❃ ހަނދާން ގަދަކުރެވިދާނެ 5 ގޮތް
ބައެއް މީހުން ވަރަށް ޒަމާންވީ މަޢުލޫމާތުތައް ވެސް އޭގެ ބޭނުން ޖެހޭ ހިނދު ސިކުނޑިން ނެރެ ބޭނުން ކުރާތީ ފެނެއެވެ. މިއީ ސިކުނޑީގެ ހުނަރެކެވެ. ކޮންމެ މީހަކަށް ވެސް މި ހުނަރު ތަރައްޤީ ކުރެވިދާނެއެވެ. މިކަން ޙާޞިލު ކުރުމަށްޓަކައި މި ފަސް ނުކުތާއަށް ސަމާލުކަންދޭށެވެ.
1. މަޢުލޫމާތުތައް ދަސްކުރުމުގައި އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ.
2. ދަސްކުރާ މައުލޫމާތުތައް ދޭތެރެ ދޭތެރެއިން ސިކުނޑީގެ ތެރޭގައި މުރާޖަޢާ ކުރާށެވެ.
3. ސިކުނޑިއަށް މައުލޫމާތުތައްލުމުގައި ތަކުރާރު ކުރާށެވެ.
4. މައުލޫމާތުތައް ހަނދާން ކުރުމަށްޓަކައި އަމިއްލަ ނަފްސަށް މައުލޫމާތުތައް ކިޔައިދޭށެވެ.
5. މައުލޫމާތުތައް ދަސްކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ މަޢުލޫމާތުތައް ހަނދާނަށް ގެންނަން މަސައްކަތް ކުރާށެވެ.
❃ ޢާއްމުގޮތެއްގައި ހަނދާން ބަލިވާނަމަ ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
1. ފެންނަ މަންޒަރުތަކާ އިވޭ އަޑުތަކާމެދު ވިސްނާށެވެ. އަދި ފަހުން އެކަންކަން ހަނދާނަށް ގެންނަށް މަސައްކަތް ކުރާށެވެ.
2. ތަފާތު ޙާލަތްތަކުގައި ކުރެވޭ އިޙްސާސްތަކާ އަންނަ ޚިޔާލުތައް ހަނދާނުގައި ހަރުލައްވަން މަސައްކަތް ކުރާށެވެ.
3. ކަމެއް ހިނގަމުން ދާއިރު އެކަމުގެ ހުރިހާ ތަފްސީލުތަކަކަށް ސިކުނޑި ސަމާލު ކުރުވާށެވެ. އަދި އެކަމެއް ނިމުމުން އެހުރިހާ ކަމެއް މަޑުމަޑުން ހަނދާނަށް ގެނެވޭތޯ މަސައްކަތް ކުރާށެވެ.
❃ ދަސްކުރާ މަޢުލޫމާތުތައް ހަނދާނުގައި ހަރުލެއްވުމަށްޓަކައި މުރާޖަޢާ ކުރާށެވެ.
ދަސްކުރާ މަޢުލޫމާތުތައް ހަނދާނުގައި ހަރުލެއްވުމަށްޓަކައި މުރާޖަޢާ ނުވަތަ ރިވިއު އަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އުނގެނޭ ތަކެތި ފޮތް ބަލައިގެންނާއި ފޮތް ނުބަލައި (ސިކުނޑީގެ ތެރޭގައި) ވެސް މުރާޖަޢާ ކުރަން ވާނެއެވެ.
1. އުނގެނުމުގެ އެއް ގަޑިއިރު ފަހުން ފޮތްބަލައިގެން މުރާޖަޢާ ކުރަން އިށީންނާށެވެ. ކިޔެވި ތަކެތި ފޮޅުވަތަކަށްފަހު ފޮޅުވަތެއް ތަކުރާރުކޮށް މުރާޖަޢާ ކުރާށެވެ.
2. ހަނދާނުގައި ހަރުލެއްވުން އެންމެ މުހިންމު ޕޮއިންޓުތައް އިތުރަށް މުރާޖަޢާ ކުރާށެވެ.
