ނަޞޭޙަތާއި އިރުޝާދު
އެމްޑީޕީގެ ޢާންމު މެމްބަރުން ތެދުވެ، އެމްޑީޕީގެ ލީޑާޝިޕް މަސްއޫލުވެރި ކުރުވަން ޖެހޭ!

ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތް ﷲ އާއި އެ އިލާހުގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم ދެކެ އިންތިހާއަށް ލޯބިވާ ބަޔަކު ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެ ރައްޔިތުންގެ ތެރެއިން މަދު ނޫން ނިސްބަތެއް، ނިސްބަތްވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ.

ޖެހިގެން މިއުޅޭ މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކުގެ (އެމްޑީއެންގެ) މައްސަލައަކީ، ސިޔާސީ މައްސަލައެއް ނޫނެވެ. ޖެހިގެން މިއުޅެނީ ދީނީ މައްސަލައެކެވެ. ދިވެހިރާއްޖޭގައި ސެކިއުލަރިޒަމް ނުވަތަ ލާދީނިއްޔަތު ފަތުރަން ގަދަ އަޅައި މަސައްކަތް ކުރާ އެމްޑީއެން ޖަމްޢިއްޔާއިން ކެނެޑާގެ ފަންޑަކުން ފަންޑު ނަގައިގެން، ދިވެހިން ތަބާވެގެން ތިބި ކައުވަންތަ މާތް ﷲ ބާއްވައިލެއްވި އެންމެ ފަހުގެ ރިސާލަތު ކަމުގައިވާ އިސްލާމްދީނާއި، އަދި ދިވެހިން އެ އިންސާނެއް ދެކެ އެންމެ ލޯބިވާ، އެންމެ ޤަދަރުކުރާ އިންސާނާ، މާތް ނަބިއްޔާ صلى الله عليه وسلم އަށް ކުޑައިމީސް ބަސްބުނެ، ރިޕޯޓެއް ޢާންމުކޮށްގެން އުޅޭ މައްސަލައެކެވެ. މިއީ، ދީނީ ކަމެކެވެ. މިއީ ޢަޤީދާގެ ކަމެކެވެ.

ނަމަވެސް ހިތާމައަކީ، އެމްޑީޕީގެ ނިންމުން މިހާރު ފެނިގެން މިދަނީ، އިސްލާމްދީނާއި މާތް ނަބިއްޔާއާ ދެކޮޅަށް ރިޕޯޓު ހެދުމުގެ ޖަރީމާ ހިންގި އެމްޑީއެންގެ ދިފާޢުގައި ނުކުމެފައިވާ ތަނެވެ. ތެދެކެވެ. އެމްޑީއެންގައި ތިބީ އަބަދުވެސް އެމްޑީޕީގެ އެންމެ އިސް ސަފުތަކުގައި އުޅޭ މީހުންނެވެ. އަދި، އެމްޑީޕީގެ އިސް ލީޑާޝިޕްގެ ވަރަށް ގާތް އެކުވެރިންނެވެ. ބައެއް މީހުންނަކީ ޢާއިލީގޮތުން ގުޅިފައިވާ މީހުންނެވެ. ނަމަވެސް އެމްޑީޕީ އަކީ ހަމައެކަނި، އެމްޑީޕީގެ އިސް ލީޑާޝިޕެއް ނޫނެވެ. ނުވަތަ އެއީ ރައީސް މުޙައްމަދު ނަޝީދެއްވެސް ނޫނެވެ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއެވެ. ދިވެހިރާއްޖޭގެ އެތަން މިތަނުގައި ވާ އިސްލާމްދީނުގެ ހިދާޔަތަށް ތަބާވާ ދިވެހިންގެ ޕާޓީއެކެވެ. އެހެންކަމުން، އެ ޕާޓީން ނިންމާ ކޮންމެ ނިންމުމެއް ވާން ޖެހޭނީ، މި ދެންނެވި ރައްޔިތުން ވިންދާ އެއް ގޮތަށް ނިންމިގެންދާ ނިންމުމަކަށެވެ. ޚާއްޞަކޮށް، ދީނާއި ޢަޤީދާގެ މައްސަލަތަކުގައެވެ. އޭގައި، އިސް ލީޑާޝިޕުން ޑާޓީ ޕޮލިޓިކްސް = ހަޑިމުޑުދާރު ސިޔާސީ ކުޅި ކުޅެގެން ނުވާނެއެވެ.

