މި ސޫރަތުގެ މާތްކަން
މުޢައްޔަންކޮށް (އެސޫރަތްތަކެއްގެ މާތްކަން ބަޔާންކުރެއްވެވިފައިވާ) ސޫރަތްތަކުގެ ތެރޭގައި ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ހިމެނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((اقْرَءُوا الزَّهْرَاوَيْنِ: الْبَقَرَةَ وَسُورَةَ وآلِ عِمْرَانَ، فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ، تُحَاجَّانِ عَنْ أَصْحَابِهِمَا، اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ))([رواه مسلم]
މާނައީ: “ތިޔަބައިމީހުން ޒަހުރާވައިން (ދެނޫރު) ކަމުގައިވާ ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތްދުވަހު އެދެސޫރަތް ދެވިލާގަނޑުފަދައިން ނުވަތަ ހިޔާއަޅާދޭއެއްޗެއް ފަދައިން ނުވަތަ ފިޔަ ފަތުރާލާފައިވާ ދޫނީގެ ދެބައިގަނޑެއް ފަދައިން، އެދެ ސޫރަތުގެ އަހުލުވެރިން ދިފާޢުކުރުމަށް އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގައި ހިފުމަކީ ބަރަކާތެކެވެ. (އެބަހީ: އެސޫރަތް ކިޔަވާ އެސޫރަތަށް ޢަމަލުކުރާ މީހުންނަށް އެއީ ބަރަކާތެކެވެ.) އަދި އެދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި އެދެ ސޫރަތުގެ މައްޗަށް ބާޠިލުގެ އަހުލުވެރިންނަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ.” އެބަހީ: ސިހުރުވެރިންނަކަށް އެދެސޫރަތް ބާޠިލްކޮށްލުމަކަށް ކުޅަދާނަވެގެން ނުވެއެވެ.
ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު
ދީނުގައި ސާބިތުވެތިބުން
މި ސޫރަތުގެ މުހިއްމު ނުކުތާތައް
މި ސޫރަތުގެ ފުރަތަމަ ބައި
ބަހުސްކުރުމުގެ ކުރިން މުސްލިމުންގެ އަޤީދާ ވަރުގަދަކުރުން
މުސްލިމުންނާއި ފޮތުގެ އަހުލުވެރިންނާއި ދެމެދު ހަމަހަމަވެ އެއްގޮތްވާ ކަލިމައަކަށް އައުމަށް ގޮވާލުން(64 ވަނަ އާޔަތް
((َ قُلْ تَعَالَوْاْ نَدْعُ أَبْنَاءنَا وَأَبْنَاءكُم ))
ދޮގުނުހެދުމަށް އަހުލުކިތާބީންނަށް އެންގެވުން
އާދަމުގެފާނާއި ޢީސާގެފާނު ހެއްދެވުން ކަލާނގެ ކުޅަދުންވަންތަކަމަށް ދަލީލުކޮށްދެއެވެ.
(( إِنَّ مَثَلَ عِيسَى عِندَ اللّهِ كَمَثَلِ آدَمَ خَلَقَهُ مِن تُرَابٍ ثِمَّ قَالَ لَهُ كُن فَيَكُونُ{59} الْحَقُّ مِن رَّبِّكَ فَلاَ تَكُن مِّن الْمُمْتَرِينَ ))
﴿إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً أُوْلَئِكَ لاَ خَلاَقَ لَهُمْ فِي الآخِرَةِ وَلاَ يُكَلِّمُهُمُ اللّهُ وَلاَ يَنظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ﴾
ހަމަކަށަވަރުން، اللَّه ގެ عهد އާއި، އެއުރެންގެ ހުވާތަކަށް ކުޑަ އަގެއް ގަނެއުޅޭ މީހުންނީ آخرة ގައި އެއުރެންނަށް އެއްވެސް نصيب އެއް ނެތްބަޔެކެވެ. އަދި، قيامة ދުވަހުން، اللَّه، އެއުރެންނަކަށް ބަސް وحى އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން) އެއުރެން طاهر އެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
ސޫރަތު އާލު ޢިމްރާންގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَتَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً) މާނައަކީ: ”އަދި، މާތް ﷲ ގެ ދީނުގެ ރައްކާތެރިކަން ތިޔަބައިމީހުން އެންމެން އެކުގައި ލިބިގަންނާށެވެ. ވަކިވަކި ވެގެން ނުދާށެވެ. އަދި ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައި ވީހިނދު، މާތް ﷲ ތިޔަބައިމީހުން މައްޗަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. ދެން އެހިނދު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންކަމުގައިވިއެވެ. އޭރު ތިޔަބައިމީހުން ތިބީ ނަރަކައިގެ ވަޅުގަނޑެއްގެ ތިންފަތްމަތީގައެވެ. ދެން މާތް ﷲ ތިޔަބައިމީހުން އެކަމުން ސަލާމަތް ކުރެއްވީއެވެ. ތިޔަބައިމީހުންނަށް ތެދުމަގު ލިބޭތޯ، މާތް ﷲ އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ“.
