އެނގިފައިވާ ގޮތުގައި މަރުވެގެންދާ އަޅަކާއިއެކު ތިން އެއްޗެއް ކަށްވަޅާއި ހަމައަށް ދާނެއެެވެ. އެއީ އޭނާ ކުރި ޢަމަލުތަކާއި، މުދަލާއި އާއިލާ އެވެ. އަދި ކަށްވަޅުގެ އަޒާބު ލިބެން ފެށުމުގެ ކުރިން އެމީހަކު ދޫކޮށްފައިވާ (ވަޅުލާފައި) އެހެން މީހުންދާ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށްވެއެވެ. މިފަދަ ސުވާލުތަކެއް އަހަންނާއި ކުރިމަތިވެއްޖެނަމަ، އަހަރެން އެސުވާލުތަކަށް ޖަވާބު ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މިއީ ވަރަށް ވެސް މުހިންމު ސުވާލުތަކެކެވެ. ކޮންމެ ކޮންމެ މީހަކަށް މިސުވާލުތަކަށް ޖަވާބު ދެވޭނެ ހެއްޔެވެ؟
ކޮންމެކޮންމެ މީހަކަށް އައިސް ‘އާނ މަރުވެފައިތިބި މީހުންނަށް ވެސް އަޑު އިވޭނެއެވެ. އެމީހުންގެ މަހާނަ ކައިރިއަށް ގޮސް ވާހަކަ ދައްކާށޭ. ހިތުގެ އުދާސްތައް ބެރުކޮށްލާށޭ’ މިފަދައިން ބުނެވޭނެ ހެއްޔެވެ؟ ނޫނެކެވެ. ބައެއް މީހުންނަށް ހީވެފައިވަނީ މަރުވެފައި ތިބި މީހުންނަށް މިބިންމަތީގައި ވާހާ ކަމެއް އަޑު އިވޭނެ ކަމަށެވެ. ހަގީގަތުގައި މިފަދަ ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާބެއް އަހަރުމެންނަށް ދެއްވަވާފައިވަނީ އަހަރެމެންގެ ވެރިރަސްކަލާނގެ މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢޥ) އެވެ.
މަރުވެގެންދާ މީހުންނަށް، ދިރިތިބޭ މީހުންގެ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށް ތިބުނާ ބަހަކީ ތެދެކެވެ. ނަމަވެސް މަރުވުމަށްފަހު ކޮންމެ އިންސާނެއްގެ ވެސް ދުނިޔެވީ ޙިއްސުތައް ނެތި ފަނާވެގެން ދާނެއެވެ. މަރުވުމަށްފަހު އެމީހަކު ހަމައެކަނި ގުޅިފައިވަނީ މާތް ﷲ އާއިއެވެ. ބައެއް ހާލަތްތަކުގައި މާތް ﷲ އެމައްޔިތަކަށް ބައެއް ކަންކަން އަޑު އިއްވަވައެވެ. ނަމަވެސް އަނެއްބައި ކަންތައްތަކެއް އެމައްޔިތަކަށް ނުއިވޭނެއެވެ. ހަގީގަތުގައި މައްޔިތުންނަށް ހަމައެކަނި އިވޭނީ، އިވެން އެކަލާނގެ އިރާދަކުރައްވާ އަޑުތައް އެކަންޏެވެ.
ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަންވެސް އަހަރެމެންނަށް އެނގިފައިވަނީ ޙަދީޘުން އެކަން ހާމަވުމުން ނެވެ. ޙަދީޘްގައި ހަމައެކަނި ވިދާޅުވެފައިވަނީ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށެވެ. އަޑު އިވެނީ ކިހިނެއް ކަމެއް އަހަރެމެންނަކަށް އެނގިފައެއް ނުވެއެވެ. މީހަކު އަހާފާނެއެވެ. މަރުވެފައިތިބި މައްޔިތުންނަށް ސަލާމް ގޮވުމުން އެއަޑު އިވޭއިރު، އެހެން ހުރިހާ އަޑުތަކެއް ނުއިވެންވީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް އެމަހާނައެއް ކައިރިއަށް ގޮސް މައްޔިތުންނާއި ވާހަކަ ނުދެއްކެންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ، މަރުވެފައިވާ މައްޔިތަކާއި ދެއްކޭނީ ވަކި ކަހަލަ ވާހަކަތަކެއް ކަމާއި ދެއްކުން ނަހީ ނުރައްވާފައިވާ ވާހަކަތައް ދެއްކިޔަސް، އެމައްޔިތަަކަށް އަޑު ނުއިވޭނެ ކަމެވެ.
މިސާލަކަށް ބުނަނީނަމަ، މައްޔިތެއްގެ ކައިރިއަށް ގޮސް އެމައްޔިތެއްގެ ދަރިއެއްގެ ނުބައި ވާހަކަ ދައްކާ، ނުވަތަ މުސީބާތަކުން ސަލާމަތް ވެވިދާނެ ގޮތެއް އަންގާދޭށޭ ބުނުން ފަދަ ކަންކަމެވެ. އެކަހަލަ ވާހަކަތަކެއް މަރުވެފައިވާ މައްޔިތަކަށް އަޑެއް ނުއިވޭނެއެވެ.” އެހެންކަމުން މައްޔިތަކަށް ސަލާމް ގޮވުމުން އެސަލާމް ރައްދު ކުރައްވާނެ ކަމަށް މާތް ﷲ ގެ ވަޙީ ބަސްފުޅުން ހާމަވެގެންވެއެވެ. އެއީ ކިހިނެއް ކަމެއް އަންގަވާފައި ނުވާތީ، އެއީ ކިހިނެއް ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް މާތް ރަސްކަލާނގެ ވަޙީ ބަސްފުޅުކަމަށް ވާތީ، އެހިސާބުން އަހުރެން އެކަން ޤަބޫލުކޮށް، އެހިސާބުން އެކަމާއި އިތުރަށް ނުވިސްނާ ދޫކޮށްލަމެވެ.”
މަސްދަރު: މިއަދު