ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: ސޫރަތުލް ޙަދީދް

 

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

  • ހިތްހަރުކަމަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ މާތްﷲގެ މަގުގައި މުދާ ހޭދަކުރުމެވެ.

މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް

  • ޙަދީދު ސޫރަތް ތަސްބީޙައިގެ ސޫރަތްތަކުގެ ތެރޭގައެވެ. މުސައްބިޙާތުގެ މާނައީ ތަސްބީޙަ ތަކެވެ. ތަސްބީޙައިގެ ސޫރަތް ތަކަކީ “سَبَّحَ” ނުވަތަ “يُسَبِّحُ” ނުވަތަ “سَبِّحُ” ނުވަތަ “سُبْحَانَ” އިން ފެށިފައިވާ ސޫރަތްތަކެވެ. އެއީ އިސްރާ ސޫރަތާއި، ޙަދީދު ސޫރަތާއި، ޙަޝްރު ސޫރަތާއި، ޞައްފު ސޫރަތާއި، ޖުމްޢަތު ސޫރަތާއި، ތަޣާބުން ސޫރަތާއި އަދި އަޢުލާ ސޫރަތެވެ. މި ސޫރަތްތައް ފެށިފައިވަނީ ﷲ ތަޢާލާ އެންމެހާ އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގަންނަވާކަމުގެ ވާހަކައިންނެވެ. ޙަދީދު ސޫރަތުގެ ފުރަތަމަ ހަ އާޔަތުގައި މާތްﷲގެ ޢިލްމުފުޅުގެ މަތިވެރިކަން ބަޔާންވެފައިވެއެވެ. އަދި އެކަލާނގެ ކަށަކުޅަދުންވަންތަކަން ބަޔާންވެފައިވެއެވެ.

މި ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ

“އަދި އެތަކެއްޗާއިމެދު، އެކަލާނގެ ތިޔަބައިމީހުން ޚަލީފާވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ. 

  • އެންމެހާ މުދަލަކާއި އެންމެހާ ތަކެއްޗެއް މިލްކުވެރިވެވޮޑިގަންނަވަނީ މާތްﷲއަށްކަން މިއާޔަތުން އެނގެއެވެ. އަދި މާތްﷲ އިންސާނުންނަށް ދެއްވަވާފައިވާ އެއްޗެހި ހޭދަކުރަންޖެހޭކަންވެސް އެނގެއެވެ.
  • މުއުމިނުންގެ ކިބައިން މާތްﷲ ހިއްޕަވާފައިވާ އަހުދުކަށަވަރުމަތިން ހަނދާންކޮށްދެވިފައިވެއެވެ. (8ވަނަ އާޔަތް)
  • މައްކާ ފަތަޙަވުމުގެ ކުރިން މާތްﷲގެ މަގުގައި ހޭދަކޮށް، ހަނގުރާމަކޮށް އުޅުނު މީހުން އެނޫން މީހުންނާއި ހަމަހަމަވެގެންނުވާ ކަމުގައި ބަޔާންވެފައިވެއެވެ. އަދި މައްކާ ފަތަޙަވުމުގެ ކުރިންނާއި ފަހުން ހޭދަކުރުމަކީ ވެސް މޮޅު އިތުރުކަމެއްކަން ބަޔާންވެފައިވެއެވެ.(10ވަނަ އާޔަތް)
  • އުޚުރަވީ ޙަޔާތުގައި މުނާފިޤުންނާއި އިސްލާމްދީނާއިމެދު ޝައްކުކުޅަމީހުންގެ ޙާލަތު ހުންނާނެގޮތް ބަޔާންވެފައިވެއެވެ.(13ވަނަ އާޔަތުން 15 ވަނަ އާޔަތަށް)
  • މާތްﷲގެ މަގުގައި މުދާހޭދަކުރުމުގައި ހުރި މޮޅު އިތުރުކަމާއި ބަރަކާތްތެރިކަމުގެ ވާހަކަ ބަޔާންވެފައިވެއެވެ.(18ވަނަ އާޔަތް) 
  • މި ދުނިޔެވީ ޙަޔާތަކީ އިމްތިޙާންގެ ގޮވައްޗެކެވެ. ނެތިފަނާވެދަނިވި ކުރު ޙަޔާތެކެވެ. (20ވަނަ އާޔަތް)
  • ޤަޟާ ޤަދަރަށް އީމާންވާށެވެ. އެއަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއްވެސް ކަމެއް މެދުވެރިވީ އެމީހަކަށް ދެރައަކަށް ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެކަމުގައި ފޮރުވިފައިވާ ޙިކުމަތް އަހަރެމެންނަށް ނުވިސްނެނީއެވެ. ވީމާ އޮތީ ޝުކުރުވެރިވުމެވެ.