3. އުނދަގޫ މަޢުލޫމާތުތައް (ނަން، ތާރީޚް، ޢަދަދު) ދަސްކުރުމުގައި ސިކުނޑިއަށް ބާރުބޮޑު ނުކުރާށެވެ. އޭގެ ބަދަލުގައި އެފަދަ މަޢުލޫމާތުތައް، ކުޅަދާނަކަން ހުރި މިންވަރަކުން ހަނދާނަށް ގެންނަމުން އިޞްލާޙު ކުރަމުން ގެންދާށެވެ.
4. ރޭގަނޑު ނިދުމުގެ ކުރިން އެދުވަހަކު އުނގެނުނު ހުރިހާ މަޢުލޫމާތުތައް މަތިމަތިން ސިކުނޑީގެ ތެރޭގައި މުރާޖަޢާ ކޮށްލާށެވެ.
5. އަލަށް އުނގެނޭ މަޢުލޫމާތުތައް ފުރިހަމައަށް ސިކުނޑީގެ ތެރޭގައި ރައްކާ ކުރެވެންދެން ކޮންމެ ހަތަރު ދުވަހަކުން އެއްދުވަހު ސިކުނޑީގެ ތެރޭގައި މަޢުލޫމާތުތައް މުރާޖަޢާ ކޮށްލާށެވެ.
❃ ދަސްކުރުމުގެ ބާރު އިތުރު ކުރުމަށް އެހީތެރިވެދޭ އުކުޅުތައް:
ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލެއްވުމަށް އެހީތެރިވެދޭ އިތުރު ގޮތްތަކެއް މިތާނގައި ހުށަހަޅާލާނަމެވެ.
1. ރާގަށް ނުވަތަ ވަޒަނަށް ކިއުން.
2. ކޮންމެ ބަހެއްގެ ފުރަތަމަ އަކުރު ނަގައިގެން.
3. މަޢުލޫމާތުތައް ގްރޫޕް ކުރުން ނުވަތަ ތަރުތީބު ކުރުން.
(1) ދަސްކުރާ ތަކެތި ވަކި ވަޒަނަކަށް ނުވަތަ ރާގަކަށް (ޅެމެއް) ގޮތަށް ކިޔުން.
ކުރީގެ މީހުން ހަނދާން ވަރުގަދަ ކުރުމަށްޓަކައި ޅެން ހިތުދަސް ކުރެއެވެ. ބަޠަލުންގެ ވާހަކައާއި އެނޫން ވާހަކަތައްވެސް ޅެން ބަހުރުވަޔަށް ބަދަލުކޮށްގެން އެ ދަސްކޮށް އުޅެއެވެ. މިފަދަ ޅެން ނުވަތަ ލަވަ ހިތުދަސް ކުރުމަކީ ހަނދާން ވަރުގަދަ ވުމަށް އެހީތެރިވެދޭ ކަމެކެވެ. އެއީ ބައިތެއް ނުވަތަ ބައިތެއްގެ ޞަދުރު ކިޔުމުން ޖެހިގެން އޮތްބައި ހަނދާނަށް ގެނައުމަށް ސިކުނޑި މަސައްކަތް ކުރާތީއެވެ. މިއިން އެނގެނީ ދަސްކޮށްފައިވާ މަޢުލޫމާތުތައް ހަނދާނަށް ގެނައުމުގައި އެ މަޢުލޫމާތެއްގައި ބޭނުންކޮށްފައިވާ ބަސްތައް އެހީތެރިވެދޭކަމެވެ.
(2) ބަސްތަކުގެ ފުރަތަމަ އަކުރު ނަގައިގެން ނުވަތަ އެކްރޮނިމްސް ހަދައިގެން ހަނދާނުގައި ހަރުލައްވާށެވެ.
