ނަޞޭޙަތާއި އިރުޝާދު
އެމްޑީއެން އާއި ދިވެހިރާއްޖޭގެ މުސްތަޤުބަލު!

ޢަލްމާނިއްޔަތަކީ (ނުވަތަ ސެކިއުލަރިޒަމަކީ) ދީނާއި ސިޔާސަތު ވަކިކުރުމެވެ. ނުވަތަ އިންސާނީ ޙަޔާތުންވެސް ދީން އެކަހެރިކޮށްލުމެވެ.

ސައްތައިންސައްތަ އިސްލާމީ މިކުޑަ ދައުލަތަށް ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން ކުރިމަތިވެފައި ވަނީ އިންތިހާއަށެވެ. މިފިކުރުގެ މީހުންގެ އެންމެ ފުރަތަމަ ޓާގެޓަކީ މިޤައުމުގެ ވެރިކަމާއި ސިޔާދަތު އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެއަށްފަހު މި ދައުލަތަކީ މުޅިން ސެކިއުލާ ނުވަތަ ޢަލްމާނީ ދައުލަތަކަށް ހަދައިލުމެވެ. ވެރިކަމާއި ސިޔާދަތުން ދީން ނެރެ އެއްލައިލުމެވެ. ލާދީނިއްޔަތު ފަތުރައިލުމެވެ. އެހެންކަމުން ދީނާއި ސިޔާސަތު ވަކިކުރުމަށް ފާޅުގައި މިބައިމީހުން ވަކާލާތުކުރެއެވެ.

ހިތާމައަކީ، މިހާރު ދިވެހި ޤައުމުގެ ސިޔާސަތު ކަނޑައަޅަން ހަވާލުކުރެވިފައިވާ މަޤާމުތަކުގައި މިފިކުރުގެ މީހުންގެ ބާރު ގަދަވެފައިވާ ވުމެވެ. ދާދި ފަހުން، ފެންމަތިވި، އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ރިޕޯޓު ހެދި “މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް” (އެމްޑީއެން) އަކީ ޢަލްމާނީ ސެކިއުލާ ފިކުރުގެ ޖަމްޢިއްޔާއެކެވެ. އެބައިމީހުންގެ ތެރޭގައި ގިނަ މީހުންނަކީ، މިހާރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނެވެ.

އެމްޑީއެން އަކީ، ދިވެހިރާއްޖޭގައި، “ހިޔުމަން ރައިޓްސް ޑިފެންޑާސް” ގެ ނަމުގައި މަސައްކަތް ކުރިޔަސް، ސެކިއުލަރިޒަމް ފަތުރަން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ބައެކެވެ. އެބޭނުމުގައި ތަފާތު ވީޑިއޯތައް ހަދައި، ސޯޝަލް މީޑިއާގައި ފަތުރާފައިވެއެވެ. ޅަޒުވާނުންނާއި ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ވޯކްޝޮޕްތައް ބާއްވައި، ޢަލްމާނީ ފިކުރު އެ ޒުވާނުންގެ ސިކުނޑިތަކަށް ވައްދަން މަސައްކަތްކޮށްފައިވެއެވެ.

އެބައިމީހުންގެ ބާރު ގަދަ ވެފައިވާ މިންވަރަކީ، ދިވެހިރާއްޖޭގެ ހުރިހާ އިދާރާއަކުން، ހުރިހާ ސިޔާސީ ލީޑަރުންނާއި، ރައްޔިތުންނާއި، މުއައްސަސާތަކުން އެމްޑީއެންގެ ރިޕޯޓަކީ މާތް ނަބިއްޔާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ އެއްޗެއްކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައިވީ ހިނދުވެސް، އެއާ ދެކޮޅަށް ފިޔަވަޅެއް އަޅަން ސަރުކާރަށް ނުކެރޭ ހިސާބަށް އެއިގެ ބާރު ގަދަ ވުމެވެ. ޚުދު ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ، ބަޔާނެއް ނެރުއްވައި، އެ ރިޕޯޓުގައި އިސްލާމްދީނާއި، މާތް ނަބިއްޔާއަށް ތައުހީނު ކޮށްފައިވާ ރިޕޯޓެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، އެކަމާ މެދު ޤާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވިތާ މިހާރު މިވަނީ ދިހަވަރަކަށް ދުވަސް ފާއިތުވެ ގޮސްފައެވެ. ނަމަވެސް، ނަމަކަށް އޭތި ވަޤުތީ ގޮތުން ސަސްޕެންޑު ކުރުން ނޫން ކަމެއް ކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ޢިލްމުވެރިން ރައީސުލްޖުމްހޫރިއްޔާއާ އެމައްސަލާގައި ބައްދަލު ކުރެއްވުމުން، އެ މައްސަލަ ބައްލަވާ، އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އެކަމަށް ފިޔަވަޅެއް އެޅުން ލަސްވަމުން ދާތީ، ޢިލްމުވެރިން ނޫސް ކޮންފަރެންސެއް ބާއްވައި، އަނެއްކާވެސް އެކަމަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވައިލައްވާފައެވެ. ނަމަވެސް، ދެން އައީ، އެ ޢިލްމުވެރިން އެވާހަކަ ދައްކަވާ ނަަމަ، ވަޒީފާތަކުން ވަކި ކުރެވޭނެ ކަމުގެ އިންޒާރެވެ.

އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތް ކުރައްވާނެ ކަމަށް ހުވާކުރައްވައިގެން ތިއްބެވި ފުލުހުންނަށް، ފުލުހުންގެ އިދާރާއިން އަންގަވާފައިވާ ކަމަށް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައި ވަނީ، ކުފުރުގެ އެތަކެއް ބަސްތަކެއް ހިމެނޭ އެމްޑީއެން ގެ ރިޕޯޓާ ދެކޮޅަށް މީސްމީޑިއާގައި އެއްވެސް އެއްޗެއް އެއްވެސް ފުލުހަކު ލިޔުއްވުމަކީ މަނާކަމެއް ކަމުގައެވެ. އެމްޑީއެން މައްސަލައާ ގުޅޭގޮތުން، ނޫސްވެރިއަކު، ފުލުހުންގެ މީޑިއާ ޤުރޫޕުގައި ސުވާލެއް ކުރެއްވުމުން، އެ ނޫސްވެރިޔާ ވަނީ އެ ޤުރޫޕުން ބޭރުކޮށްފައެވެ. ފުލުސް ކޮމިޝަނަރަކީ، އެމްޑީއެންގެ ކުރީގެ ބޯޑު މެމްބަރަކަށް ވާތީ ކަމަށްވެސް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހި ރައްޔިތުންގެ ޝުޢޫރުތަކަށް އެއްވެސް ހަމްދަރުދީއެއް ނެތި، މައިކެއް އަތްޕުޅުގައި ޖެހިއްޖެނަމަ، ޢަލްމާނީ އެމްޑީއެން ދިފާޢު ކުރެއްވުން ނޫން ކަމެއް ނުކުރައްވައެވެ. އެއީ ސްކޫލު ކުދިންގެ އިނާމު ދިނުމުގެ ޖަލްސާއަކަށް ވިޔަސް، ޝެއިޚް ޙުސެއިން ރަޝީދުގެ ޞަޙީޙް މުސްލިމުގެ ތަރުޖަމާ ނެރުއްވުން ކަމުގައި ވިޔަސް، ހަމަ އެ ނޫން ކަމެއް ނުކުރައްވައެވެ. ބައްޕައަކަށް، ދަރިއަކު ރަންފުތުވެގެން، އެދަރިއަކީ ކިތަންމެ ނުލަފާ، އެހެން މީހުންނަށް ގެއްލުންދީ ހަދާ ކުއްޖަކަށް ވިޔަސް، އޭނާ ދިފާޢު ކުރާ ގޮތަށް މަޖިލީހުގެ ރައީސް ދަނީ އެމްޑީއެން ދިފާޢު ކުރައްވަމުންނެވެ. މަޖިލީހުގެ ރައީސް އާ އެމްޑީއެންއާ އޮތީ ބައްޕައަކާއި ދަރިއެއްގެ ގުޅުންކަމަށްވެސް ވެދާނެއެވެ. ނުވަތަ މުދައްރިސަކާ ދަރިވަރަކާ ދެމެދު އޮތް ގުޅުން ކަމަށްވެސް ވެދާނެއެވެ.

ވެރިކަން ކުރާ ޕާޓީ އެމްޑީޕީން، އެމްޑީއެން އުވާލުމަށް ތަރުޙީބު ނުދޭކަމަށް ނޫސްބަޔާނެއް ނެރެ ވަނީ ޢާންމުކޮށްފައެވެ. އެމްޑީއެން އަކީ، އެމްޑީޕީއަށް ކޮންމެވެސް ގޮތަކުން، ބަލަދު އަރާ އެއްޗަކަށް ވަނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ވަނީ، އެ ޕާޓީގެ ޢާންމު މެމްބަރުންގެވެސް ޝުޢޫރުތަކުގައި ކޮޅުފައިން ޖަހާފައެވެ.

މިވަރުން، ދިވެހި ސަރުކާރުގެ މިސްރާބު މިހުރީ ކޮން ދިމާލަކަށް ކަން ވިސްނާ ފިކުރުކުރާ މީހަކަށް އެނގި ސާފުވާނެއެވެ. ޢަލްމާނީ ފިކުރުގެ މީހުންގެ އަތްމައްޗަށް ސަރުކާރު އަރައި، ރައްޔިތުންގެ މަޖިލީހުގެ ޤިޔާދަތު އަރައި، ރާއްޖޭގެ ޝަރުޢީ ދާއިރާވެސް ޢަލްމާނީ ކުރަމުންދާ މަންޒަރަކީ، މެންދުރުގެ އިރު ފެންނަ ފަދައިން ފެންނަމުން ދާ މަންޒަރެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ޝަރުޢީ ނިޒާމާއި، ޤާނޫނު ހެދުމުގެ ބާރުވެސް އެވަނީ އެބައިމީހުންގެ މުށު ތެރޭގައެވެ. ހަތަރު ފަރާތުން އެބައިމީހުން އެވަނީ ބާރުގަދަ ކޮށްފައެވެ.

ރާއްޖޭގެ މުސްތަޤުބަލު އޮތީ، ފުން މިން ނޭނގޭ ނުރައްކާތެރި ވަޅުގަނޑެއްގައެވެ. ޢަލްމާނިއްޔަތުގެ ކަޅު ބޯ ވިލާގަނޑުން މުޅި ޖައްވު ވަނީ ބަނަކޮށްފައެވެ.

ޔާ ﷲ، އަޅަމެންގެ ޤައުމުގައި އިބަ އިލާހުގެ ހިދާޔަތުގެ ނޫރު ކަމުގައިވާ އިސްލާމްދީނާއި އެ ދީނަށް ތަބާވެގެން ތިބި މުސްލިމުން ޙިފާޡަތްތެރި ކުރައްވައި، މި ދީނުގެ ޢަދުއްވުންގެ ނުބައި ރޭވުންތައް ނާކާމިޔާބު ކުރައްވައިދޭއެވެ. އާމީން!

0