ނަޞޭޙަތާއި އިރުޝާދު
މާރީތި އަންބެއް ނުވަތަ މާފުރިހަމަ ފިރިއެއް ލިބޭނެކަމަށް ތިބާ ކައިރީ ބުނެދެނީ ކާކު؟

ދެމަފިރިއަކު ކައިވެނިކޮށްގެން އުފަލުގައި އުޅޭނަމަ އެދެމެދަށް ވަންނަން ކުރެވުނުހައި މަސައްކަތެއް އިބިލީސް ކުރާނެއެވެ. އަނބިމީހާ ގާތު ބުނާނީ ފިރިމީހާގެ މިވެނި އެވެނި އުނިސިފަތަކެއް އެބަހުރިކަމަށާއި މާފުރިހަމަ ފިރިއަކު ލިބިދާނެ ކަމަށެވެ. އަދި ވެސް ބުނަން ހެއްޔެވެ! މިވެނި ފިރިހެނަކު މިހާރުވެސް ހުރީ ތިބާއަށް އެދިގެން ކަމަށް ބުނެ ދޮގުހަދާނެއެވެ. އެއީ ދޮގެއް ނަމަވެސް ޤަބޫލުކުރެވެނީ އެއީ ހަމަ ހަޤީޤަތަކަށްވާތީއެވެ. ތިބާ އެންމެ ހިތް އެދޭ މީހަކީ ކާކުކަން ނުވަތަ ފިރިމީހާ ނޫން ފިރިހެނަކަށް ހިތް ކިޔާނަމަ އެކަން ދެނެގަތުމުގެ ބާރު އިބިލީހަށް ލިބިފައިވާތީ އިބިލީސް އެހެން ބުނުމުން އެއީ ތެދެއްކަމަށްވެސް ޤަބޫލުކުރެވެނީއެވެ.

މިބުނި ބަހުގެ ހެކި ވަރަށް ގިނައިން ވާނީ ތަޖުރިބާ ކުރެވިފައެވެ. މިވެނި މީހަކު އުޅޭ ގޮތުން އޭނާއަށް ހިތް ކިޔައި ކައިވެނި ރޫޅައިލާފަހުން ކުރެވުނީ ކުށް ހީއެއްކަން އެނގި ދެކޮޅުން ލަނޑު ލިބުނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަދި ގިނަ ފަހަރު މިވެނި ފިރިހެނަކު މާރަނގަޅުވާނެ ކަމަށް ބަލައިގެން ކައިވެނި ރޫޅާލައި އެމީހަކާއި ކައިވެނި ކުރާފަހުން އެމީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ މާނުބައި މީހެއްކަން އެނގެނީ ކިތައް ފަހަރު ހެއްޔެވެ؟

އިބިލީސް މިގޮތަށް ކަންތައް ކުރަނީ ހަމަ އެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިންނަށްވެސް ވަސްވާސްދީގެން ހަމަ މިލަނޑު ދެއެވެ. ހަމަ މިމަޅީގައި ޖައްސުވައެވެ. ހަމަ މިކެހި ދެއެވެ. މިކަން އިބިލީސް ކުރަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ކައިވެނި ރޫޅައި ލުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާކަންތައްކަމަށްވާތީ އެކަން ތިބާ ލައްވައި ކުރުވަން ބޭނުންވެގެންނެވެ.

އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކުރަން އޮތް އާދޭހަކީ އަދި އިލްތިމާސަކީ އިބިލީހުގެ މި މަޅީގައި ނުޖެހުމެވެ. އެއްވެސް މީހަކީ ހުރިހާ ކަންކަން ފުރިހަމަ މީހަކަށް ނުވާނެއެވެ. ފިރިހީމީހާ ނުވަތަ އަނބިމީހާގެ ކިބައިގައި އުނިކަމެއް ހުރި ނަމަވެސް ހައްލަކީ ކައިވެނި ރޫޅައިލުން ކަމަށް ނުދެކޭށެވެ! އެކަމެއް އިޞްލާހުކުރުވަން މަސައްކަތް ކުރާށެވެ! ދެން އެހެން ގޮތެއެ ނެތިގެން ނޫނީ ވަރިއާއިމެދު ނުވެސް ވިސްނާށެވެ! މުސްލިމުންނަށް ވަރިކުރުމަކީ ކުރަން ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ޙަޤީޤީ ސަބަބެއް ނެތި ވަރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ! އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ! ﷲ ތަޢަލާ އެންމެ ރުހިވޮޑި ނުގަންނަވާ ކަންތައް ކުރުމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ.

 

މަސްދަރު: މިއަދު

0