މަޢުލޫމާތުތައް ހިމެނޭ ޢިބާރާތް ނުވަތަ ޖުމްލަތަކުގެ ފުރަތަމަ އަކުރު ނަގައިގެން އާބަހެއް އުފައްދާށެވެ. މިގޮތުން އުފައްދާ ބަސް ތައް ހުރިހާ ވައްތަރެއްގެ މަޢުލޫމާތެއް ހަނދާން ކުރުމުގައި ވެސް އެހީތެރިވެ ދެއެވެ. މީގެ މިސާލެއް މިތާނގައި ހުށަހަޅާލާނަމެވެ. ދިވެހި ބަހުގެ ވަޒަން ބަހުރުވައިގައި ހިމެނޭ ހަތް ބާވަތް ތަރުތީބުން ހަނދާނުގައި ހަރުލެއްވުމަށްޓަކައި މިފަދަ ބަހެއް ހެދިފައިވެއެވެ. ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ، ލަވަ މިބައިތައް ތަރުތީބުން ހަނދާން ކުރުމަށްޓަކައި ކޮންމެ ބަހެއްގެ ފުރަތަމަ އަކުރު ނަގައިގެން ހެދިފައިވާ ބަހަކީ “ބޮކިފުރާޅު އަލި” މިއެވެ. މީގެ އިތުރުން ދިވެހި ބަހުގެ ސުކުން ކުރެވޭ އަކުރުތައް ހަނދާނުގައި ހަރުލެއްވުމަށްޓަކައި “އަލްތިނޯސް ” “އާސީނުތަށި” ފަދަ ބަސްތައް ހެދިފައިވެއެވެ. މިފަދަ ބަސް ތައް ދިވެހިބަހުގެ އިތުރުން އިނގިރޭސި ބަހާއި އެނޫން ބަސްބަހުގައިވެސް ހެދިފައި ހުރެއެވެ. ބޭނުމަކީ މަޢުލޫމާތު ތައް ހަނދާނުގައި ހަރުލެއްވުމެވެ. މިގޮތަށް އެކްރޮނިމްސް ހަދައިގެން މަޢުލޫމާތު ދަސްކުރާނަމަ ތިރީގައި މިވާ ދެ ނުކުތާއަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ހ. ކޮންމެ މަޢުލޫމާތެއްގެވެސް އެންމެ ބޮޑަށް ހަނދާންކުރަން ބޭނުންވާ ބަސް ނުވަތަ ނަމުގެ ފުރަތަމަ އަކުރު ނަގާށެވެ.
ށ. ޖުމްލަތަކުގެ ތަރުތީބުން އަކުރުތައް ނަގާށެވެ.
(3) މަޢުލޫމާތުތައް ގްރޫޕްކުރުން ނުވަތަ ތަރުތީބު ކުރުން
100 މިލިޔަން މަޢުލޫމާތު ރައްކާ ކުރުމުގެ ޤާބިލިއްޔަތު އަހަރެމެންގެ ސިކުނޑީގައި ވެއެވެ. މިއީ 500 އެންސައިކްލޮޕީޑިއާ އާއި އެއްވަރުގެ ޢަދަދެކެވެ. އެހެން ނަމަވެސް ރައްކާ ކުރެވިފައިވާ މަޢުލޫމާތުތައް ބޭނުން ޖެހުމުން އަވަސްކަމާއި ފަސޭހަކަމާ އެކު ހަނދާނަށް ގެނައުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. ސިކުނޑީގައި މަޢުލޫމާތުތައް ތަރުތީބު ކުރުމުން، ނުވަތަ ރޭވުންތެރިކަމާ އެކު މަޢުލޫމާތުތައް ދަސްކުރުމުން، އެތައް މިލިޔަން މަޢުލޫމާތެއް ތަރުތީބުން، އެންމެ ހިމުން މަޢުލޫމާތުތަކާ އެކު އެއްވެސް އުނދަގުލެއް ނެތި ހަނދާނަށް ގެނެވެއެވެ. އެހެންކަމުން ސިކުނޑީގެ “ފައިލް” ތަކުގައި ރަނގަޅަށް މަޢުލޫމާތުތައް ތަރުތީބު ކުރާށެވެ. ތިރީގައި މިވަނީ މިގޮތަށް މަޢުލޫމާތުތައް ތަރުތީބު ކުރުމަށް އެހީތެރިވެދޭނެ ތިން ގޮތެވެ.
