ނަޞޭޙަތާއި އިރުޝާދު
ފިޤްހު: ފެނަށް އެޅޭ ޠާހިރު އެއްޗެއްގެ ސަބަބުން އެ ފެނުގެ ޙުކުމަށް އަންނަ ބަދަލު

ފެނަށް ނަޖިހެއް އެޅުމުގެ ސަަބަބުން އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އަތުވެއްޖެ ނަމަ، އެފެނަކީ ނަޖިސް ފެން ކަމުގައި ވާނެކަން. މިއީ ޢިލްމުވެރިން އެކަމާމެދު އިއްތިފާާޤު ވެލައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް ފެނަށް ޠާހިރު އެއްޗެއް އެޅިއްޖެ ނަމަ، ފެނުގެ ޙުކުމަށް އަންނަ ބަދަލާމެދު ބައެއް ޙާލަތްތަކުގައި ޢިލްމުވެރިން ޚިލާފުވެލައްވާފައި ވެއެވެ. ފަހެ ފެނަށް ޠާހިރު އެއްޗެއް އެޅިއްޖެ ނަމަ، އެ ފެން ވާހުށީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.

ފުރަތަމަ ޙާލަތް: ފެނަށް ޠާހިރު އެއްޗެއް އެޅުނު ކަމުގައި ވީނަމަވެސް އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު ނައަންނަ ނަމަ، އެފެން ވާހުށީ ހަމަ ޠާހިރު ފެން ކަމުގައެވެ.

ދެވަނަ ޙާލަތް: ފެނާ އެކުވާ ޠާހިރު އެއްޗަކުން ފެނުގެ ސިފައަކަށް ނުވަތަ ސިފަތަކަކަށް އަންނަ ބަދަލެއްގެ ސަބަބުން ފެނުގެ ނަން ނޫން އެހެން ނަމެއް އެއަށް ދެވުން، ނުވަތަ ފެނުގެ ނަން އެއަށް ނުދެވޭ ވަރަށް ބަދަލު ވުމެވެ. މިޘާލަކަށް ހޫނު ފެންތައްޓަކަށް ސައިފަތް ޕެކެޓެއް ލައި ގިރާލުމުން އެފެނުގެ ރަހައާއި ކުލަ އަދި ވަހަށްވެސް ބަދަލު އަންނަ ހުއްޓެވެ. އަދި އެއަކަށް ދެން ފެނެކޭ ނުކިޔާނެއެވެ. ސައިފަތާ އެކުވުމުގެ ނަތީޖާ އަކަށް ވެގެން ދާނީ، އެފެންތަށި ސައި ތައްޓަކަށް ބަދަލުވުމެވެ. މިހާރު އެއަށް ކިޔާނީ ސައެވެ. ފެނެއް ނޫނެވެ. ފެނަށް މިފަދަ ބަދަލެއް އައިސްފި ނަމަ އޭގެ ޙުކުމަށް ބަދަލު އާދެއެވެ. އެއީ އޭގެއިން ވުޟޫކުރުން ފަދަ ޙަދަޘުން އެރެގަތުން ދެން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އެއީ ފެން ކަމުގައި ނުވާތީ އެވެ. އަދި ޙަދަޘުން އެރެގަނެވޭނެނީ ފެނުން ކަމަށް ވާތީއެވެ.

ތިންވަނަ ޙާލަތް: ފެނާ އެކުވާ ޠާހިރު އެއްޗަކުން ފެނުގެ ސިފައަކަށް ނުވަތަ ސިފަތަކަކަށް އަންނަ ބަދަލެއްގެ ސަބަބުން ފެނުގެ ނަން ބަދަލު ނުވާ ޙާލަތުގައި ވާ ފެން. މިޘާލަކަށް ފެނަށް ސައިބޯނި އެކުވުމުގެ ސަބަބުން އެފެނުގެ ރަހަ އާއި ކުލަ އަދި ވަހަށްވެސް ބަދަލު އަންނަ ހުއްޓެވެ. ނަމަވެސް އެއީ މުޅިން އެހެން އެއްޗެއް ކަމުގައި ނުބެލެވެއެވެ. އެހެނީ ސައިބޯންޏާ އެކުވުމަށް ފަހު ފެނަށް ކިޔާނީ ސައިބޯނި ފެނެވެ. މި ޙާލަތުގައި ވާ ފެނުގެ ޙުކުމާމެދު މެދު ޢިލްމުވެރިން ޚިޔާލު ތަފާތު ވެފައި ވެއެވެ.

ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިފެނުން ޙަދަޘް އެރެގަތުން ހުއްދައެއް ނުވާނެއެވެ. ނަމަވެސް އަބޫ ޙަނީފާގެ މަޛްހަބާއި، އިމާމް އަޙްމަދުގެ ރިވާޔަތެއްގައި ވާ ގޮތުން އެފެނުން ޙަދަޘް އެރެގަނެވޭނެއެވެ. ސަބަބަކީ އެއީ ފެން ކަމަށް ވާތީއެވެ. މި މައްސަލާގައި ރަނގަޅު ގޮތަކީ މިއީ ކަމަށް އިބްނުލް މުންޛިރާއި، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚް އިބްނު ބާޒު އަދި އިބްނު ޢުޘައިމީން ރަޙިމަހުމުﷲ ވިދާޅުވެފައި ވެއެވެ. މި މައްސަލާގައި ރާޖިޙު (ރަނގަޅު) ރަޢުޔަކީ ވެސް ދެވަނަ އަށް މިބުނެވުނު ރައުޔު ކަމުގައި ވެއެވެ. އޭގެ ދަލީލަށް ބަލާއިރު: ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަޙީ ކުރަށްވާފައި ވެއެވެ. ﴿ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ سورة المائدة6 

މާނަ: “އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމަމު ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ!”

އާޔަތުގެ މާނައިގައި އެވާ، “ފެން ނުލިބިއްޖެ ނަމަ” މިބައި އާޔަތުގައި ވަނީ فَلَمْ تَجِدُوا مَاءً މިފަދައިންނެވެ. މިތާނގައި مَاءً ވަނީ ޢަރަބި ބަހުގެ ބަސް ބުނެ އުޅުމުގެ ޙާލަތްތަކުގެ ތެރެއިން ނަކިރާގެ ޙާލަތުގައެވެ. ނަކިރާގެ ޙާލަތުގައި ވާ ނަންނަންވަނީ ދިވެހި ބަހުގެ ޤަވާޢިދުގައި ވާ ޢާއްމު ނަން ފަދައިންނެވެ. ޚާއްސަ ނަމަށް ޢަރަބި ބަހުން މި ކިޔަނީ އަސްމާއުލް މަޢްރިފާ އެވެ. އަދި އާންމު ނަންނަމަށް ކިޔަނީ އަސްމާއުއް ނަކިރާއެވެ. ވީމާ މިއާޔަތުގައި ފެން މާނަ ކުރެވެނީ ހުރިހާ ވައްތަރެއްގެ ފެން ވެސް ހިމެނޭނެ ހެން ޢާންމު ކޮށެވެ. އެއީ ފެނަށް ޠާހިރު އެއްޗެއް އެޅި، ފެނަށް އަންނަ ބަދަލުގެ ސަބަބުން ފެން އެހެން އެއްޗަކަށް ބަދަލު ނުވާހާ ހިނދަކުއެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިޙްރާމުގެ ޙާލަތުގައި މަރުވި މީހާ އަށާއި އެކަލޭގެފާނުގެ ދަރިކަންބަލުން ހިނެވުމުގައި ވެސް ފެނާއި ކުންނާރު ފަތް އެއްކުރުމަށް ފަހު ވާ ފެން ބޭނުން ކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ. އެއްވެސް ޝައްކެއް ނެތި އެނގޭ ގޮތުގައި ހިނަވަން ޖެހޭނީ ފެނުންނެވެ. އަދި ރަސޫލުﷲ ޝައްލަﷲ ޢަލައިހި ވަސައްލަމް އެފަރާތްތަށް ހިނަވަން އެނގެވީ މުޠުލަޤު ފެނަކުންނެއް ނޫނެވެ. ކުންނާރު ފަތް އެއާ އެކުވެފައި ވާ ފެނުންނެވެ. މިއިން ވެސް ދަލީލު ކޮށްދެނީ ފެނަށް ޠާހިރު އެއްޗެއް އެޅި، ފެނަށް އަންނަ ބަދަލުގެ ސަބަބުން ފެން އެހެން އެއްޗަކަށް ބަދަލު ނުވާހާހިނދަކު އެފެނުން ޙަދަޘް އެރެގަނެ ވުޟޫކޮށް ހިނައިގަތުން ޞައްޙަވާނެ ކަމެވެ.(1)

 

ރިފަރެންސް: (1) انظر:مجموع الفتاوى” (21/ 26)

1