މުޖްތަމައުން ފެންނަމުންދާ އެކި އެކި މަންޒަރުތަކުގެ ތެރެއިން އަހަރެންގެ ނަޒަރު ހުއްޓިގެން ދިޔައީ ދެމަފިރިއެއްގެ ދިރިއުޅުމަށެވެ. އެދެމަފިރިންވެސް އެދެމަފިރިންގެ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާކަން ހާމަވެއެވެ.
ކޮންމެ ދުވަހަކުވެސް އެ ދަރިފުޅު އިސްކޫލަށް ގޮވައިގެންދަނީ އެދަރިފުޅުގެ ބައްޕައެވެ. އެ ދަރިފުޅު ތަރުބިއްޔަތުކުރުމުގެ މަރުހަލާގައި ދެމަފިރިންވެސް ހަމަހަމަކޮށް ޝާމިލްވެއެވެ. ގެއަށް އައިސް ފިރިހެން ދަރިފުޅަށް ލުއި ކާއެއްޗެއްދީފައި އެދަރިފުޅު ފެންވަރުވާފަ ބައްޕަ އާއި އެކު މިސްކިތަށް ދާން ރީތި ކޮށްދެނީ ކުއްޖާގެ މަންމައެވެ. އަންހެންމީހާ ނަމާދު ކޮށްލައިގެން ބަދިގެ ދޮށަށް ދިޔުމުން ފިރިމީހާވެސް އަނބިމީހާ އަށް އަވަސްކޮށްދިނުމަށް މެންދުރުގެ ކެއުމަށް ސުފުރާމަތި ސުޕޮންޖުކޮޅަކުން ސާފުކޮށްލިއެވެ.އަނބިމީހާއާ، ދަރިފުޅާއިއެކު ކެއުމަށްފަހު ދަރިފުޅު ގޮވައިގެން ސިންކު ދޮށަށްގޮސް ފިރިހެނުންވެސް ތަށި ދޮންނަންވާނެޔޭ، ރަސޫލާވެސް އަނބިންނަށް އެހީތެރިވެދިނޭ އަހަރެމެން އުޅެންވާނީ އެކަލޭގެފާނު އެންގެވިގޮތަށޭ ބައްޕަ ބުނެލިއެވެ.ދެމަފިރިންވެސް ދަރިފުޅު ލައްވާ ފިލާވަޅުތައް ހަދުވައި، ދަރިފުޅަށް ފިލާވަލުތައް ދަސްކޮށްދިނެވެ. އަދި މަންމައާއި އެކު ދަރިފުޅު ޤުރުއާން ކުލާހަށްދިޔައެވެ. ރަށުގައި ހުރިނަމަ ބައްޕައާއި އެކު ދަރިފުޅު މިސްކިތަށް ދެއެވެ. އަދި ފިރިމީހާ ރަށުގައި ނެތްނަމަ އަނބިމީހާ ދަރިފުޅު ގޮވައިގެން މިސްކިތަށް ގެންގޮސްދީ ހަދައެވެ. ރޭގަނޑުވުމުން ދަރިފުޅާއި އެކު މަންމަ އަދި ބައްޕަވެސް ޤުރުއާންކިޔަވައެވެ. އަދި އެކުގައި ހީސަމާސާކޮށް ހަދައެވެ. އަދި އަންހެނުން ބަލިވެ އުޅެންޏާ ގޭގަ ކައްކަނީ ފިރިމީހާއެވެ. ދަރިފުޅަށާއި އަނބިމީހާއަށް ކާންހަދައިދެނީ ފިރިމީހާއެވެ. ފިރިމީހާ ބަލިވީމަ އަނބިމީހާ ކަންތައް ކޮށްދޭ ފަދައިން އެއްވެސް ޝަކުވާއެއް ނެތިއެވެ. އެއްޗެހި ދޮވެ ކޮޓަރި ސާފުވެސް ކޮށްދެއެވެ. ދިރިއުޅުމުގެ އެކި އެކި ކަންކަމުގައި ފިރިމީހާގެ އެހީތެރިކަން ލިބޭތީވެ އަނބިމީހާ އާއި ދަރިފުޅު ހުންނަނީ ވަރަށް އުފަލުންނެވެ.