ހ. ސިކުނޑީގައި މަޢުލޫމާތުތައް ރައްކާކުރުމުގައި، އެ މަޢުލޫމާތެއް ލިބުނީ ކޮންގޮތަކުންކަން އެނގޭ ވަކި މަޞްދަރެއް ނުވަތަ އަސްލަކަށް ތަބަޢަވާށެވެ. މިސާލަކަށް: ޓީޗަރެއްގެ ކިބައިން، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަކުން، ފޮތަކަށް..
ށ. ކޮންމެ މަޢުލޫމާތެއްވެސް ވަކި މައުޟޫޢެއްގެ ދަށުން ރައްކާކުރާށެވެ. މިސާލަކަށް: “ސިކުނޑީގެ މަސައްކަތް” މި މައުޟޫޢުގެ ދަށުން މިކަމާ ގުޅޭ މަޢުލޫމާތުތައް ރައްކާކުރެވިދާނެއެވެ.
ނ. ރައްކާކުރި މަޢުލޫމާތާ ގުޅޭ ސޫރައެއް އުފައްދާށެވެ. މިސާލަކަށް: ބްރެއިން ސްޓޯމް ނުވަތަ ސިކުނޑީގެ ތޫފާނާ ގުޅޭ މަޢުލޫމާތުތަކެއް ރައްކާ ކުރުމަށްޓަކައި މިފަދަ ސޫރައެއް އުފެއްދިދާނެއެވެ.
ކްލާހުގެ ކުރިމަތީގައި ތާކިހަލެއް އަޅައިގެންހުރި މީހެއްގެ ގޮތުގައި ޓީޗަރު ސިފަކުރާށެވެ. ވިލާތަކުން އޭނާގެ ބޮލަށް (ސިކުނޑިއަށް)، ވާރޭ (ޠޫފާނެއް) ވެހެމުން ދެއެވެ. މި ޚިޔާލީ ތަސްވީރުން “ސިކުނޑީގެ ތޫފާން” މިބަސް ހަނދާނަށް ގެނައުމުގައި އެހީތެރިވެދޭނެއެވެ.
❃ ދަސްކުރުމުގެ ޗާޓެއް ކުރަހާށެވެ.
1. އެންމެ ބޮޑަށް ދަސްކުރަން ބޭނުންވާ މަޢުލޫމާތުތައް ގަނޑުގެ މެދުގައި ނޯޓްކޮށްލާށެވެ. އަދި އޭގެ ވަށައިގެން ބޮޅެއް އަޅާށެވެ.
2. މިބޮޅުގެ ކައިރީގައި، ނޯޓުކުރި ބަޔާ ގުޅުންހުރި މަޢުލޫމާތުތަކާ ޚިޔާލުތައް ލިޔާށެވެ. މީގެ ވަށައިގެންވެސް ބޮޅެއް އަޅާށެވެ.
3. ނޯޓް ކުރި މަޢުލޫމާތުތަކާ ޚިޔާލުތަކާ ގުޅޭގޮތުން ތިބާގެ އަމިއްލަ ޚިޔާލުތައްވެސް ލިޔާށެވެ.
4. ގުޅޭ މިސާލުތައް ލިޔާށެވެ. މި މިސާލުތައް ލިޔުމުގައި ކުރިން ނޯޓްކުރި އަމިއްލަ ޚިޔާލުތަކަށް އިޝާރާތް ކުރަންވާނެއެވެ. އަދި އެއާ ގުޅެންވާނެއެވެ.
5. މުހިންމު ހުރިހާ ޕޮއިންޓްތައް ނޯޓްކުރެވިއްޖެކަން ޔަޤީންވަންދެން، މިގޮތަށް ޕޮއިންޓް ނޯޓް ކުރަމުން ގެންދާށެވެ.
