ނަޞޭޙަތާއި އިރުޝާދު
ކަމެއް ގޯސްވެއްޖެނަމަ އޮތީ ދެމަފިރިން އެކަކު އަނެކަކަށް ކުށްވެރިކުރުމެއް ނޫން – ތިމާއަށް ކުރެވުނީ ކޮން ކުށެއްކަން ބެލުން!

ޢާއިލާގެ މެދުގައި ނުވަތަ ދެމަފިރިންގެ މެދުގައި ނަމަވެސް އެއްވެސް ކަމެއް ގޯސްވެއްޖެނަމަ އޮތީ އެކަކު އަނެކަކަށް ކުށްވެރި ކުރުމެއް ނޫނެވެ. ފުރަތަމަ ވެސް ބަލަންވީ އެކްމެއް ގޯސްވުމުގައި ތިބާގެ ދައުރަކީ ކޮބައިތޯއެވެ! ތިިމާއަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯއެވެ! އެކަންކަން ބެލުމަށްފަހު ތިމާގެ އެއްވެސް ދައުރެއް އޮތް ނަމަ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ތިމާގެ ކުށް ޤަބޫލުކޮށް އިޞްލާޙް ކުރުމެވެ. އެހެން މީހުންގެ ކިބައިން ކަންކަން އިޞްލާޙްކުރަން ބުނަން ޖެހޭނީ ތިމާގެ އަމަލުތައް އިޞްލާޙްކުރުމަށް ފަހުގައެވެ.

އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އެކަމެއް މެދުވެރިވުމުގައި ތިމާގެ ދައުރު ކިތަންމެ ކުޑަ ނަމަވެސް ކުޑަ ބޮޑުވުމަށް ނުބަލައި މަޢާފަށް އެދުމެވެ. އެއިރުން އެހެން މީހުންގެ ހިތަށް ކުރާ އަސަރު ބޮޑުވާނެއެވެ. އަދި ބޮޑަށް ދެރަވެސް ވާނެއެވެ.

ޢާއިލާ ތަކުގައިވެސް ގިނަ ފަހަރު މައްސަލަތައް އުފެދެނީ ދައްކަން ނުޖެހޭ ވާހަކަތައް ދެއްކޭތީއެވެ. އެހެން މީހުންގެ ކަންކަމާއި ބެހެވޭތީއެވެ. އެހެން މީހުންގެ ކަންކަމާއި ބެހުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ތިމާގެ އަމަލުތައް އިޞްލާޙް ކުރުމަށެވެ. އެހެނީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ހުރިހާ ކަމެއް ފުރިހަމަ ހަމަ އެކަކުވެސް ދުނިޔެއަކު ނުހުންނާނެއެވެ. އެހެން މީހުންގެ ހުންނަ އުނިކަން ހޯދަން މަސައްކަތް ކުރުމުގެ ކުރިން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ތިމާގެ ކިބައިގައި ހުންނަ އުނި ކަންކަން ހޯދައި އެކަންކަން އިޞްލާޙް ކުރުމަށެވެ.

އިސްލާމް ދީންވެސް ބާރު އަޅަނީ އެކަމަށެވެ. ފުރަތަމަ ތިމާ އިޞްލާޙްވުމަށެވެ. އެއަށްފަހު އެހެން މީހުން އިޞްލާޙްކުރަން މަސައްކަތްކުރުމަށެވެ. މިހުރިހައި ދަރުސްތަކެއް ދެމުން ގެންދާއިރު ދުވަހަކުވެސް އެހެން ޢިލްމުވެރިއަކު ކުށްވެރިއެއް ނުކުރަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެހެން މީހުން ކުށްވެރިކުރަން ފަށަނީ އެމީހަކު ކުރާނެ ކަމެއް ނެތުމުންނެވެ. އަހަރެން ކުރާނެ މަސައްކަތްތައް ބައިވަރެވެ. އެހެންކަމުން އެހެން މީހުން ކުށްވެރިކުރާނެ ވަގުތެއް އަހަރެންނަކަށް ނެތެވެ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އަހަރެންނަށް އެނގޭ ކަމެއް އެހެން މީހަކަށް ބުނެދީ އެހީތެރިކަން ފޯރުކޮށްދެވޭތޯއެވެ!

އަހަރެން ޤަބޫލުކުރާ ގޮތުގައި މީހުންގެ ކުށް ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ތިމާ އިޞްލާޙްވެ ތިމާ އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް އަދާކުރަމުން ގެންދިއުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އަދި ގިނަ މިހުން ދަނީ އެކަމުގައި ފޭލްވަމުންނެވެ.

މަސްދަރު: މިއަދު

4