ނަޞޭޙަތާއި އިރުޝާދު
މަރުވުމުން ސަލާމަތްކަން ލިބޭނީ ތިމާ އާ ﷲ އާ ދެމެދު އަޅާ ބްރިޖް ވަރުގަދަކުރިވަރަކުން: މުފްތީ މެންކް

ބްރިޖް އަހަރެމެން ކިޔައި އުޅެނީ އެއްރަށާއި އަނެއް ރަށް ގުޅައިލުމަށް އަޅާ ފާލަމަށެވެ. އިންސާނުންގެ ހަޔާތަށް ބަލައިފިނަމަ ބްރިޖަކީ އިންސާނުންގެ މެދުގައި އުފައްދާ ގުޅުންތަކެވެ. އެގުޅުމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.

އިންސާނާއަށް އެންމެ މުހިންމު ބްރިޖަކީ ނުވަތަ ފާލަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދު އެޅޭ ފާލަމެވެ. އެފާލަން އަޅަން ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ އަނަގަވާފައިވާ ގޮތަށް އުޅުމާއި އަމަލުތައް ކުރުމެވެ. ﷲ ތަޢަލާއަށް އަޅުކަން ކުރުމެވެ.

ﷲ ތައާލާއަށް އަޅުކަންކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެން އުފެއްދެވި ފަރާތަކީ ﷲ ތަޢަލާ ކަމަށްވީތީއެވެ. އަހަރެން ހެއްދެވި ފަރާތަށް އަހަރެން ސަޖިދަ ކުރަމެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަހަރެން ސަޖިދައެއް ނުކުރާނަމެވެ.

ﷲ ގެ މާނައަށް ބަލައިފިނަމަ އެއީ އިލާހްއެވެ. ނަމަވެސް ﷲ ތަޢާލާގެ މަތިވެރިކަން މާ ބޮޑެވެ. އަޞްލު އެބަހަކީ “ރައްބު” އެވެ. “ރައްބުލްޢާލަމީން” އެވެ. ޢަރަބި ބަހުގައި ރައްބުގެ މާނައަކީ ވަރަށް ފުޅައު މާނައެކެވެ. އެއިގެ ތެރޭގައި ހައްދަވައި ބޮޑުކުރައްވަވާ އަދި އެންމެހައި ނިޢްމަތްތަކެއް މިންވަރު ކުރައްވަވާ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވުން ފަދަ އެތައް ކަންތައްތަކެއް ހިމެނެއެވެ. އަލްޙަމްދު ކިޔަވާއިރު “ރައްބުލްޢާލަމީން” މިކިޔަނީ އެހެންވެގެންނެވެ.

ކޮންމެ ދީނެއްގެ މީހެއް ނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހެއް ނަމަވެސް މަރުވާނެކަން ޤަބޫލުކުރެއެވެ. މަރުވުމަށްފަހު ކަންތައްތައް ވާނެ ގޮތް އެކި ދީނުގެ މީހުން އެކި ގޮތަށް ޤަބޫލުކޮށްފާނެއެވެ. އެއީ އެމީހުންގެ ޖާހިލުކަމުންނެވެ. ޙަޤީޤަތަކީ ކޮންމެ މީހަކުވެސް އެނބުރި ދާންޖެހޭނީ އެންމެހައި މީސްތަކުންނާއި މުޅި ކާއިނާތާއި ކާއިނާތުގައި ވާހައި ތަކެއްޗެއް އުފެއްދެވި ﷲ ތައާލާގެ ހަޟްރަތަށް ކަމެވެ.

އަހަރެމެންނާއި ﷲ ތަޢަލާ އާއި ދެމެދު އަޅާ ފާލަން ވަރުގަދަކުރަން ޖެހެނީ މިސަބަބަށްޓަކައެވެ. ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުދުގައި ފާލަން އަޅައި ބަދަހި ގުޅުމެއް އުފައްދާފައި ނުވާނަމަ އާޚިރަތް ދުވަހު ސަލާމަތްކަމެއް ނުލިބޭނެއެވެ. އަދި ކީއްހެއްޔެވެ. މިދުނިޔޭގައި އުޅޭއިރު ކަންކަން ކުރުމަށް އަހަރެމެންނަށް ބާރުތަކެއް ލިބިފައިވީ ނަމަވެސް މަރުވުމާއިއެކު އެ ހުރިހާ ބާރުތަކެއް އަހަރެމެންގެ އަތުން ބީވެގެންދެއެވެ. އެހިސާބުން އެއްވެސް ކަމެއް އަހަރެމެން ބޭނުންވާ ގޮތަކަށް ނުކުރެވޭނެއެވެ. ހުރިހާ ކަމެއްވެސް ހިނގަމުންދާނީ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތަކަށެވެ.

ނިކަން ވިސްނައިބަލާށެވެ. އިންސާނުންގެ އެވްރެޖް އުމުރަކީ 60، 70 އަހަރެވެ. ބައެއް މީހުންގެ އުމުރު އެއަށްވުރެ ތަންކޮޅެއް ދިގުވެދާނެއެވެ. ހަމައެފަދައިން އެތައްބައެއްގެ އުމުރު އެއަށްވުރެ މާކުރުވެސް މެއެވެ. ނިކަން ވިސްނައި ބަލާށެވެ. ދުނިޔެ ފެށުނީންސުރެ މިއަންނަނީ މީހުން މަރުވަމުންނެވެ. އެމީހުން މަރުވިތާ ކިތައް މިލިއަން އަހަރުވެއްޖެ ހެއްޔެވެ؟ ރަސޫލް (ޞޢވ) އަވަހާރަވިތާވެސް 1400 އަހަރުވީއެވެ. މިކަންކަމަށް އެކަނި ވިސްނައިލުމުން ވެސް މަރުވުމަށްފަހު ކުރިއަށް އޮތް ހަޔާތުގެ ދިގުމިނަށް ވިސްނައި ހިތަށް ބިރުވެރިކަން ގެނުވޭނެއެވެ.

މަސްދަރު: މިއަދު

0