ނަޞޭޙަތާއި އިރުޝާދު
ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ﷲ ގެ އަމުރުފުޅެއް!

ރަސޫލް (ޞޢވ) ގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަކީ ﷲގެ އަމުރުފުޅެކެވެ. އެކަން އެނގެނީ ކީރިތި ޤްރްއާނުންނެވެ. ހަމަކަށަވަރުން، ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވެވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވެވުން އެދި ތިއަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!“ (އަލްއަޙްޒާބް- 56)

ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެނީ ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުމުން އެމީހެއްގެ މައްޗަށް ހަމަ އެފަދައިން ޖިބްރީލްގެފާނު ޞަލަވާތް ވިދާޅުވެތެވެ. ރަސޫލް (ޞޢވ) އަށް ސަލާމް ލެއްވެވުން އެދި ދުޢާކޮށްފިނަމަ އެމީހަކަށް ސަލާމް ލެއްވެވުން އެދިވަޑައިގެން ޖިބްރީލްގެފާނު ދުޢާ ކުރައްވަތެވެ. )އިމާމް އަޙްމަދު އަދި ބައިޙަޤި) އަދި ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވިނަމަވެސް އަދި ސަލާމް ލެއްވެވުން އެދި ދުޢާ ކުރިނަމަވެސް އެމީހަކަށް 10 ދަރުމަ ދެއްވަވާނެތެވެ.

ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވުން ގިނަ ކުރުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އެހެނީ އަހަރެމެންގެ ޞަލަވާތާއި ސަލާމް ރަސޫލް (ޞޢވ) އަށް ދާނީ ލިބިވަޑައިގަންނަވަމުންނެވެ. ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވަނީ މީސްތަކުންގެ ޞަލަވާތާއި ސަލާމް މަލާއިކަތް ބޭކަލުން ފޯރުކޮށްދެއްވަވަމުން ގެންދަވާނެ ކަމަށެވެ. ވީމާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތަކު ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔެވި ނަމަވެސް އެކަން ދާނީ ރަސޫލް (ޞޢވ) އަށް ލިބިވަޑައިގަންނަވަމުންނެވެ.

ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު އަހަރެމެންގެ މައްޗަށް ޝަފާއަތްތެރިވެވަޑައިގެންނެވޭނެ ހަމަ އެކަނި ބޭކަލަކީ ރަސޫލް (ޞޢވ)އެވެ. ވީއިރު އެމާތް ނަބިއްޔާ އާއި ވީހައި ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރުމުގެ މުހިންމުކަން ހިތަށް ގެނައުން ކިތަންމެހައިވެސް މުހިންމެވެ. ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު ޞަލަވާތް ކިޔެވުން އިތުރުކުރުމަކީ ހުކުރު ދުވަހުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މައްޗަށް ކިޔެވުން އެންމެ އިތުރުކަން ބޮޑުވެގެންވަނީ އިބްރާހީމް ޞަލަވާތެވެ. ނަމާދުގެ އައްތަހިއްޔާތުގައި ކިޔަވާ އިބްރާހީމް ޞަލަވާތަކީ ރަސޫލާ (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ރަސޫލް (ޞޢވ) ބަޔާން ކޮށް ދެއްވެވި ޞަލަވާތެވެ.

اللهم صل على محمد وعلى آل محمد، كما صليت على إبراهيم وعلى آل إبراهيم إنك حمید مجيد، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم، إنك حميد مجيد

އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމުގެފާނާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ الله ޞަލަވާލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަ الله އީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމުގެފާނާއި، އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަ الله އީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ

މަސްދަރު:މިއަދު

1