މި އާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. ”މުސްލިމުން އެއްބަޔަކު އަނެއްގެ ބަޔެއްގެ މައްޗަށް ޙަސަދަވެރިކަމެއް ރުޅިވެރިކަމެއް ނެތް ބަޔެއްގެ ގޮތުގައި، އަދި އެބައިމީހުންނާއި ޚިލާފްވެގަތް މުޝްރިކުންނާއި ކުރިމަތިލުމުގައި ގަދަފަދަ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުދީ، ވާގިވެރިވެ، އެހީތެރިވެދީ އުޅޭ، ބަޔެއްކަމުގައި ލެއްވީ ޙައްގުކަލިމަ ގަބޫލު ކުރުމުގެ ސަބަބުން މުސްލިމުން ކަމުގައި ލައްވައި، ހިތްތައް އެކުވެރި ކުރެއްވުމުގެ ސަބަބުންނެވެ“.
إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّـهُ الَّذِينَ آمَنُوا وَيَتَّخِذَ مِنكُمْ شُهَدَاءَ ۗ وَاللَّـهُ لَا يُحِبُّ الظَّالِمِينَ ﴿١٤٠﴾
(أُحد ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (بدر ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) إيمان ވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު شهيد ން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، اللَّه ލޯބިވެވޮޑިގެނެއްނުވެތެވެ.
اﷲ تعالى ވަނީ ދީނުގައި އެއްބައިވެގަތުމަށް އަމުރުކުރައްވާފައެވެ. އަދި ދީނުގައި ބައިބައިވެދިޔުން ނަހީކުރައްވާފައެވެ. ފަހެ اﷲ تعالى ވަނީ، ޢާންމުންގެ މީހުންނަށް ދޭހަވާފަދަ، އަދި ސާފުކޮށް އެނގި ފުދޭނޭ ފަދަ ބާޔާނަކުން، މި ކަން ބަޔާންކޮށްދެއްވާފައެވެ. އަދި އަހަރެމެންގެ ކުރީގައި ޚިލާފުވެ ބައިބައިވެ އެ ކަމުގައި ހަލާކުވެދިޔަ މީހުން ފަދައިން ވުން އަހަރެމެންގެ މައްޗަށް ނަހީކުރެއްވިއެވެ. އަދި އެކަލާނގެ މުސްލިމުންނަށް އެއްބައިވެގަތުމަށް އަމުރުކުރައްވާކަމާއި ބައިބައިވެގަތުން ނަހީކުރައްވާކަން ޛިކުރުކުރެއްވިއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. “ދުނިޔެއަކީ ހަމަކަށަވަރުން ފޮނި ފޮނި އެއްޗެކެވެ. (އެބަހީ ހެއްލުންތެރިކަން ބޮޑު ތަނެކެވެ.) އަދި ތިޔަބައިމީހުން ދުނިޔޭގައި (ބިމުގައި) ޚަލީފާއިން ކަމުގައި ﷲ ލެއްވެވިއެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއާއި މެދު ބިރުވެތިވާށެވެ. އަދި އަންހެނުންނާއި މެދު ރައްކާތެރިވެ ބިރުވެތިވާށެވެ.“( ރަވާހުއް ތިރުމިޛީ ވައިބްނުމާޖާ)
ﷲ ތަޢާލާ މިންވަރު ކުރައްވަވާފައި ނުވާ ކަމެއް އެއްވެސް މީހަކަށް ކުރިމައްޗެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވާނީ އެމީހަކަށް އެކަމެއް ކުރިމަތިވުން މިންވަރު ކުރައްވަވާފައިވާނަމައެވެ.
