އަހަރެމެން އެންމެންގެ ވެސް އެންމެ ބޮޑު ބޭނުމަކަށް ވާނީ އަހަރެމެން ކުރާ ދުޢާ ﷲ ތަޢަލާ އިޖާބަކޮށް ދެއްވެވުމެވެ. ހަމަ އެއާއިއެކު ﷲ ތައާލާގެ އެންމެ ގާތް މިތުރަކަށް ވުމަށްވެސް ކޮންމެ މީހަކުވެސް އެދޭނެއެވެ.
ﷲ ތަޢާލާގެ މިތުރަކަށް ވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރުމެވެ. ފަރުޟު ނަމާދަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ވާޖިބު އަދާ ކުރުމާއި ސުންނަތް ކަންކަން ކުރުމުގައި ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ.
ދުނިޔަވީ މިސާލަކަށް ބަލައިބަލާށެވެ! އަނބިންނަށް ކޮށްދިނުން ލާޒިމު ކަންކަން އެބަހުއްޓެވެ. ކާންބޯން ދިނުމާއި އުނުއަންނައުނު ދިނުން ފަދަ ކަންކަމެވެ. މިކަންކަން އަސާސީ ފެންވަރެއްގައި ކުރި ނަމަވެސް އޮންނާނީ ވާޖިބު އަދާކުރެވިފައެވެ. ނަމަވެސް ތިމާގެ ހުރި ފެންވަރަކުން ވީހައި ފުރިހަމައަށް ހަމަ އެކަންކަން ކޮށްދޭނަމަ އަނބިމީހާގެ ލޯބި ތިބާއަށް އިތުރުވާނެއެވެ.
ޚާއްޞަކޮށް ތިބާގެ އިޚްލާޞްތެރިކަން އަނބިމީހާއަށް ސާބިތުކޮށްދެވޭނަމަ ލޯބި ދާނީ މާބޮޑަށް އިތުރުވަމުންނެވެ. އަނބިމީހާގެ ފަރާތުން ފިރިމީހާއަށްވެސް ކަންކަން ހުރީ ހަމަ މިފަދައިންނެވެ.
ފަރުޟު ނަމާދުކުރުމުން ވާޖިބު އަދާކުރެވުނީއެވެ. އެވަރުން ފުއްދާލައިގެން ނުވާނެއެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރަންވާނެއެވެ. ސުންނަތް ނަމާދުކުރުން ގިނަކުރާ ވަރަކަށް ﷲ ތަޢާލާ ތިބާ ދެކެ ލޯބިފުޅުވެވޮޑިގަތުން އިތުރު ކުރައްވަވާނެއެވެ. އިސާހިތަކު ތިބާއަކީ ﷲ ތަޢަލާގެ މިތުރެއްކަމުގައި ވެގެން ހިނގައިދާނެއެވެ. އެ ހިސާބުން ތިބާ ކުރާ ދުޢާތައް ދާނީ ފުރިހަމައަށް އިޖާބަވަމުންނެވެ.
ﷲ ތަޢާލާ އާއި ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ މަގަކީ ސުންނަތް ނަމާދުކުރުން ގިނަކުރުމެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރަމުން ގޮސް ﷲ ތަޢާލާގެ މިތުރަކަށް ވެވިއްޖެނަމަ އެމީހަކަށް މެދުވެރިވަމުން ދާނީ މުޅިންވެސް ރަނގަޅު ގޮތްތަކެވެ. އެމީހާގެ އަމަލުތަކަށް މާތް ﷲ އެންމެ ގާތުން ބައްލަވައި ވޮޑިގަންނަވާނެއެވެ. ކުރާ އަމަލުތަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އެމީހަކު އަބަދުވެސް ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ. ނިކަން ވިސްނައިބަލާށެވެ!
ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) އާއި ބައްދަލުކުރަން ބޭނުންނަމަ ކުރަން ޙަދީޘްފުޅު ކުރެއްވެވި ކޮންކަމެއްކަން ހަނދާން އެބަހުރި ނޫން ހެއްޔެވެ؟ އިތުރު މާތް ނަބިއްޔާ (ޞޢވ) ޙަޑީޘްފުޅު ކުރެއްވެވީ ސަޖިދކުރުން ގިނަ ކުރުމަށެވެ. ސަޖިދަ ކުރުން ގިނަ ކުރެވޭނީ ސުންނަތް ނަމާދުތައް ކުރުން އިތުރުކުރި ވަރަކުންނެވެ. އެހެނީ ފަރުޟު ނަމާދުގައި ކުރާ ސަޖިދައަކީ ކުރަން ޖެހޭތީ، ފަރުޟުކުރައްވަވާތީ ކުރާ ސަޖިދައެވެ. ހަދީޘްފުޅުގައި އެވަނީ އެއަށްވުރެ އިތުރުކުރާ ވާހަކައެވެ. އިތުރު ކުރެވޭނީ ސުންނަތް ނަމާދުކުރުން ގިނަކުރި ވަރަކުން ނޫން ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނަށް މިއަދު މިއުޅެނީ ފަރުޟު ނަމާދުވެސް ފުރިހަމަ ނުކުރެވިގެންނެވެ. ހަމައެކަނި ފަރުޟު ނަމާދު ކުރި ނަމަވެސް ނުފުދޭކަން މިކަންކަމުން ނުއެނގެނީ ހެއްޔެވެ؟ ކޮންމެ މީހަކީވެސް ވީހައި ގިނައިން ސުންނަތް ނަމާދުތައް ކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރާ މީހަކަށް ވުމަށް ގަދައަޅައި ވަސިއްޔަތް ކުރަމެވެ.
މަސްދަރު: މިއަދު