❃ އަވަހަށް ކިޔުމަކީ ކިޔުމުގެ ހުނަރު އިތުރުކޮށް ކިޔާ ތަކެތި ރަނގަޅަށް ދޭހަވުމަށް އެހީވެދޭ ކަމެކެވެ.
ކިޔާ ކޮންމެ އެއްޗެއްވެސް އަވަހަށް ކިޔުމަކީ އެ އެއްޗެއް ރަނގަޅަށް ވިސްނި ދޭހަވުން އިތުރު ކޮށްދޭ ކަމެކެވެ. ސިކުނޑީގެ ހަނދާނުގެ މަރުކަޒާ ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި އަވަހަށް ކިޔުމަކީ ކިޔާތަކެތި ހަނދާނުގައި ހަރުލެއްވުމަށް އެހީތެރިވެދޭ ކަމެކެވެ. ވޭތުވެދިޔަ ޒަމާން ތަކުގައި ހިގާފައިވާ ޙާދިޘާތަކުގެ އެންމެ ހިމުން ތަފްސީލްތައް މީހުންގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. މިކަމުން އެނގެނީ އަހަރުމެންގެ ސިކުނޑީގައި ގިނަދުވަސް ތަކެއް ވަންދެން މަޢުލޫމާތު ރައްކާކުރެވޭ ކަމެވެ. ސިކުނޑީގެ މަސައްކަތްތަކާ ބެހޭ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ސިކުނޑީގެ ތަމްރީންތައް ހެދިވަރަކަށް ހަނދާން ގަދަވާނެއެވެ. އަދި އޭގެ ސައިޒުވެސް ބޮޑުވާނެއެވެ. އެއީ ކުޅިވަރާއި ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ބާރުގަދަވެ ބޮޑުވާ ފަދައިންނެވެ.
މީގެ ކުރިން ދުވަހަކުވެސް ދަސްކުރަން ނުޖެހޭހާ ގިނަ ތަކެތި މިއަދު މިވަނީ ދަސްކުރަން ޖެހިފައެވެ. އެހެންކަމުން އަވަހަށް ކިޔައި އަވަހަށް ދޭހަ ކުރުމުގެ މުހިންމުކަން މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިކުނޑިއަށް ބާރުބޮޑު ކުރުމަކާ ނުލައި ކިޔާތަކެތި ހަނދާނުގައި ހަރުލެއްވޭވަރަށް، ކިޔުމުގެ ޤުދުރަތީ ހުނަރު އަވަހަށް ކިޔައިގެން ތަރައްޤީ ކުރެވިދާނެއެވެ. މިހުނަރު ތަރައްޤީ ކުރުމަށްޓަކައި ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
(1) ހަނދާން ކުރުން: އަވަހަށް ކިޔުމުގެ ފުރަތަމަ އަސާސް
ޢިލްމީ ޙަޤީޤަތްތަކުން އެނގޭ ގޮތުގައި ކިޔާ ތަކެތި ހަނދާން ކުރުމަކީ ނުވަތަ ކުރިޔަށް އޮތް ބަޔާމެދު ވިސްނައިގެން ހަލުވިކޮށް ކިޔުމަކީ ހީނުކުރާ ވަރަށް ވިސްނުން ހަލުވިކޮށްދޭ ކަމެކެވެ.
(2) ކިޔުމުގެ ނުރަނގަޅު 3 އާދައިން ދުރުހެލިވުން:
ހަލުވިކޮށް ކިޔުމުގެ ކުރިން 3 ކަމަކުން ދުރުހެލިވާން ޖެހެއެވެ.
ހ. ކިރިޔާ އަޑު ނުކުންނަވަރަށް ކިޔުން.
ށ. ބަސްތައް އެކުނުލަވާ ކިޔުން.
ނ. ކޮށަކޮށައިގެން ކިޔުން.