ލަހުން ނަމަވެސް އަވަހަށް ނަމަވެސް އެމީހަކަށް އެކަން ކުރިމަތިވި ސަބަބު އެނގޭނެއެވެ. ވިސްނޭނެއެވެ. ހަމައެއާއިއެކު އެއްވެސް ކަމެއް މެދުވެރިވީ އެމީހަކަށް ދެރައަކަށް ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެކަމުގައި ފޮރުވިފައިވާ ޙިކުމަތް އަހަރެމެންނަށް ނުވިސްނެނީއެވެ. ވީމާ އޮތީ ޝުކުރުވެރިވުމެވެ.
ކުރިމަތިވި ކަމަކީ ލިބުނު އަނިޔާއެއް ކަމަށް ބައެއް ފަހަރު ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް އެއީ ތިމާއަށް ލިބުނު ފައިދާއެއް ކަމަށް މިދުނިޔޭގައިވެސް އެނގި އުފާކުރަން ޖެހިފައިވަނީ މަދަކުން ނޫނެވެ.
އާލު ޢިމްރާން ސޫރަތުގެ 33 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ”އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.“
މިހެންކަމުން ޙަޤީޤީ ކާމިޔާބުގެ މަންޒިލަކީ މަތިވެރިވެގެންވާ ސުވަރުގެއެވެ. މުއުމިނުންގެ އަމާޒަކަށް ވާންވީ އެމަތިވެތި މަޤާމު ޙާޞިލްކުރެވޭތޯ ގަދަ އަޅައި މަސައްކަތްކުރުމެވެ. ސުވަރުގެ ޙާޞީލްވަނީ ﷲ ތައުފީޤު ދެއްވި އަޅަކަށެވެ. ﷲގެ ރުހިވޮޑިގަތުމާއި މަޣުފިރަތު ހޯދަން އުޅޭ އެއްވެސް މީހަކު އެކަލާނގެ ރަޙުމަތުން ދުރު ނުކުރައްވާނެތެވެ.
”އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ތެދުވެ ވަޑައިގެން ވިދާޅުވިއެވެ. ވަރަށް ގިނަ މުނާފިޤުން ހީކުރާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. ނަމަވެސް މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެކަލޭގެފާނު މާތްﷲގެ ޙަޟުރަތަށް ވަޑައިގެންނެވީއެވެ. މޫސާ ބިން ޢިމްރާން ވަޑައިގެންނެވި ފަދައިންނެވެ. އެކަލޭގެފާނުވެސް ސާޅިސް ދުވަސް ވަންދެން އެކަލޭގެފާނުގެ ޤައުމުގެ މީހުނަށް ޣާއިބުވެވަޑައިގެން ހުންނެވިއެވެ. އެކަލޭގެފާނު އަވާހަރަވީ ކަމުގައި ބުނެވޭން ފެށުމުން އެބައިމީހުންގެ ތެރެއަށް އަނބުރި ވަޑައިގެންނެވިއެވެ. މާތްﷲ ގަންދެއްވަމެވެ. މާތްﷲގެ ރަސޫލާވެސް ހަމައެފަދައިން އެނބުރި ވަޑައިގަންނަވާނެކަން ކަށަވަރެވެ. މުސާގެފާނުވެސް އެނބުރި ވަޑައިގެންނެވި ފަދައިންނެވެ. އެކަލޭގެފާނު ވަޑައިގެން، އެކަލޭގެފާނު އަވަހާރަވީ ކަމުގައި ހީކޮށްގެން އުޅުނު މީހުންގެ އަތްފައި ކަނޑުއްވާނެއެވެ.
އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް އެޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނުވެސް ވަޑައިގެންފިއެވެ. މިސްކިތުގެ ދޮރުކޮޅުމައްޗަށް ފައިބައިވަޑައިގެންނެވިއިރު ޢުމަރުގެފާނު މީސްތަކުންގެ މެދުގައި ތަޤްރީރު ކުރައްވަނީއެވެ. އަބޫބަކުރުގެފާނު ސީދާ ވަޑައިގަތީ އިތުރު ސާހިބާ އޮންނެވި ކޮޓަރިކޮޅަށެވެ. އިތުރު ސާހިބާގެ މޫނުފުޅުމަތިން ސާލުކޮޅު ނަންގަވައި ބައްލަވައިލެއްވުމަށްފަހު އެކަލޭގެފާނުގެ މޫނުފުޅުގައި ބޮސް ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑުގެ މައިންބަފައިން ކަލޭގެފާނުގެ މައްޗަށް ޤުރްބާނެވެ. މާތްﷲ ކަލޭގެފާނުގެ މައްޗަށް މިންވަރުކުރައްވައިފައިވާ އަވަހާރަވުން ކަލޭގެފާނުގެ މައްޗަށް އަތުވެއްޖެއެވެ. މީގެފަހަކުން ކަލޭގެފާނުގެ މައްޗަކަށް އަވަހާރަވުމުގެ މުޞީބާތެއް އައުމެއްނެތެވެ. މިހެން ވިދާޅުވުމަށްފަހު އަބޫބަކުރުގެފާނު އިތުރު ސާހިބާގެ މޫނުފުޅުމަތީގައި އަލުން ސާލުކޮޅު އަޅުއްވައިފައި ބޭރަށް ނުކުމެވަޑައިގެންނެވިއެވެ. އޭރުވެސް ޢުމަރުގެފާނު ހުއްޓައިނުލައްވައި ވާހަކަ ދައްކަވަމުން ގެންދަވަނީއެވެ. އަބޫބަކުރުގެފާނު މިސްކިތަށް އަރައިވަޑައިގެން ވިދާޅުވިއެވެ. ”އޭ ޢުމަރުގެފާނެވެ. ވާހަކަފުޅު ހުއްޓައިލައްވާށެވެ. ހިމޭންވެ ވަޑައިގަންނަވާށެވެ.“ ނަމަވެސް ޢުމަރުގެފާނު ވާހަކަފުޅު ހުއްޓަވައެއް ނުލެއްވިއެވެ. އެކަމާކުރެއްވީ އިންކާރެވެ. ޢުމަރުގެފާނު އެކަލޭގެފާނު ވާހަކަފުޅު ހުއްޓައިލައްވަން އެއްބަސްވެ ވަޑައިނުގެންނެވުމުން އަބޫބަކުރުފާނު އެއްފަރާތަކަށް ޖެހިވަޑައިގެން މީސްތަކުންނާ މުޚާޠަބުކުރައްވައި ވާހަކަ ދައްކަވާން ފެއްޓެވިއެވެ. މީސްތަކުންނަށް އަބޫބަކުރުފާނުގެ އަޑުފުޅު އިވުމުން އެންމެން އެކަލޭގެފާނާ ދިމާޔަށް އެނބުރިއްޖެއެވެ. ޢުމަރުގެފާނު ދޫކޮށްލިއެވެ.
އަބޫބަކުރުފާނު މާތްﷲ އަށް ޙަމްދާއި ޘަނާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. ”އޭ މީސްތަކުންނޭވެ! މުޙައްމަދުގެފާނަށް އަޅުކަންކުރާމީހުން ދަންނާށެވެ. ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އަދި މާތްﷲ އަށް އަޅުކަންކުރާ މީހާ ދަންނާށެވެ. މާތްﷲ ދިރިދެމި ވޮޑިގެންވެއެވެ. އެކަލާނގެއީ ދުވަހަކުވެސް ފަނާވާނެ ކަލެއް ނޫނެވެ.“ އަބޫބަކުރުފާނު އެއަށްފަހު ކިޔަވައި ވިދާޅުވި އާޔަތުގެ މާނައިގައިވެއެވެ.
”ރަސޫލަކު ކަމުގައި މެނުވީ، މުޙައްމަދުގެފާނުން ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރީންވެސް ރަސޫލުން އިސްވެ ގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނުން އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރިގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަން މީހާ (ދަންނާށެވެ!) ފަހެ އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ.“ (އާލު ޢިމްރާން : 144)
ރިވާކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އެ އާޔަތް ކިޔަވައި ވިދާޅުވުމުން ހީވީ ކީރިތި ޤުރްއާނުގައި އެ އާޔަތްވެސް ބާވައިލައްވައިފައިވާކަން މީސްތަކުން ހަނދާންވެސް ނެތްހެންނެވެ. މީސްތަކުން އެ އާޔަތް ލިބިގަތީ އަބޫބަކުރުގެފާނު އެދުވަހު ވިދާޅުވި އަޑުފުޅު އިވުމުން ހެންނެވެ.
ރިވާކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އެދުވަހު ޢުމަރުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެއްވަމެވެ. އަބޫބަކުރުގެފާނު އެއާޔަތް ކިޔަވައި ވިދާޅުވާ އަޑު އިވުމުން ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތެވެ. ބިރުފުޅުގެންގޮސް ތިމަންކަލޭގެފާނުގެ ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނުގެ ދެފައިންޕުޅަކަށް ތިމަންކަލޭގެފާނުގެ ހަށިކޮޅުގެ ބަރެއް ނުއުފުލުނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވީކަންވެސް ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. (ސީރަތު އިބްނު ހިޝާމް 4/335-334 )
އާލު ޢިމްރާން ސޫރަތުގައި އައިސްފައިވާ އުހުދު ހަނގުރާމައާއި ގުޅޭ އާޔަތްތައް
މިވަރުގަދަ އިމްތިޙާނުގެ ވަގުތުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސާބިތުކޮށްދެއްވީ އެމާތްސާހިބާގެ މިސާލެއްނެތްފަދަ ހިތްވަރުފުޅުގަދަކަމެވެ. ބުއްދިފުޅުގެ ތަނަވަސްކަމެވެ. އުންމަތާމެދު ހިތްޕުޅުގައި އޮތްލޯބިފުޅެވެ. އެމާތް ސާހިބާގެ އަމިއްލަފުޅު ހަށިކޮޅާއި ފުރާނަފުޅު ސަލާމަތްކުރެއްވުމުގެ ބަދަލުގައި ތަރުޙީބުދެއްވީ އެމާތްސާހިބާގެ ފުރާނަފުޅު ނުރައްލަށް ހުށަހަޅުއްވައިގެންވެސް އިސްލާމީ ލަޝްކަރު ސަލާމަތްކުރެއްވުމަށެވެ.
އެހެންކަމުން ޚާލިދުގެ އަސްވާރުން ފެނިވަޑައިގަތުމާއެކު ނުހަނު ބާރު އަޑުފުޅުން ޞަޙާބީންނަށް ގޮވައިލައްވާން ފެއްޓެވިއެވެ. އެމާތްސާހިބާގެ އަރިހަށް އިސްލާމީ ލަޝްކަރުގެ ޤިޔާދަތުގެ މަރުކަޒާ ދިމާޔަށް އަވަހަށް ވަޑައިގަންނަވަން ގޮވައިލައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަޑުފުޅު މުސްލިމުންނަށް ވުރެ ކުރީން އިވޭނީ މުޝްރިކުންގެ އަސްވާރުންނަށްކަންވެސް އެނގިވަޑައިގެން ހުންނަވައެވެ. އޭރު މުސްލިމުންގެ ތެރެއިން މަދުބަޔަކު ފަރުބަދަމައްޗަށް އަރައި ޙިމާޔަތް ހޯދަމުންދިޔައިރު މަދުބަޔަކު މަދީނާއާ ދިމާޔަތް ދުވަމުންވެސް ދިޔައެވެ. ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލު މެދުވެރިކޮށް އަބޫސުފްޔާނުގެ އަރިހުން އަމާންކަން ހޯދަންވެސް މަދުބަޔަކު ވިސްނިއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އެޅުއްވި ހިތްވަރުފުޅުގަދަފަދަ ފިޔަވަޅުފުޅުގެ މުހިންމުކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުންވެސް ސާބިތުވެއެވެ.
“ (އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން ރަސޫލާ ތިޔަބައިމީހުނަށް ގޮވާލައްވާ ޙާލުގައެވެ.“ (އާލުޢިމްރާން : 153)
ޚާލިދުގެ އަސްވާރުންގެ އެއްބަޔަކު އިސްލާމީ ލަޝްކަރަށް ހުޖޫމުކުރަމުން ގެންދިޔަ އިރު އަނެއްބަޔަކު އަވަސްވެގަތީ އިތުރުސާހިބާ ޞާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލުމަށެވެ. އިތުރުސާހިބާ ޝަހީދުކޮށްލަން ދިމާކުރި ދުޝްމިނުންގެ ގަދަފަދަ ޖައްބާރުންގެ ތެރޭގައި ހިމެނެނީ ޢުތުބާ ބިން އަބީ ވައްޤާޞު އާއި، އުބައްޔު ބިން ޚަލަފު އަލް ޖުމަޙީ އާއި، ޢަބްދުﷲ ބިން ޤަމިއަތުއްލައިޘީ (ނުވަތަ ޙާރިޘީ) އާއި، ޢަބްދުﷲ ބިން ޙަމީދުއަސްރީ އާއި، ޢަބްދުﷲ ބިން ޝިހާބު އައްޒުހުރީ ފަދަ ބައެކެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލަން ހުވާކުރަމުން އެބައިމީހުން އެމާތް ސާހިބާ ވަށައިލިއެވެ.