ނަމަވެސް، މިކަންތައް ވެގެން މި ދަނީ، ޢާންމު މެމްބަރުން ރުހޭ ގޮތަކަށް ނޫނެވެ. އެ ރައްޔިތުން ވެސް އެ ދަނީ، މީސްމީޑިއާގައި ވަރަށް ބޮޑަށް އެމްޑީއެން އާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެމްޑީއެން އުވާލުމަށް ގޮވައިލަމުންނެވެ. އެ ހަޑިމުޑުދާރު ކުފުރުގެ ރިޕޯޓު ނެރުނު މީހުންނާމެދު ޤާނޫނުގައި އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅައި ދިނުމަށެވެ. ސަރުކާރުގެ އެންމެ މަތީ ވަޒީފާތަކަށް އައްޔަން ކުރައްވާފައިވާ އެ ޖަމްޢިއްޔާގެ އިސް މީހުން، ވަޒީފާތަކުން ވަކި ކުރެއްވުމަށް ސަރުކާރަށް ގޮވައިލަމުންނެވެ.

އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އެންމެ ފުރަތަމަވެސް އުޅުއްވީ، އެމްޑީއެންގެ ރިޕޯޓަކީ މައްސަލައެއް ނޫންކަމުގައި ދެއްކެވުމަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ޓްވީޓު ކުރެއްވީ، އެމްޑީއެންއާ ދެކޮޅަށް ވާހަކަ ދައްކާ ރައްޔިތުންނާ ދެކޮޅަށެވެ. އެއީ ސިޔާސީ ބޭނުމަކަށް، ބަޔަކު މީހުންނާ މެދު ނަފުރަތު އުފެއްދުން ކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް، ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްޔިތުންގެ ނުރުހުމާއި ނަފްރަތު ލިބުމުން، ދެން ޖެހިގެން އައި ދުވަހު، އެމްޑީއެންގެ ރިޕޯޓުގައި އެކަށީގެން ނުވާ ބަސްތަކެއް ހުރި ކަމަށް އެއްބަސްވެ ވަޑައިގެން، އެއީ ގޯހެއް ކަމުގައި ވިދާޅުވިއެވެ. ނަމަވެސް އަނެއްކާވެސް، މަޖިލީހުގައިވެސް އެމްޑީއެންގެ ދިފާޢުގައި ތަފާތު ވާހަކަތަށް ދެއްކެވިއެވެ. އޭގައި މައްސަލަ ޖެހިގެން އުޅެނީ، ހަމައެކަނި މާތް ނަބިއްޔާގެ ނަންފުޅު ގަނެވޭ ތަންތަނުގައި ޞަލާވާތް ލެއްވުން އެދި ދުޢާގެ ޢިބާރާތް ލިޔެފައި ނުވުން ކަމަށް ބުނެ ބުހުތާނު އިތުރުފުޅު ހެއްދެވިއެވެ. އަދި ޞަޙީޙް މުސްލިމް ގެ ދިވެހި ތަރުޖަމާ ނެރުއްވި ރޭވެސް، މުޅި ވާހަކަ ބިނާކުރެއްވީ އެމްޑީއެންގެ ދިފާޢުގައެވެ. މާތް ނަބިއްޔާގެ ޙަދީޘްފުޅު ހިމެނޭ އެންމެ މަތިވެރި އެއް ފޮތް ނެރުއްވިއިރުވެސް، ރައީސް ނަޝީދު ދިފާޢު ކުރެއްވީ މާތް ނަބިއްޔާގެ ނަބީކަމަށް ޝައްކު އުފައްދާފައިވާ، އެކަލޭގެފާނަކީ ހައްދުފަހަނައަޅާފައިވާ ތަކްފީރީއެކޭ ބުނެފައިވާ އެމްޑީއެންގެ ރިޕޯޓެވެ. އެވެސް ދޮގު ބުހުތާން ހައްދަވައިގެންނެވެ. ދެން އެންމެ ފަހުން، ރޭގައި، އަޙްމަދިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވަމުން ގެންދެވީ، ޙައްޤާއި ބާޠިލަކީ ނިސްބީ އެއްޗެއް ކަމުގައެވެ. އެއްބަޔަކު ރަނގަޅު ކަމަށް ދެކޭ ކަންކަން އަނެއް ބަޔަކު ނުރަނގަޅު ކަމެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ. އަދި އެނުބައި ކަމުގެ ލޭބަލް ކުރެވުނު މީހުންނާއި، އެމީހުންނަށް ތާއީދު ކުރާ މީހުން އެކަން ދިފާޢު ކުރާނެ ކަމަށެވެ. އެ ޖަލްސާގައިވެސް މަސައްކަތް ކުރައްވާފައި ވަނީ، އެމްޑީއެން އިން އެ ކުރި ކަމަކީ މާ ބޮޑު ކަމެއް ނޫން ކަމުގައި ދެއްކުމަށެވެ. އެއީ ހަމައެކަނި ޚިޔާލު ތަފާތު ވުމެއް ކަމުގައި ދެއްކުމަށެވެ. އެކަންކަން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ޚިޔާލު ތަފާތުވުންތަކަށް ޖާގަ ދެވެން ޖެހޭނެ ކަމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް ސްކޫލު ދަރިންވަރުންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކައެވެ. ދިވެހިރާއްޖޭގެ އިސްލާމްދީނާއި ޤާނޫނުތަކާ ކަނޑައެޅިގެން ފުށުއަރާ ފިކުރުތަކެއް ޕްރޮމޯޓު ކުރައްވާ ދެއްކެވި ވާހަކައެވެ.

