ދަރިންނަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތަކުގެ ތެރެއިންވާ މަތިވެރި ނިޢުމަތެކެވެ. އަދި އެއިލާހުގެ ޙަޟްރަތުން އަހަރެމެންމަށް ހިބަކުރެވިފައިވާ ބޮޑު ހިބައެކެވެ.
މި ނިޢުމަތަށް ޝުކުރު އަދާކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ މައްޗަށްވެސް ވާ ވާޖިބެކެވެ. ފަހެ ތިމާ، މިދުނިޔޭގައި ވެއަތުކުރާ ޙަޔާތް ޒީނަތްތެރި ކުރުވާ އެއްޗެއް ކަމުގައި ދަރިން ވެއެވެ. ފަހެ ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ.
﴿ٱلۡمَالُ وَٱلۡبَنُونَ زِینَةُ ٱلۡحَیَوٰةِ ٱلدُّنۡیَاۖ﴾ [يورة الكهف: ٤٦]
މާނަ: “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.”
އަދި ހެޔޮ ދަރިން ދެއްވުމަށް އެދި އަހަރެމެން އަބަދުވެސް ދުޢާ ކުރަން ވާނެއެވެ. ﷲ ވަނީ އެއިލާހުގެ ފޮތުގައި ޞާލިޙު ދަރިން ދެއްވުމަށް އެދި ކުރެވިދާނެ ދުޢާއެއް އަހަރެމެންނަށް ދަސްކޮށްދެއްވާފައެވެ.
﴿وَٱلَّذِینَ یَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰجِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا﴾ [سورة الفرقان ٧٤]
މާނަ: “އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިއިލާހުއެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
ﷲ ޞުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް ދެއްވާ މިނިޢުމަތުގެ މަރިވެރިކަން ދެނެގަނެ، އެއިލާހަށް ޝުކުރުވެރިވެ، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކޮށް، މުޖުތަމަޢަށާއި އުންމަތަށް ފައިދާކުރާނެ ފަދަ ބަޔަކަށް ދަރިން ހެދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބައްޕައަކާއި މަންމައެއްގެވެސް މައްޗަށް ވާ ވާޖިބެކެވެ.
މިލިޔުމަކީ އައްޝައިޚް މުޙައްމަދު ޞާލިހް އަލްމުނައްޖިދު ލިޔުއްވާފައިވާ “48 فائدة في تربية الأولاد” އަސްލަކަށްބަލައިގެން ލިޔާ ލިޔުމެކެވެ.