ޤިޔާމަތް ވުމުގެ ކުރިން އީމާންކަން ހުރި ހަމައެކަކުވެސް ދުނިޔޭގައި ނެތިގެންދާނެއެވެ. އިސްރާފީލުގެފާނަށް ތާޅަފިލި ފުންމަވައިލެއްވެވުމަށް އަމުރުފުޅު ކުރެއްވެވޭނީ އެ ހިސާބުންނެވެ.
އެދުވަހުގެ ބިރުވެރިކަމަށް ވިސްނާށެވެ. ތާޅަފިލީގެ އަޑު ގަދަވަމުން އައުމުގެ ސަބަބުން 15،16 އަހަރުގެ ކުޑަކުދިންގެ އިސްތަށި ހުދުވެގެންދާނެއެވެ. 100 އަހަރުވީ މުސްކުޅިއެއްގެ ސިފައަށް ބަދަލުވެގެންދާނެއެވެ. މައިންގެ ބަނޑުގައި އޮންނަ ދަރިފުޅު ވިހާނެއެވެ. ނަމަވެސް ކުއްޖަކު ވިހިކަންވެސް ބިރުން ހަނދާނެއް ނުހުންނާނެއެވެ. ނިކަން ވިސްނައިބަލާށެވެ. އެހެރަ ބޮޑެތި ބިޔަ ފަރުބަދަތައް ފުނޑުފުނޑުވެ ވެއްޔަށްވެ ހިރަފުހަށްވެ ވަޔަށް ބުރަބުރައިގެންދާނެއެވެ.
މިކަންކަން މަތިން ގިނަގިނައިން ހަނދާންކުރަންޖެހެނީ މިއަދު ޤިޔާމަތްވެދާނެ ކަމުގެ ބިރަކަށް ނޫނެވެ. ﷲ ނަހީކުރައްވަވާފައިވާ ގޮތްތަކަށް މިއަދު އުޅެމުން މިދާއިރު އާޚީރަތް ދުވަހު ކުރިމަތިލާނެ ޖެހޭނެ ގަދަފަދަ އަޒާބަށް ބިރުވެތިވުމުގެ ބޭނުމުގައެވެ. ނަމަވެސް މިއަދުވެސް އަހަރެމެންގެ އަމަލުތައް މިހިރަ ހާލާއިމެދު ނިކަން ވިސްނައިބަލާށެވެ.
މައިން އެމީހުންގެ ލޯބިވާ ދަރިން ގޮވައިގެން ފައްޅިތަކަށް ގޮސް އެ ދަރިން ލައްވައި ﷲ ތަޢާލާ ނޫން ފަރާތްތަކަށް އަޅުކަން ކުރުވާނެ ދުވަސް އަންނާނެއެވެ. ދަރިން މައިން ބަފައިން ގޮވައިގެން ނައިޓްކަލަބްތަކަށް ގޮސް އެކުގައި މަޖާކުރާ ދުވަސް އަންނާނެއެވެ. ކިރިޔާ ބާލިޣްވާ ހިސާބުން ކުދިން އެމީހުންގެ ޢާއިލާގެ މީހުންނާއިއެކު ފާހިޝް އަމަލުތައް ހިންގާ ދުވަސް އަންނާނެއެވެ. މުސްލިމުން ޢީދު ފާހަގަކުރުމުގެ ނަމުގައި ތަންތަނަށްގޮސް ހޮޓާތަކުގައި ތިބެ ޒިނޭކުރާ ދުވަސް އަންނާނެއެވެ. ޢީދުފާހަގަކުރުމުގެ ނަމުގައި ބަނގުރަލުން ފެންވަރާ ދުވަސް އަންނާނެއެވެ.
މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! މިއިން މިހައިތަނަށް ނާންނަނީ ކޮން ދުވަހެއް ހެއްޔެވެ؟ ބިރުވެތިވާށެވެ! މީސްތަކުންގެ އަމަލުތައް ހައްދުފަހަނައަޅައި ދިއުމުން ތަފާތު މުޞީބާތްތައް ފޮނުއްވަވައި ﷲ ތަޢާލާ ފަނާކުރައްވަވާފައިވަނީ އިސްވެ ދިއަ ކިތައް އުންމަތް ހެއްޔެވެ؟ ހަމަ އެ އިލާހް މިއަދުވެސް ވޮޑިގެންވެއެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެންމެހައި ކަންކަމަށް މިވަރަށް އަރައިގަންނަމުންދާއިރު ހަމަ އެއްވެސް ކޯފާއެއް ނުފޮނުއްވަވާނެކަމަށް ހީކުރެވެނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ﷲ ތައާލާ އެކަމުގެ އެންމެ އެކަށީގެންވާ ވަގުތުގައި ޢުޤޫބާތްތައް ފޮނުއްވަވާނެއެވެ. ހިތަށް އެރިހައި ގޮތަކަށް އުޅޭ މީސްތަކުން ފަނާކުރައްވަވާނެއެވެ!
މީސްތަކުންނޭވެ! ބިރުވެތިވާންވީ މިއަދަކަށް ނޫނެވެ! މިއަދު ވެސް މަރުވެދާނެ ކަމަށެވެ! މަރުވެއްޖެނަމަ ތިމާގެ އަމަލުތައް އެހިސާބުން ހުއްޓުނީ ކަމަށް ބަލައެވެ. ނަރައިން ސަލާމަތްވުމަށް ކުރެވޭނެ ހަަމ އެއްވެސް ކަމެއް ނުއޮންނާނެ ކަމާއިމެދުގައެވެ! ކަމެއް ކުރެވޭނީ ދިރިހުރެވޭ މަދު ދުވަސްކޮޅުގައި ކަމަށް ބަލައެވެ!
މަސްދަރު: މިއަދު