގެ މައްޗައް ވާ ޙައްޤުތައް 

  1. އެ ދަރިފުޅައްޓަކައި ހެޔޮލަފާ، ޞާލިޙު މަންމަ އެއް އިޚްތިޔާރު ކުރުން. މާނައަކީ ޞާލިޙު އަންބަކު އިޚްތިޔާރު ކުރުމެވެ. ތިމާގެ ދަރިންގެ މަންމަ ކަމުގައި ވާހުށީ ޙަޔާތުގެ ބައިވެރިއެއް ކަމުގައި ތިބާ ޚިޔާރު ކުރާ ފަރާތެވެ. 
  2. މައިމީހާގެ ރަޙިމުގައި ދަރިފުޅު ވާ ދުވަސަވަރު ދަރިފުޅަށާއި މައިމީހާއަށް އަޅާލުން. އަދި ދީނުގައި މާބަނޑުމީހަާއަށް ކަނޑައަޅާފައިވާ ލުއިފަސޭހަތަކުން އޭނާ މަޙުރޫމު ކުރެވިގެން ނުވާނެއެވެ. އިސްލާމް ދީން ވަނީ މާބަނޑު ދުވަސްވަރުގައި ދަރިފުޅުގެ މަންމަ އަށް ކަނޑައަޅާފައިވާ ފަސޭހަ ތަކުގެ ތެރެއިން އެއް މިޘާލަކީ، މާބަނޑުމީހާ އަށް ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަކަން ދެއްވާފައި ވުމެވެ. މިފަދަ ލުއިފަސޭހަތަކުން މައަމީހާ މަރޫމުކުރެވިގެން ނުވާނެއެވެ.
  3. ދަރިފުޅު ރަޙިމުގެ ޙަޔާތް ވެއަތުކުރަމުންދާ ދުވަސްވަރު އެދަރިފުޅުގެ ދިރިހުރުމުގެ ޙައްޤު ރައްކާތެރި ކުރުން. 

ދަރިފުޅު ވިހެއުމާއެކު ދެމަފިރިންނަށް ލިބޭނެ އުވާވެރިކަމަކީ އެ އިޙްސާސް ތަޖުރިބާކޮށްފައިވާ މީހަކަށް މެނުވީ ތަސައްވަރު ނުކުރެވޭނެ އުފާވެރިކަމެކެވެ. މި އުފާވެރިކަމާއެކު، ވިހެއުމުގެ ފަހުންދަރިފުޅަށް ދޭންޖެހޭ ޙައްޤުތަކަށް ރައްކާތެރިވެ އެކަންތައް ކޮށްދޭންވާނެއެވެ.

ދަރިފުޅު ވިހެއުމުގެ ފަހުން ދަރިފުޅައްޓަކައި މައިންބަފައިންގެ މައްޗައް ވާ ޙައްޤުތައް

  1. ކުއްޖާ ތަޙްނީކު ކުރުން 
  2. މާނަ ރީތި ނަމެއް ކިޔުން 
  3. ޢަޤީޤާ ކަތިލުން
  4. ދަރިފުޅުގެ ބޯބާލައި، އިސްތަށީގެ ބަރުދަނަށް ޞަދަޤާތްކުރުން
  5. ޚިތާނު ކުރުން
  6. ކިރުތުނބުން ވީއްލަންދެން މައިމީހާގެ ގާތުން ކިރު ދިނުން 
  7. ދަރިފުޅަށް ކުރަން ޖެހޭ ޚަރަދުތައް ކުރުން
  8. ދަރިފުޅަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދިނުން
  9. ދަރިންގެ މެދުގައި ޢަދުލުވެރިވެ، ތަފާތު ނުކުރުން
  10. ދަރިފުޅުގެ ޞިއްޙަތައް ރައްކާތެރިވެ، ބަލިވެއްޖެނަމަ ފަރުވާ ހޯދައިދޭން މަސައްކަތް ކުރުން
  11.  ނުރައްކާތަކުން ދަރިފުޅުގެ ނަފްސު ޙިމާޔަތް ކޮށް ރައްކާތެރިކުރުން
  12. ތަރިކަ މުދަލުންނާއި، ވަޞިއްޔަތެއް ނުވަތަ ހިބައަކުން ނުވަތަ ވަޤްފަކުން ނަމަވެސް އެދަރިފުޅަށް ލިބެން ޖެހޭ އެއްޗެއް ދިނުން

މިލިޔުމަކީ އައްޝައިޚް މުޙައްމަދު ޞާލިހް އަލްމުނައްޖިދު ލިޔުއްވާފައިވާ ”48 فائدة في تربية الأولاد“ އަސްލަކަށްބަލައިގެން ލިޔާ ލިޔުމެކެވެ.

5