(22ވަނަ އާޔަތުން 24ވަނަ އާޔަތަށް)

  • ﷲތަޢާލާއީ އެންމެ އިންސާފުވެރި ފަރާތެވެ. އެކަލާނގެއީ އޯގާވަންތަ އިލާހެވެ. އެކަލާނގެ މަޚްލޫޤުންނަށް ޢުޒުރު ހޯދައިދިނުމަށް ލޯބިކުރައްވާ އިލާހެވެ. ރަސޫލު ބޭކަލުން ފޮނުއްވުމުގެ އެއް ޙިކުމަތަކީ މިއީއެވެ. ފޮތްތައް ބާއްވައިލެއްވުމުގެ އެއް ޙިކުމަތަކީ މިއީއެވެ.(25ވަނަ އާޔަތް)

މި ސޫރަތުން ލިބިދޭ ފައިދާތައް

  • ކީރިތި ޤުރުއާނަކީ ޙައްޤާއި ބާތިލު ވަކިކޮށްދޭ ފޮތެއްކަން
  • ކީރިތި ޤުރުއާނުގައި يَا أَيُّهَا الَّذِينَ آمَنُوا އައިސްފައިވާ ކޮންމެ އާޔަތެއްގެ މުރާދަކީ އީމާންވެއްޖެ މީސްތަކުންނެވެ. އެކަމަކު މިއާޔަތުގައި يَا أَيُّهَا الَّذِينَ آمَنُوا ގެ މުރާދަކީ ކުރީގެ ރަސޫލުބޭކަލުންނަށް އީމާންވި އަހުލުކިތާބީންނެވެ.

(28ވަނަ އާޔަތް) (މި ވާހަކަ އައިސްފައިވަނީ تفسير ابن سعديގައެވެ.)

މައްކާ ފަތަޙަވުމުގެ ކުރިން މާތްﷲގެ މަގުގައި ހޭދަކޮށް، ހަނގުރާމަކޮށް އުޅުނު މީހުން އެނޫން މީހުންނާއި ހަމަހަމަވެގެންނުވާ ކަމުގައި ބަޔާންވެފައިވެއެވެ.

  • އެންމެހާ ޞަޙާބީ ބޭކަލުންވަނީ ސުވަރުގޭގައެވެ.ނަމަވެސް ސުވަރުގޭގައި އެބޭކަލުންގެ ދަރަޖަތައް ތަފާތުވެގެންވެއެވެ.   
  • ހިތްހަރުކަމަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ މާތްﷲގެ މަގުގައި މުދާ ހޭދަކުރުމެވެ.
  • މި ދުނިޔެ އަކީ ހުރިހާ އެއްޗެއް ކަމަށް ނުބަލާށެވެ. މި ދުނިޔޭގެ އުފަލާއި، މަޖަލާއި، ޖަހާއި، ބާރާއި، ނުފޫޒާއި، މަޝްހޫރު ކަމަކީ އެއްވެސް އެއްޗެއް ނޫނެވެ. މިކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ތިބާގެ އާޚިރަތް ގެއްލުވައި ނުލާށެވެ. ހެޔޮގޮތުގައި އުޅޭށެވެ. ހެޔޮގޮތުގައި ނިމިދާށެވެ. ސަލާމަތުގެ އައްސޭރި އަތުޖެހޭނީ އެއިރުންނެވެ.◊

 

0