މި އާދަތަކާއެކު ކިޔަމުން ދާނަމަ ދަސްކުރަން ބޭނުންވާ އެއްޗެއްގެ ވަށައިގެން އެބުރެވޭނީއެވެ. އެ އެއްޗާއި ހަމައަށް ސިކުނޑި ވާޞިލެއް ނުވާނެއެވެ. އަދި މިއާދަތައް ހަރުލާފައި ވާނަމަ އަވަހަށް ކިޔުމަކީ ނުވާނެ ކަމެކެވެ.
❃ އަވަހަށް ކިޔާނީ ކިހިނެއް؟
1. އެއްވާހަކައެއްގެ މައްޗަށް ލިޔެފައިވާ ކުދިކުދި ޢިބާރާތް ކިޔާށެވެ.
2. ކިޔަމުން ދާ އެއްޗަށް ސަމާލުވެ ވިސްނައިގެން އިނުމަށް މަސައްކަތް ކުރާށެވެ.
3. ކިޔަމުންދާއިރު އެ އެއްޗަށް ސަމާލުވެ އިނުމަށް ސިކުނޑިއަށް ބާރުއަޅާށެވެ.
4. އެއްޗެއް ކިޔާ ނިމުމަށްފަހު އޭގެ ކުރު ޚުލާޞާއެއް ލިޔާށެވެ.
5. ކިޔާފައިވާ ބައި މުރާޖަޢާ ކުރާށެވެ.
6. މިތަމްރީނުތައް ހެދުމުގައި ދުވަސް ތަކެއް ވަންދެން ކުރިޔަށް ދާށެވެ. ލިބެމުންދާ ކުރިއެރުން ފާހަގަ ކުރެވޭނެއެވެ.
❃ ކިޔުމުގެ ހުނަރުތަކަށް ރައްކާތެރިވަމުން ކިޔަމުންދާ އެއްޗަށް ސަމާލުކަން ދޭށެވެ.
މިގޮތުން ތިރީގައިވާ ފަސް ނުކުތާގެ މައްޗަށް ޢަމަލުކޮށްގެން ކިޔުމުގެ ހުނަރު އިތުރު ކުރެވިދާނެއެވެ. ކިޔާ ތަކެތި ދިގު މުއްދަތަކަށް ހަނދާނުގައި ހަރުލެއްވުމަށްޓަކައި މިއީ ވަރަށް ކާމިޔާބު ގޮތެކެވެ. އެއްޗެއް ކިޔާ ނިންމާލުމަށްފަހު މި 5 ސުވާލު އަމިއްލަ ނަފްސާ ކުރާށެވެ.
1. ކިޔުނީ ކޮން އެއްޗެއް؟ މީގައި ވާހަކަދެކެވިފައިވަނީ ކޮން ކަމަކާ މެދު؟
2. މީގައިވާ މުހިންމު މަޢުލޫމާތު ތަކަކީ ކޮބާ؟
3. ލިޔުންތެރިޔާ ހުށަހަޅާފައިވާ ޚިޔާލުތަކަކީ ކޮބާ؟
4. އެންމެ ފާހަގަ ކުރެވޭ ޕޮއިންޓްތަކަކީ ކޮބާ؟
5. އެހެން ލިޔުންތަކާ ހުރި ތަފާތަކީ ކޮބާ؟
ކޮންމެ އެއްޗެއްވެސް ކިޔުމަށްފަހު އެކިޔުނު އެއްޗަކާ މެދު މިގޮތަށް ވިސްނާލާށެވެ. މިސުވާލުތަކުގެ ސަބަބުން، ލިބުނު މަޢުލޫމާތުތައް ތަރުތީބުން ސިކުނޑީގައި ހަރުލާނެއެވެ. އެއްޗެއް ކިޔާ ނިމުމަށްފަހު އެ އެއްޗެއް ހަނދާނުގައި ހަރުލެއްވުމަށްޓަކައި، އެއާ ބެހޭގޮތުން އަމިއްލަ ނަފްސާ ސުވާލު ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ.
(ނިމުނީ)
✽ މިއީ ލަޠީފާ ޤާޞިމް ދަރުމަ މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.