އަދި އެވަރުން ކަމު ދިޔައީއެއް ނޫނެވެ. އިއްޔެ، ރައީސް ނަޝީދުގެ ޤިޔާދަތުގައި، ނުރަސްމީ ކުއްލި ޖަލްސާއެއްގެ ނަމުގައި، އެމްޑީޕީގެ ނުރަސްމީ ބައްދަލުވުމެއް ޤައުމީ މަޖިލީހުން ބޭއްވިއެވެ. އެ ބައްދަލުވުމަށްފަހު، ނެރުނު ނޫސް ބަޔާނުގައި ވަނީ، އަމިއްލަ ޖަމްޢިއްޔާތައް އުލާވުމަށް އެ ޕާޓީން ތަރުހީބު ނުދޭކަމަށެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، އެމްޑީއެން އުވާލުމަކީ، އެމްޑީޕީން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. މިއީ ދިވެހި ރައްޔިތުން، އެކީ އެކައްޗަކަށް އެމްޑީއެން އުވާލުމަށް ގޮވައިލަމުން ދާ ވަޤުތެއްގައި، އެމްޑީޕީން އެކަމުގައި ހުރި ކޮޅަކީ ކޮބައިކަން ރަސްމީކޮށް ރައްޔިތުންނަށް އަންގައިލުމަށް ނެރުނު ނޫސް ބަޔާނެކެވެ. އެ ނޫސް ބަޔާނަށް ރައްޔިތުންގެ ނުރުހުމާއި ނަފްރަތު އޮހެން ފެށީމައި، އެ ނިންމުން ނިންމީ ޤައުމީ މަޖިލިސްގެ 57 މެމްބަރުންގެ މަޝްވަރާއަށްފަހު ގައި ކަމަށް އެ ޕާޓީގެ ރަސްމީ ޓްވިޓާގައި އިޢުލާން ކުރިއެވެ.