މި ދެމަފިރިން އެމީހުންގެ ދަރިފުޅު ޝާންގެ އިސްކޫލުގައި އާއިލީ ހަވީރެއް ބާއްވާތީ ތައްޔާރުވެގެން ދަރިފުޅު ގޮވައިގެން އިސްކޫލަށް ދިޔައެވެ. ދެމަ ފިރިން ދަރިފުޅު ޝާންއާއެކު ފޮޓޯއެެއް ނެގިއެވެ. އެ ދެމަފިރިން ޝާންއާއެކު ފޮޓޯނަގަން ހުރި މަންޒަރު ބަލަން ފެންކަޅިވެފައި ހުރީ ކުޑަ ކުޑަ މައުސޫމް އަލްޔާ އެވެ. އަލްޔާ އޭނާގެ މަންމަ ކައރީގައި ބުންޏެވެ. މަންމާއެވެ. މި އަދު އަޅުގަނޑުގެ ބައްޕަ އަޅުގަނޑު ކައިރީގައި ނެތީމައި ވަަރަށް ދެރަވޭ. އެ ކީއްވެތަ އަޅުގަނޑުގެ އެއްވެސް ކަމެއްގައި ބައްޕަ އަޅާ ނުލަނީ. އަހަރެންނަށް މިއަދު ޔަތީމަކު ކުރާ ކަހަލަ އިހްސާސް ތަކެއް ކުރެވިއްޖެ. އަހަރެންގެ ބައްޕަ އަހަރެން ދެކެ ލޯބި ނުވަނީތަ މަންމާ.
ލޮބުވެތި އަޚުން މިއީ ބައްޕަގެ ލޯބި ނުލިބޭ އަލްޔާގެ އިހްސާސްތަކެވެ. އަލްޔާ މި އަދު އެ ޝަކުވާ ކުރަމުން އެދަނީ އެ ދަރިފުޅުގެ ކަންކަމުގައި އޭނާގެ ބައްޕަ އިހްމާލް ވެފައިވާތީއެވެ.
ލޮބުވެތި އަޚުން ކާންބޯން މަސައްކަތްކުރަމުންވެސް ރަށުގައި ހުރި ނަމަ، އަނބިމީހާއަށާއި ދަރިފުޅަށް ތިބާގެ ވަގުތު ދޭށެވެ. ދަރިފުޅަށް އަބަދުވެސް އެދަރިފުޅުގެ ބައްޕަގެ ލޯބި، އަޅާލުން، ދަރިފުޅުގެ ކިޔެވުމުގެ ކަންކަމުގައި ބައްޕަވެސް ކަންބޮޑުވާކަމާ، އެދަރިފުޅު މޮޅުވާން ބައްޕަވެސް އެދޭކަން ހާމަކޮށްދޭން ޖެހޭނެއެވެ. ސަބަބަކީ އެ ލޯބި ދަރިފުޅަކީ ދެމަފިރިންގެވެސް ދަރިއަކަށް ވާތީއެވެ. އަދި ފިރިހެނުންނަކީވެސް އިސްކޫލުތަކުގައި ބާއްވާ އެކި އެކި ބައްދަލްވުންތަކާއި ދަރިފުޅާ ގުޅުންހުރި ކޮންމެ ކަމެއްގައި ޝާމިލްވާންޖެހޭނެ ބައެކެވެ. ލޮބުވެތި އަޚުން ތިބާއަށް ވީ ވަރަކުން ތިބާ އަނބިދަރިންނަށް ވަގުތުދޭށެވެ. ދަރިއަކު ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަކީ ހަމައެކަނި ދަރިފުޅުގެ މަންމަ އަދާ ކުރަން ޖެހޭ ޒިންމާއެއް ނޫނެވެ. އެއީ ތިބާގެވެސް ދަރިއެކެވެ. ހަމައެކަނި ދަރިންނަށް ޚަރަދު ކުރެވުމުން އެއީ ތިބާގެ ޒިންމާ އަދާކުރެވުނީ ކަމުގައި ނިންމާ ނުލާށެވެ. އިސްލާމްދީނާ އެއްގޮތަށް ދަރިޔަކު ތަރުބިއްޔަތު ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި އެދަރިން ތަރުބިއްޔަތު ކުރި ގޮތާމެދު ތިބާ އާއި ސުވާލުކުރެވޭ ދުވަހެއް އެބައާދެއެވެ. ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރާށެވެ.