ފިލާވަޅު ރަނގަޅަށް ދަސްކޮށް މުރާޖަޢާކޮށް، އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުވުމަށް ފަހު ވެސް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ނިދިން ހޭލާއިރު ދަސްކުރި ހުރިހާ އެއްޗެއް ހަނދާން ނެތޭގޮތް ވެއެވެ. އިމްތިޙާނު ކަރުދާސް އަތަށް ލިބުމުން ދަސްކުރި އެއްޗެތި ހަނދާން ނުވާގޮތް ވެއެވެ. މިވަނީ ކީއްހެއްޔެވެ؟
އުނގެނޭ ތަކެތި ހަނދާނުގައި ހަރުލެއްވުމަށްޓަކައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ. އެއްޗެއް ދަސްކޮށް ނުވަތަ ކިޔައި ނިންމާލުމަށްފަހު އެ އެއްޗެއް ހަނދާނުން ފިލައިގެން ދިޔަނުދީ، ސިކުނޑީގައި ހަރުލެއްވުމަށްޓަކައި، ހަމައެކަނި ހިތުދަސް ކުރުމުގެ ބަދަލުގައި ވިސްނުންތެރިކަމާއެކު ކިޔައި ދަސްކުރާށެވެ. ދަސްކުރާ ތަކެތި ހަނދާނުގައި ހަރުލެއްވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު 3 މަރުޙަލާއެއް ވެއެވެ. އެއީ:
1. އުނގެނުމުގެ ކުރިން
2. އުނގެނެމުން ދާއިރު
3. އުނގެނުމުގެ ފަހުން
މި ތިން މަރުޙަލާގެ ތެރެއިން އަޅުގަނޑުމެންނަށް ޢާންމު ގޮތެއްގައި ސަމާލުކަން ދެވޭނީ ހަމައެކަނި 2 ވަނަ މަރުޙަލާއަށެވެ. އާދެ! އުނގެނެމުންދާއިރު ސަމާލުކަން ދިނުމަށެވެ. އުނގެނޭ ތަކެތި ދިގު މުއްދަތަކަށް ހަނދާނުގައި ނުހުންނަނަމަ ނުވަތަ އުނގެނޭ ތަކެތި ދެނެގަތުމުގެ ބާރު ކުޑަނަމަ މިތިން މަރުޙަލާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ.
1. ފުރަތަމަ މަރުޙަލާ: (އުނގެނުމުގެ ކުރިން) ތައްޔާރުވުމާއި ރޭވުން
ކުރާ މަސައްކަތެއް ކާމިޔާބުވުމުގެ 90 އިން ސައްތައަކީ، އެކަމަށް ތައްޔާރުވުމެވެ. އެހެންކަމުން އުނގެނެން ބޭނުންވާ ތަކެތި ކާމިޔާބު ކަމާއެކު އުނގެނުމަށްޓަކައި އެކަމަށް ތައްޔާރުވާން ޖެހެއެވެ. އެހެނީ އުނގެނޭ ތަކެތި ދޭހަވުމުގެ 90 އިން ސައްތަ ބިނާވަނީ ތިބާގެ އަމިއްލަ މަސައްކަތުގެ މައްޗަށެވެ. އުނގެނުމާބެހޭ ދިރާސާތަކުން އެނގޭ ގޮތުގައި ރަގަޅު ފެންވަރަކަށް އުނގެނުމަށް ތައްޔާރުވުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭން ޖެހެއެވެ.
ހ. ތައްޔާރުވަމުންދާ މައުޟޫއިން އެނގިފައިވާ ހުރިހާ އެއްޗެއް މުރާޖަޢާ ކުރުން.
ށ. ފިލާވަޅުގައި ހިމެނޭ މުހިންމު ޕޮއިންޓްތައް ނޯޓު ކުރާށެވެ. އަދި ސުވާލު އުފެދޭ ތަންތަން ފާހަގަ ކުރާށެވެ.
ނ. ފިލާވަޅު އުނގެނެން ބޭނުންވާ ގޮތުގެ ތާވަލެއް ރާވާލާށެވެ. (މި ތާވަލުގެ ސަބަބުން މުދައްރިސް ފިލާވަޅު ކިޔަވައި ދެއްވާއިރު އުނގެނެން ބޭނުންވި ތަކެތި އެގުނުކަން ނުވަތަ ނޫންކަން އެގޭނެއެވެ.) އަދި ކުރިން އެގިފައިވާ އެއްޗަކަށްވުރެ އިތުރަށް އެއްޗެއް އުނގެނުނުނަމަ އެކަން ވެސް ޔަޤީންވާނެއެވެ.
2. ދެވަނަ މަރުޙަލާ: (އުނގެނެމުންދާއިރު) ފުރަތަމަ މަރްޙަލާގައި އެކުލަވާލި ކަންތައްތަކަށް ސަމާލުކަންދޭށެވެ.
1. އަލަށް ލިބެމުންދާ މައުލޫމާތުތައް ހަނދާނުގައި ހަރުލެއްވުމަށްޓަކައި ސިކުނޑީގެ ތެރޭގައި އެ މައުލޫމާތުތައް ރާވަމުން ގެންދާށެވެ.
