ޚަބަރު
ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ވާޖިބެއް – ޚުތުބާ

ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ވާޖިބެއްކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާ ގައި ވިދާޅުވީ ”އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ. ﷲ ވަހީ ކުރައްވާފައިވަނީ فَٱلَّذِینَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِیۤ أُنزِلَ مَعَهُۥۤ أُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ މާނައީ: ފަހެ، އެކަލޭގެފާނަށް إيمان ވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصر ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نور އަށް تبع ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.“

އިތުރަށް ޚުތުބާގައި ވިދާޅުވީ “ މުސްލިމުންގެ ހިތްތައް ދިރިގެންވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި މަތިވެރި ކުރުމުގައެވެ. އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެކެވެ. އެއީ އެބައިމީހުންގެ ލޭގައި ހިނގާ ތާޒާ މުޤައްދަސް ލޯތްބެކެވެ. އެހެންކަމުން އެކަލޭގެފާނުގެ މަޤާމުގެ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކޮންމެ ޢަމަލަކީ މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުން އަސަރުތަކެއް ކުރުވާނޭ ކަމެކެވެ.

އިތުރަށް ޚުތުބާގައި ވިދާޅުވީ “ ކައުއިތުރު މާތް ނަބިއްޔާ އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް އިޙްތިރާމްކޮށް އަދަބުތަޢުލީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ޢަމަލެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ”

0