ތިމާކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، ވީއެންމެ ރަނގަޅަށްކަމުގައި މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު ޚުތުބާގައި ވިދާޅުވީ ” ތިމާކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، ވީއެންމެ ރަނގަޅަކަށެވެ. އަދި އެކަމެއް ކުރަންއޮތް އެންމެ ފުރިހަމަ ގޮތުގައެވެ. އޭރުން، އެމީހަކުދެކެ ﷲ ލޯބިވެވޮޑިގެންވާނެއެވެ. އަދި މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެގެންދާނެއެވެ. ނަމަވެސް މުޖުތަމައުގެ ތެރެއިން ފެންނަމުންދަނީ، މިއާ ޚިލާފުގޮތަކަށެވެ. ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއްނެތި ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް މަސައްކަތްކުރުމުގެ ސަބަބުން، ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑަތި ގެއްލުންތައް ލިބެމުންދާތަނެވެ. މިއީ ރަސޫލާ އަށް ތަބާވެގެންވާ މުސްލިމް މުޖުތަމަޢެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫނެވެ. މިކަމުގެ ސަބަބުން އެންމެންނަށްވެސް ލިބޭނީ، ގެއްލުމާއި ހަލާކެވެ. މިހެންކަމުން، މަކަރާއި ޙީލަތެއް ނެތި، ތެދުވެރިކަމާއެކު އެންމެންވެސް މަސައްކަތް ކުރާށެވެ.”
މަސައްކަތް ކުރުމުގެ އަދަބުތަކާއި އަޚުލާޤު މުހިއްމުކަން ހާމަކޮށް ޚުތުބާގައި ވިދާޅުވީ ” ޅަދަރިން ހެޔޮގޮތުގައި ތަރުބިޔަތުކޮށް އިންސާނުން ބިނާކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން، މިކަމުގެ މައްޗަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން، އިސްލާމީ ގިއުގަނޑެއްގެ ތެރޭގައި ތަރުބިޔަތުދީ، މަސައްކަތްތެރިކަމުގެ ޝައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އުފައްދަން ޖެހޭނެއެވެ. އަދި އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުމުގެ ރޫޙު، އެކުދީންގެ ކިބައިގައި އަށަގެންނެވުމަކީ، ކޮންމެހެން ބޭނުންކަމެކެވެ. މުޖްތަމަޢެއް ކުރިއަރައިދާނީ އެ މުޖްތަމަޢެއްގެ ދަރީން ހުރިހާ ގޮތަކުންވެސް ހަރުދަނާ ބަޔަކު ކަމުގައި ވެގެންނެވެ. އަދި ހީވާގި، މަސައްކަތްތެރި، އުފެއްދުންތެރި ބަޔަކު ކަމުގައި ވެގެންނެވެ.”
ފަރުވާކުޑަ ވުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ހިނގާފާނެ ކަންތައްތަކެއް ހާމަކޮށް ޚުތުބާގައި ވިދާޅުވީ ” މަސައްކަތުގެ މާޙައުލުގައި ހިތާމަވެރި ޙާދިޘާއެއް ހިނގިޔަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ. އަދި އެކަން ކަށަވަރު ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ކަން މިހެން އޮތް ނަމަވެސް، ބައެއް ފަހަރު، އަޅުގަނޑުމެންގެ އިހުމާލުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ހިތާމަވެރި ކަންކަން ހިނގާފައި އެބަހުއްޓެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އެންމެހައި ފަރުދުން ޢަމަލުކުރުމަކީ މުހިއްމު ކަމެކެވެ.”