2. އުނގެނެމުންދާ ތަކެތި ފުރިހަމައަށް ވިސްނިއްޖެކަން ކަށަވަރު ކުރުމަށްޓަކައި، ގަޑި ފެށުނީއްސުރެ ނިމެންދެން އުނގެނެމުންދާ ތަކެއްޗާމެދު ސުވާލާއި ފިކުރު އުފައްދާށެވެ. މިގޮތުން އުފައްދާ ސުވާލުތަކާއި ފިކުރުތަކުގެ ސަބަބުން މައުޟޫއަށް ސަމާލުކަން ދިނުން އިތުރުވާނެވެ. އަދި ސިކުނޑީގައި އުފެދޭ ފިލާވަޅާ ނުގުޅޭ ޚިޔާލުތަކާ ދުރުކޮށްދޭނެއެވެ.
3. ތިންވަނަ މަރުޙަލާ: (އުނގެނުމަށްފަހު) ލިބުނު މަޢުލޫމާތުތައް ތަރުތީބު ކުރާށެވެ.
ގިނަ ކުދިން ފިލާވަޅު ކިޔުމަށްފަހު އެ ހިސާބުން ދޫކޮށްލަނީއެވެ. މިހެން ހެދުމުން އުގެނުނު ތަކެތި ހަނދާނުގައި ހަރުލެއްވުމަށް ހުރަސްތަކެއް އެޅެއެވެ. މިސާލަކަށް: ކާމިޔާބެއް ލިބިގެން އިނާމެއް ލިބުމުން އުފެދޭ ޝުޢޫރުތައް ތާޒާކަމާއެކު ސިކުނޑީގައި މަސް ތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ވެސް ހަރުލާ ހުރެއެވެ. މިގޮތަށް ކިޔަވާ ތަކެތި ވެސް ހަނދާނުގައި ހަރުލެއްވިދާނެއެވެ. މިކަމަށްޓަކައި ބޭނުންވަނީ ކިޔަވަމުންދާ ވަގުތު ކިޔަވަމުންދާ އެއްޗެއްގެ ތެރެއަށް ވީހާވެސް ބޮޑަކަށް ވަނުމެވެ. މުޅި ވިސްނުން ހަމައެކަނި އެކަމަށް ހުސްކޮށްލުމެވެ. އެހެން އެއްވެސް ކަމަކާ ސިކުނޑި މަޝްޢޫލު ވިޔަ ނުދިނުމެވެ. މިކަން ކުރާނެ ގޮތް ދެވަނަ މަރުޙަލާގައި ބަޔާންވެ ހިގައްޖެއެވެ. އުނގެނޭ ތަކެތި ހަނދާނުގައި ހަރުލެއްވުމަށްޓަކައި އުނގެނެމުންދާ ވަގުތުގައްޔާއި އުނގެނުމަށް ފަހު ވެސް އެހެން ކަމަކާ ސިކުނޑި މަޝްޢޫލުވިޔަ ނުދީ އެކަމުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހެއެވެ.
ފިލާވަޅު އުނގެނެމުން ދިޔައިރު ތިބާއާއި ފިލާވަޅާ ދެމެދު އުފެދުނު ގުޅުން ކެނޑުނަނުދީ ދެމެހެއްޓުމަށްޓަކައި، ފިލާވަޅު ނިމުމަށްފަހު، ތިރީގައި މިވާ ސުވާލުތަކުގެ ޖަވާބު އަމިއްލަ ނަފްސުގެ ކިބައިން ހޯދާށެވެ. މީގެ ސަބަބުން ލިބުނު މަޢުލޫމާތުތައް ވަކި ތަރުތީބަކުން ހަރުދަނާކަމާއެކު ސިކުނޑީގައި ހަރުލާނެއެވެ.
1. މިއީ އުނދަގޫ ފިލާވަޅެއްތަ؟ ފަސޭހަ ފިލާވަޅެއްތަ؟
2. ފިލާވަޅު އުނގެނުމަށްޓަކައި ބޭނުން ކުރެވުނީ ކޮން ވަސީލަތެއް؟ (ޓީޗަރު، ފޮތް، ތަޤުރީރު…)
3. ފިލާވަޅުގައިވާ އެންމެ މުހިންމު ޕޮއިންޓަކީ ކޮބާ؟
4. ރުޅިވެރިކަން ނުވަތަ ނުތަނަވަސްކަން ގެނުވާފަދަ އެއްވެސް ޚިޔާލެއް ފިލާވަޅުގައިވޭތަ؟
5. ހިނި އަންނަ ކަހަލަ އެއްވެސް ވާހަކައެއް ނުވަތަ މަޢުލޫމާތެއް މީގައިވޭތަ؟
6. ސުވާލު އުފެދޭ ކަހަލަ ނުވަތަ ޤަބޫލު ނުކުރެވޭ ޕޮއިންޓެއްވޭތަ؟
(ނުނިމޭ)
✽ މިއީ ދަރުމަ މަޖައްލާގައި ލަޠީފާ ޤާޞިމް ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.