އެހައިތަނުން ފެށިގެން އިސްލާމީ ލަޝްކަރުވަނީ ދެމަޙާޛަކަށް ބެހިފައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، އެމާތް ސާހިބާގެ އަރިހުގައި ތިއްބެވި މަދުބޭކަލުން ކޮޅަކާއި، އިސްލާމީ ލަޝްކަރުގެ ދެންތިބި ސިފައިންނެވެ. އެދެބައިގެ ދެމެދުގައި ވަނީ ގުޅުންކެނޑިފައެވެ. އޭރު އިސްލާމީ ލަޝްކަރުވަނީ ޣަނީމާގެ ދަހިވެތިކަމުގައި އަމިއްލަޔަށް ސަފުތައް ރޫޅައިލައިފައެވެ. އެގޮތުގައި ތިއްބައި ޤުރައިޝުން ހަތަރުފަރާތުން ޙަމަލަދިނުމުން މުސްލިމުންނަށް ލިބުނު ޙައިރާންކަމުގައި އެކަކު އަނެކަކުގެ ގައިގައިވެސް ތަޅާންފަށައިގަނެވިއްޖެއެވެ. މިގޮތުން ޔަމާން ރަޟިޔަﷲ ޢަންހު ވަނީ ޚުދު މުސްލިމުން އަތުން ޝަހީދުވެވަޑައިގެންފައެވެ. ލަޝްކަރެއްގައި އިންތިޒާމެއް އެކުލުންތެރިކަމެއްނެތި ޤިޔާދަތުގެ މަރުކަޒާ ގުޅުން ކެނޑިއްޖެނަމަ އެބަޔަކުވާނީ ހަތިޔާރު ހިފައިގެން ތިބި ބައިގަނޑެއް ކަމުގައެވެ. އެބައެއްގެ ކިބަޔަކު ފަތަޙަކުރުމުގެ ބުންވަރެއްވެސް ދިފާޢުކުރުމުގެ ބާރެއްވެސް ނުހުރެއެވެ. އިސްލާމީ ލަޝްކަރުވެސް އޮތީ ދާދި މިކަހަލަ ޙާލަތެއްގައެވެ. ޤުރައިޝުންނަށް މުސްލިމުން ބަލިކޮށް ސުންނާފަތިކޮށް ނުލެވުނީ ކިރިޔަ ކިރިޔާއެވެ. ޤުރައިޝުން މުސްލިމުންގެ އެތައް ބަޔަކު ޝަހީދުކުރަމުން ޒަޚަމުކުރަމުން ދިޔައެވެ. މުޝްރިކުން ވަނީ މުސްލިމުންގެ ހަތްދިހަ މުޖާހިދުން ޝަހީދުކޮށް ސާޅީސްބޭކަލުން ޒަޚަމުކޮށްލާފައެވެ. (މުޝްރިކުންގެ ތެރެއިން ޤަތުލުވީ ތިރީސް ހަތް މީހުންނެވެ. ޒަޚަމުވީ މީހުންގެ އަދަދެއް އޮޅުމެއްނުފިލައެވެ.) ކީރިތި ޤުރުއާނުގެ މިދަންނަވާ އާޔަތުގައި ވަނީ އެވާހަކަ ބަޔާންކުރައްވައިފައެވެ.
“ ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެކަލާނގެ ވަޢުދުފުޅު ފުއްދައިދެއްވިއެވެ. އެކަލާނގެ އިޒުނަފުޅާލައިގެން ތިޔަބައިމީހުން އެކާފަރުން ޤަތުލުކޮށް ނެތިކުރަމުން ދިޔަ ހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު ތިޔަބައިމީހުން އުރެދި އަދި (ރަސޫލާ އެންގެވި) ކަންތައްތަކުގައި ތިޔަބައިމީހުން ދެބަސްވެ ފިނޑިވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ.“ (އާލުޢިމްރާން : 152)
ކުރީންވެސް ދެންނެވިފަދައިން ޤުރައިޝުންގެ ގަދަފަދަ ފަހުލަވާނުންގެ ބަޔަކުވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލަން ހުވާކުރަމުން އެމާތް ސާހިބާ ވަށައިލައިފައެވެ. އެބައިމީހުން ކަށީގެ މަދުން ހިތްވަރު ނަގައިގެން އިތުރު ސާހިބާގެ އަރިހަށް ކައިރިވެލިއެވެ. ޢަބްދުﷲ ބިން ޝިހާބު އައްޒުހުރީ، އިތުރު ސާހިބާގެ މޫނުފުޅު ޒަޚަމްކޮށްލިއެވެ. ޢުތުބާ ބިން އަބީ ވައްޤާޞު ހިލަޔަކުން ޖަހައި އިތުރުސާހިބާގެ މެދުދަތްޕުޅެއް މުގުރައިލައި ތުންފަތްޕުޅު ޒަޚަމްކޮށްލިއެވެ. ހާޠިބު ބިން އަބީ ބަލްތަޢަތު ރަޟިޔަﷲ ޢަންހު އެކަލޭގެ ފައްސަވަމުން ވަޑައިގެން އެނާ ޤަތުލުކޮށްލެއްވިއެވެ.
ކޮންމެއަކަސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އާދަޔާ ޚިލާފު ހިތްވަރުފުޅާއި ސާބިތުކަމުގެ ރަންނަތީޖާ މާގިނައިރެއްނުވެ ފެންނާން ފަށައިފިއެވެ. ހަނގުރާމައިގެ އެންމެ ފުރަތަމަ މަރްހަލާގައި ކުރީ ސަފުގައި ހަނގުރާމަ ކުރެއްވި އަބްޠާލުންކުރެ އެތައް ބޭކަލަކު ހަނގުރާމައިގެ މައިދާނުގައި ވައިގެ މިސްރާބު ބަދަލުވުމާއެކު މަސައްކަތްކުރެއްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯއްދެވުމަށެވެ. ވީހާވެސް އަވަހަކަށް އެމާތްސާހިބާގެ އަރިހަށް ވަޑައިގެންނެވުމަށެވެ. މިގޮތުން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއާއި، އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ފަދަ އެތައް އަބްޠާލުންނެއް އިތުރު ސާހިބާގެ އަރިހަށް އެއްވެވަޑައިގަތުމުގައި ކާމިޔާބު ހޯއްދަވައިފިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނާއި، އަލީގެފާނުގެ އިތުރަށް އަބޫ ދުޖާނާއާއި، މިޤްދާދު ބުނުލް އަސްވަދު އާއި މުޞްޢަބު ބިން ޢުމަރުއާއި، ސަހްލުބިން ޙުނައިފުއާއި،މާލިކު ބިން ސިނާނުއާއި، އަބޫޠަލްޙަތުގެފާނާއި، ޢަބްދުއްރަހްމާން ބިން ޢައުފު އާއި ޤަތާދަތުބިން ނުޢުމާން އާއި، އުމަރުބުނުލް ޚައްޠާބު އާއި، ޙާޠިބު ބިން އަބީ ބަލްތަޢަތު އާއި ޠަލްހަތު ބިން ޢުބައިދުﷲ ހިމެނިވަޑައިގެންނެވިއެވެ. (ރަޟިޔަﷲ ޢަންހުމް). މިބޭކަލުންގެ އިތުރަށް ސަޙާބީ ބޭކަނބަލެއް ކަމުގައިވާ ނުސައިބާ ބިންތި ކަޢުބަކީވެސް މިޖަމާޢަތުގެ ޝަރަފުވެރި ބައިވެރިއެކެވެ. ޢިލްމުވެރީން ލިޔުއްވާގޮތުގައި ޢަލީބިން އަބީޠާލިބު ރަޟިޔަﷲ ކައުސާހިބާ ހޯއްދަވައި އަރިހަށް ވަޑައިގެންނެވުމުށްޓަކައި އެކަލޭގެފާނުގެ ޛުލްފިޤާރުން ދުޝްމިނުންގެ ސަފުތައް ފަޅުއްވަމުން ގެންދެވީ އިސްލާމްކަމުގެ ޙައްޤާއި، އަބޫޠާލިބުގެ ޙައްޤާއި، ފާޠިމަތުއްޒަހްރާގެ ޙައްޤު އެއްފަހަރާ އަދާކުރައްވަމުންނެވެ. ކައުސާހިބާގެ އަރިހަށް ވަޑައިގެންނެވުމުގައި އެންމެ ފުރަތަމަ ކާމިޔާބު ހޯއްދެވީ އިތުރުސާހިބާގެ ހޮހަޅައިގެ މިތުރާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ.
