ޚަބަރު
ތިމާގެ އަޚާގެ ވިސްނުން ހުރި ފަދައިން އޭނާއާމެދު ތިމާގެ ވިސްނުން ބަހައްޓަން ޖެހޭނެ – ޚުތުބާ

އިސްލާމީ އުޚުއްވަތްތެރިކަން އަދާކުރުމަށް ތިމާގެ އަޚާގެ ވިސްނުން ހުރި ފަދައިން އޭނާއާމެދު ތިމާގެ ވިސްނުން ބަހައްޓަން ޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” ތިމާގެ އަޚާއަށް ހެއު އެދިގެން އަނެއް އަޚާ ހޭދަ ކުރާއިރު، އޭނާގެ އަތުން ލިބިގަތުމުގައި މިންވަރެއް ގެންގުޅެން ޖެހޭ ކަމެވެ. ތިމާގެ އަޚާ ފަދައިން ދިރިއުޅުމަށް މަސައްކަތް ކުރަން ޖެހޭ ކަމެވެ. އޭނާއަށް ހެއު ދުޢާ ކުރަން ޖެހޭ ކަމެވެ. އޭނާއަށް އަދަބު އިޙްތިރާމު އަދާކުރަން ޖެހޭ ކަމެވެ. ތިމާއަށް ލިބިފައިވާ ފަދަ ފޯރުންތެރިކަމަކާއި ރިވެތި އަޚްލާޤަކާއި ދީންވެރިކަމެއް ތިމާގެ އަޚާއަށް ދުނިޔެއިން ލިބުމަށް އެދެންވާނެ ކަމެވެ. އިސްލާމީ އުޚުއްވަތްތެރިކަން އަދާކުރުމަށް ތިމާގެ އަޚާގެ ވިސްނުން ހުރި ފަދައިން އޭނާއާމެދު ތިމާގެ ވިސްނުން ބަހައްޓަން ޖެހޭނެ ކަމެވެ.

އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ކުދި ފާފަތަށް ފޮހެވިގެންދާ ކަމުގައި ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމަކީ ﷲ އަށްޓަކައި، އެގުޅުން ޚާލިޞްކޮށްފިނަމަ، މުސްލިމުންގެ ކިބައިން ކުދިފާފަތައް ފުހެވިގެންދާ ހެއު ޢަމަލެކެވެ. އިސްލާމީ އުޚުއްވަތްތެރި ކަމަކީ ގާތްތިމާގެ ކަމާއި ލޭގެގުޅުމެކޭ އެއްފަދަ ނުވަތަ އެޔަށްވުރެ މާ މަތިވެރި ގުޅުމެކެވެ. އެއީ، އިންސާނާ އޭނާގެ އަޚާއަށް ލިބެންޖެހޭ ޙައްޤުތަކަށް ޖާގަދީ އޭނާއަށްޓަކައި ޢަދަދު ނުކުރެވޭހާ ގިނަގުނަ ކަންތައްތައް ކޮށްދިނުމަށް ބޭނުންވާ ސަބަބުވެސް މެއެވެ. އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމަކީ މަތިވެރި ގުޅުމެކެވެ. އެއީ އިލާހީ ގުޅުމެކެވެ”.

އުޚުއްވަތްތެރިކަން ދަމަހައްޓަންޖެހޭގޮތް ހާމަކޮށް ދެއްވަމުން ޚުތުބާގައި ވިދާޅުވީ ” އިސްލާމީ އުޚުއްވަތްތެރިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއްކަމުގައި ހަދައިގެން ނުވާނެއެވެ. އެއީ ތިމާގެ ނަފުސާއި ހިތުގެ އަޑީގައި ބިންވަޅު ނެގިފައިވާ، އެޔާ އެއްގޮތަށް ޢަމަލުކުރާ ގުޅުމަކަށް ވާންޖެހޭނެއެވެ. މި ގުޅުމުގައ އޮންނަން ޖެހޭނީ އިޚްލާޞްތެރިކަމާއި ލޯތްބާއި އޯގާތެރި ކަމެވެ. އެއިން ފާޅުވާން ޖެހެނީ ތިމާގެ އަޚާއާއެކު ރިވެތި ގޮތުގައި ކުރެވޭ މުޢާމަލާތްތަކެވެ. އޭނާއަށް ދެވޭ ހެއު ލަފަޔާއި އިރުޝާދުތަކެވެ”.

0