އިބުރަތްތެރި ވާހަކަ
ފޭރު ވިއްކާ މީހާ

އަހަރެން މެންދުރު ނަމާދު ނިމިގެން މިސްކިތުން ފޭބި އިރު މިސްކިތް ކައިރީގައި، ފޭރު ވިއްކަން ޒުވާނަކު ހުއްޓެވެ. “ފޭރެއް އެންމެ ދީނާރަކަށް” މިހެންކިޔައި އޭނާގެ ވިޔަފާރިކުރުމުގައި މަޝްޣޫލުވެ ހުއްޓެވެ. އިއްޔެ އަހަރެންގެ މަންމައަށް 4 ދީނާރަށް ފޭރު ގަތީމެވެ. މިޒުވާނާ ވިއްކާ އަގަށްވުރެ ހަތަރު ގުނަ ބޮޑުކޮށެވެ. އަހަރެން އެޒުވާނާ ކައިރިއަށް ޖެހިލާފައި ސުވާލުކޮށްލީމެވެ. “ނަމާދުކޮށްފިންތަ؟” “ނުކުރަން، ދުކްތޫރު.” އެޒުވާނާ އަހަރެން ދަންނަކަން އެނގިގެންދިއައެވެ. އަހަރެން އޭނާއަށް ބުނީމެވެ. ” އަހަރެން ތިބާ އަތުން ފޭރު ގަންނަން ބޭނުން. އިއްޔެ އަހަރެން 4ކިލޯގެ ފޭރު ގަތިން. އަހަރެންގެ މަންމައަށް ވަރަށް މީރު އެއްޗެއް މިއީ. އެހެންނަމަވެސް އަހަރެން، ތިބާއަށްޓަކައި ތިބާގެ އަތުން މިނުގަންނާނަން. ސަބަބަކީ ﷲގެ ގެކޮޅު ކައިރީ ތިބާ ހުރެ، ތިބާގެ ހިތް ހަރުވުމަށް އަހަރެން ނޭދެން. ސަބަބަކީ ތިބާގެ ހަމައެކަނި އެދުމަކީ ފައިސާކޮޅެއް ލިބިގަތުން. އަދި ތިބާގެ ކައިރިއަށް ވިޔަފާރިކުރަން މިއަންނަނީ ﷲގެ ރުހިވޮޑިގަތުން އެދި އެކަލާނގެ ގެކޮޅަށް އަންނަ މީހުން. އެހެންވީމާ، ތިބާއަށް މަންފާއެއް މިގޮތުން ލިއްބައިދޭކަށް އަހަރެން ނޭދެން.” މިހެން ބުނުމުން އޭނާ ލަދުވެތިކަމާއިއެކު ބޯޖަހާލިއެވެ. އަދި އަހަރެން އޭނާއަށް ބުނީމެވެ. “އަސުރު ނަމާދު އަހަރެމެންނާއިއެކު ކުރަންވާނެ.” އޭނާ ޖަވާބުގައި ބުންޏެވެ. “إن شاء الله” އޭ އިއްޒަތްތެރިންނޭވެ. މުންކަރާތްތައް މަނާކުރުން އަހަރެމެންގެ ހިތްތަކުގައި އެބައޮތެވެ. ﷲގެ ގެކޮޅުކައިރީގައި ހުރެ، ސުންނަތް ނަމާދު ކުރަން ތިބޭ މީހުންނަށް އުނދަގޫވެދާފަދަ ގޮތަށް އެގޮވުންތައް ގޮވުމަކީ މުންކަރާތެކެވެ. އޭނާ އެހެންހުންނަ ވަގުތުގައި ގަޟާ ޙާޖަތްކުރަން މިސްކިތުގެ ފާޚާނާ ބޭނުންކުރެއެވެ. އެހެންނަމަވެސް އޭނާގެ ވެރި ރައްބާއި ކުއްތަންވުމަށް މިސްކިތަށް ވަދެނުލައެވެ. ﷲ ގަންދީ ބުނަމެވެ. ދުނިޔޭގެ ރަސްރަސްކަލުންވެސް މިފަދައިން ބަޔަކު އެމީހުންނާއިމެދު ކަންކުރަން ނޭދޭނެއެވެ. އެހެންވީއިރު ޢާލަމްތަކުގެ ވެރިރަސްކަލާނގެ މިފަދަ ޢަމަލަކާއިމެދު ރުހިވޮޑިގަންނަވާނީ ކޮންފަދައަކުންތޯއެވެ؟! އަދި އަހަރެމެން ގޮސް އޭނާގެ އަތުން އެއްޗެހި އެބަގަންނަމެވެ. އެހެންނަމަވެސް ހެޔޮކަންކަމަށް އަމުރުނުކުރަމެވެ. އަދި ނުބައިކަން މަނާވެސް ނުކުރަމެވެ. އެންމެންނަށްވެސް މުހިއްމުވީ އޭނާ ފޭރުވިއްކާ އަގުހެޔޮވުމެވެ. އެހެންކަމުން، އަހަރެން އެމީހުންނަށް ނަސޭޙަތްދިނީމެވެ. އޭރުން އެބައިމީހުންނަށް ހެޔޮ ވިސްނި، ދީނުގެ ޝިއާރުތަކަށް އަހައްމިއްޔަތުކަން ދޭން ފަށާފާނެތީއެވެ. އަދި ﷲގެ ގެކޮޅުގެ ޙުރުމަތަށް އެމީހުންވެސް އިސްކަންދިނުމަށްޓަކައެވެ. ﷲ ގެ ވަޖުޙުފުޅު އެދިގެން މުންކަރާތް މަނާކުރާ ބައެއް ކަމުގައި އަޅަމެން ލައްވާނދޭވެ! އަދި ސުވަރުގޭގެ މޭވާތަކުން އަހަރެމެންނަށް ބަދަލުދެއްވާނދޭވެ! އާމީން

0