ދަނޑުވެރިކަމުގައި ވަރަށް ގިނައިން މާޔޫސީ ދަނޑިވަޅުތައް އާދެއެވެ. ދަނޑު ގޮވާމަށް ޖަނަވާރުތަކާއި ދޫނި ސޫފާސޫފީގެ ސަބަބުން ގެއްލުން ލިބޭ ފަހަރުތަކުގައެވެ. ދަނޑުން ވައްކަންކުރާ ފަހަރުތަކުގައެވެ. މޫސުން ގޯސްވެ، ދަނޑަށް ގެއްލުން ލިބޭ ފަހަރުތަކުގައެވެ.
މި ފަދަ ދަނޑިވަޅުތަކުގައި ތިރީގައިމިވާ ޙަދީޘްތަކުން ހިތަށް ތަސައްލީ ހޯދިދާނެއެވެ.
جابر رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم حَديث ކުރެއްވިއެވެ.
مَا مِنْ مُسْلِمٍ يَغْرِسُ غَرْساً إلاَّ كانَ مَا أُكِلَ مِنْهُ لهُ صَدَقَةً، وَمَا سُرِقَ مِنْه لَه صدقَةً، وَلاَ يرْزؤه أَحَدٌ إلاَّ كَانَ لَهُ صَدَقَةً
އެއްވެސް މުސްލިމަކު ގަހެއް އިންދައިފިނަމަ، އެ ގަހަކުން ކެވޭ ކޮންމެ ކެއުމަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާ ހުއްޓެވެ. އެ ގަހުން ވަގަށް ގެންދެވޭ ކޮންމެ އެއްޗަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ. އަދި މީހަކު އެއަށް ގެއްލުންދީފިނަމަ، އެއީވެސް އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ.
މި ހަދީސް ރިވާކުރެއްވީ އިމާމު މުސްލިމެވެ.
އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.
فَلا يغْرِس الْمُسْلِم غَرْساً، فَيَأْكُلَ مِنْهُ إِنسانٌ وَلاَ دابةٌ وَلاَ طَيرٌ إلاَّ كانَ لَهُ صدقَةً إِلَى يَوْمِ الْقِيَامة
މުސްލިމަކު ގަހެއް އިންދައިފިއްޔާ އެ ގަހަކުން އިންސާނަކު ކެޔަސް އަދި ޖަނަވާރަކު ކެޔަސް އަދި ދޫންޏެއް ކެޔަސް އެއިން ޤިޔާމަތްދުވަހު އެމީހަކަށް ޞަދަޤާތެއްގެ ޘަވާބުލިބޭ ހުއްޓެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.
“ مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ “
އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.
މަސައްކަތު މީހުންގެ ޙައްގު ތަކަށް ފަރުވާތެރިވެ ރައްކާތެރިވުމަށް ވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ގުދްސިއްޔަ ޙަދީޘެއްގައި ވަޙީ ކުރައްވައެވެ. ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أُعْطِىَ بِيْ ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرّاً فَأَكَلَ ثَمَنَهُ، وَرَجُلٌ اِسْتَأْجَرَ أَجِيْراً فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ
މާނައަކީ: ”ގިޔާމަތް ދުވަހުން ތިން މީހެއްގެ ޚަޞްމެއްގެ ގޮތުގައި ވާނީ ތިމަން ﷲ އެވެ. އެއީ:
• އަމާނާތެއް ޙަވާލުވުމުން އެޔަށް ޣައްދާރުވާމީހާ،
• މިނިވަނަކުވިއްކާ އޭގެ އަގު ކައިފިމީހާ،
• އަދި އުޖޫރައަށް މީހަކުލައްވާ މަސައްކަތް ކުރުވާ، އެމީހާގެ މަސައްކަތް ފުރިހަކަކުރުމަށްފަހުގައި އޭނާގެ ޙައްގު ނުދިން މީހާ
މިއީ ދަނޑުވެރީންނާއި އަދި އެނޫން މީހުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ.
ދިވެހިރާއްޖޭގެ ގިނަރަށްރަށެއްގައި ދަނޑުވެރިކަން އެކި ފެންވަރުގައި ކުރަމުންދެއެވެ.
ރާއްޖޭގެ ދަނޑުވެރިކަމަށް އަދަށްވުރެ ފަހި މާދަމާއެއް ދައްކަވާށި…އާމީން