މިހުރިހާ ކަމަކުން އެނގިގެން ދިޔައީ، އެމްޑީޕީން އެ ތިބީ، އެންމެ ފަހު ވަޤުތާ ޖެހެންދެންވެސް އެމްޑީއެންގެ ދިފާޢުގައި ކުރެވުނު ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމެވެ. އެކަމުގައި ވާން ޖެހުނު ހުރިހާ ޤުރުބާނީއެއް ވުމަށް ތައްޔާރަށް ކަމަށެވެ.

މިއީ އެމްޑީޕީގެ ޢާންމު މެމްބަރުން އެދޭނެ ގޮތެއް ނޫންކަން ހަމަ ޔަޤީނެވެ. އެމްޑީޕީގެ ޢާންމު ރައްޔިތުންނަކީ، ” އަންނިއާ ހިތާއި ހިތުގެ ގުޅުން” އޮންނަ ބައެއް ކަމުގައި ވިޔަސް، އެބައިމީހުންނާ މާތް ނަބިއްޔާ އާ އޮންނަނީ، ފުރާނާގެ ގުޅުން ކަމުގައި ބުނެވިދާނެއެވެ. އެއީ ދިވެހިންނެވެ. ދިވެހިންގެ ގައިގާ ހިނގާނީ މާތް ނަބިއްޔާ ދެކެ ވާ ލޯބީގެ ލެޔެވެ. ޖަހާނީ މާތް ނަބިއްޔާ ދެކެ ވާ ލޯބީގެ ވިންދެވެ.

އެހެންކަމުން، އެމްޑީޕީގެ ލޮބުވެތި ރައްޔިތުންނަށް ގޮވައިލަމެވެ. އެމްޑީޕީގެ މި ނޭނގާނީ ޖަރީމާއާ ދެކޮޅަށް ތިޔަ ރައްޔިތުން ނުކުމެ، ޕާޓީގެ ލީޑާޝިޕް މަސްއޫލުވެރި ކުރުވަން އެބަ ޖެހެއެވެ.  އެމްޑީޕީން އެއްވެސް އަގަލެއް ނެތި، މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރި ބަޔަކަށް ދެމުންދާ ޙިމާޔަތާއި، ކުރަމުންދާ ދިފާޢާ ދެކޮޅަށް ތެދުވެ، ތިއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫންކަމުގައި ބުނެ، ތިކަން ވަޤުތުން ވަޤުތަށް ހުއްޓައިލައި، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި ބައިގަނޑާ ދެކޮޅަށް ޕާޓީން ތެދުވުމަށް ގޮވައިލާށެވެ. އަދި، ޕާޓީން މިހާރު ކުރަމުން އެދާ ހަޑިމުޑުދާރު ކަންކަމަކީ ތިމަންމެންގެ ނަމުގައި ކޮށްގެން ވާނޭ ނޫން ކަމެއް ކަމުގައި ފާޅުގައި ބުނަން އެބަޖެހެއެވެ.

މާތް ނަބިއްޔާގެ ދިފާޢުގައި ތެދުވެ، އެކަލޭގެފާނަށް ފުރައްސާރަ ކުރި މީހުންނާއި، އެބައިމީހުންގެ  ދިފާޢުގައި ވަކާލާތު ކުރަމުންދާ މީހުން، ކުޑަކަކޫ ބިމުގައި ޖެހެންދެން މަސައްކަތް ކުރައްވާށެވެ. ކާމިޔާބީ އާއި ނަޞްރުވަނީ މާތް ﷲ ގެ ދީނުގައެވެ. އެކަލާނގެ ނަބިއްޔާ ދެކެ ލޯބިވުމުގައެވެ.

0