ނަޞޭޙަތާއި އިރުޝާދު
ކައިވެންޏަކީ ސުވަރުގެ ވަނުމަށް ހުޅުވޭ ދޮރެއް!

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ހީކުރެވިފައި އޮންނަނީ ކައިވެނި ކުރުމުގެ ބޭނުމަކީ ހަމައެކަނި މިދުނިޔޭގައި އުފާކޮށް މަޖާކުރުން ކަމަށެވެ. ނަމަވެސް އެއީ އެހައި ލުއި ގޮތަކަށް ނިންމައިލެވެން އޮތް އެހައި އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ މަތިވެރިކަން މާބޮޑެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވެ އިޚްލާޞްތެރިވުމަކީ މަތިވެރި އަޅުކަމެކެވެ. ހެޔޮކޮށް ހިތައި އެހީތެރިވުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ދެމަފިރިންނަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި، ﷲ ތަޢާލާ އެންގެވި ގޮތަށް ބަލައި ބޮޑުކުރުމަކީ ވެސް މަތިވެރި އަޅުކަމެކެވެ. ކައިވެނީގެ ސަބަބުން ގުޅިގެންދާ ދެޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތައި އަޅައިލުމަކީ ވެސް އަޅުކަމެކެވެ.

އަދި ކީއްހެއްޔެވެ؟ އަޅުކަން ކުރުމަށް އެކަކު އަނެކަކަށް ހިތްވަރުދީ ވާގިވެރިވުމަކީ ވެސް އެހައިމެ މަތިވެރި އަޅުކަމެކެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެންޏަށްފަހު އުޅުމަށް ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ދިރިއުޅޭނަމަ އެދެމަފިރިއަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. ކައިވެންޏާއިއެކު އެދަނީ ދެމަފިރިންނަށް ސުވަރުގެ ވަނުމުގެ އެތައް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންނެވެ. ދެމަފިރިން އެކަކު އަނެކަކަށް ހެޔޮކޮށް ހިތައި އެހީތެރިވާންވީ ދުނިޔަޥީ ސަބަބުތަކަށްޓަކައެއް ނޫނެވެ. އާޚިރަތް އެދިގެންނެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ސަވާބަށް އެދިގެންނެވެ. އެގޮތަށް ޢަމަލުކުރާނަމަ އަމިއްލަ ދިރިއުޅުމުގެ ތެރެއިން އެދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ސަވާބާއި ދަރުމަ ލިބެމުންނެވެ.

ނަމަވެސް ގިނަ ބައަކަށް މިއަދު މިކަންކަމެއް ނުއެނގެއެވެ. ކައިވެނީގެ ކުރިން ހޯދާ ކައުންސެލިންގގައިވެސް މިވާހަކަތައް ކިޔައެއް ނުދެއެވެ. ދައްކަނީ ދުނިޔަވީ ވާހަކަތަކެވެ. ޤާނޫނުތަކުގެ ވާހަކަތަކެވެ. އިލާހީ ޤާނޫނުތަކުގެ ވާހަކަ ބާއްވަނީ ފޮރުވައިފައެވެ. މިސާލެއް ބުނެފާނަމެވެ. ދެމަފިރިން އެކުގައި ރެސްޓޯރަންޓްތަކަށް ގޮސް ކެއުމާއި އެކުގައި ޗުއްޓީ ހޭދަކުރުމަކީ ގުޅުން ބަދަހިވާ ކަމެއް ކަމަށް އެބަ ކިޔައިދެއެވެ. ނަމަވެސް ދެމަފިރިން އެކުގައި އަޅުކަން ކުރުމުގެ މުހިންމުކަން ކިޔައެއް ނުދޭނެއެވެ. ވީހައި އަވަހަކަށް ހައްޖު ނުވަތަ އުމުރާވުމަކަށްވެސް ނަޞޭޙަތެއް ނުދޭނެއެވެ.

މުހިންމީ ޗުއްޓީ ހޭދަކުރަން ޕެރިހަށް ނުވަތަ ބެންކޮކަށް ކުރާ ދަތުރަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރުން ހެއްޔެވެ؟ ނޫންނަމަ ވީއެންމެ އަވަހަކަށް އެންމެ ކުޑަމިނުން ޢުމްރާއެއްވުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަން ދަރިންނަށް ވިސްނައިދޭށެވެ! ރައްޓެހިންނަށާއި ރަޙްމަތްތެރިންނަށްވެސް ކިޔައިދީ ހިއްޞާކުރާށެވެ! ތިބާގެ ނަޞޭޙަތުން އެންމެ ދެމަފިރިއަކު ނަމަވެސް މިކިޔައިދިން ކަންކަމަށް ސަމާލުކަން ދީފިނަމަ އެކަމުގެ ސަބަބުން ތިބާއަށްވެސް އެތައް ބައިވަރު ސަވާބާއި ދަރުމަ ލިބިގެންދާނެއެވެ.

0