ކައުސާހިބާގެ އަރިހުގައި ތިއްބެވި ޞާހާބީން ދުޝްމިނުންގެ ދުނީގެ ވާރޭގެ ތެރެއިން ނެއްޓި ވަޑައިގަތުމަށްޓަކައި ކައުސާހިބާ ގޮވައިގެން ފަރުބަދަގަނޑެއްގެ ނިވަލަށް ވަޑައިގަންނަވަނިކޮށް މުޝްރިކުން ކޮނެފައި ހުރި ވަޅަކަށް އިތުރުސާހިބާ ވެއްޓި ވަޑައިގެންނެވިއެވެ. އަލީގެފާނާއި ޠަލްޙަތުގެފާނުގެ އެހީފުޅުގައި އެވަޅުން އަރައިވަޑައިގެންނެވިތަނާ ޢަބްދުﷲ ބިން ޤަމިއަތު އިތުރުސާހިބާގެ އިސްތަށިފުޅުގައި ކަނޑިން ޖެހިލެއް ބާރުކަމުން ދަގަނޑު ތާކިހާކޮޅުގެ ދެއުޅައް މޫނުފުޅައް ހެރި އިތުރުސާހިބާ ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ހޭފުޅުވެސް ނެތުނެވެ.) ޢަބްދުﷲ ބިން ޙަމީދުއަސްރީ ވެސް އިތުރުސާހިބާއާ ހަމަލާދޭން މަސައްކަތްކުރިއެވެ. ނަމަވެސް އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އެކަލޭގެ ގަތުލުކޮށްލައްވައިފިއެވެ.
އެވަގުތު ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގަމުން ދިޔައީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަށައިގެންނެވެ. ކައުސާހިބާ ހުންނެވީ ކަނޑީގެ ވިދުވަރުތަކާއި ތީރުތަކުގެ ”ވާރޭ“ގެ ތެރޭގައެވެ. މިޤްދާދުބުނުލް އަސްވަދު ރަޟިޔަﷲ ޢަންހު ހުވާކުރައްވައި ވިދާޅުވާގޮތުގައި އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ކައިވަތެއްވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. މައިދާނުގައި ސާބިތުވެވަޑައިގެންހުންނެވިއެވެ. ކައުސާހިބާގެ ޞަޙާބީން އެމާތް ސާހިބާގެ ދިފާޢުގައި މޭފުޅުތަކާއި ބުރަކަށިފުޅުތައް އައްޑަނަކޮޅުތަކަކަށް ހައްދަވަމުން ގެންދެވިއެވެ. ޕަރުވާނާތައް ބައްތިޔަށް ޤުރްބާންވާ ފަދައިން ޝަހީދުވެވަޑައިގަންނަވަމުން ގެންދެވިއެވެ. އިތުރު ސާހިބާގެ ބަރަކާތްތެރި މޫނުފުޅު ޒަޚަމްވެ ”ލޭހަނދެއް“ ފަދައިންވީ ހިނދު އެމާތް މޫނުފުޅު ސާފުކުރެއްވުމުގެ ޝަރަފުހޯއްދެވީ މާލިކު ބިން ސިނާނު އަލް ޚުދުރީ ރަޟިޔަﷲ ޢަންހުއެވެ. ދަގަނޑު ތާކިހާކޮޅުގެ ދެއުޅާފުޅު އުފުރައިލެއްވީ އަބޫ ޢުބައިދާ ޢާމިރު ބުނުލް ޖައްރާޙު ރަޟިޔަﷲ ޢަންހުއެވެ.
އަބޫ ދުޖާނާ ރަޟިޔަﷲ ޢަންހު އިތުރު ސާހިބާއާ ދިމާޔަށް އޮހެމުންދިޔަ ތީރުތަކުން އެމާތް ސާހިބާ ދިފާޢުކުރައްވާން އިތުރުސާހިބާ ގެ މައްޗަށް ގުދުވެވަޑައިގެން އުޅުއްވުމުގެ ސަބަބުން އެކަލޭގެފާނު ބުރަކަށިފުޅަށް ވަނީ އެތައް ތީރެއް ހެރިފައެވެ. ނަމަވެސް ގުޑައިވެސް ނުލައްވައި ސާބިތުވެވަޑައިގެން ހުންނެވިއެވެ. އަބޫ ދުޖާނާ ވެއްޓިވަޑައިގެންނެވުމުން ކައުސާހިބާގެ ދިފާޢީ ފާރުވެއްޓުނީކަމަށް ބަލައި ޢަބްދުﷲ ބިން ޤަމިއަތު އިތުރުސާހިބާ އާ ހަމަލަދިނެވެ. އެވަގުތު މުސްލިމުންގެ ދިދައިގެ ވެރިޔާ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އެދެމެދަށް ވަދެވަޑައިގެން އިބްނު ޤަމިއަތާ ޙަމަލާދެއްވިއެވެ. ދެފަރާތުން ޙަމަލާ ބަދަލުކުރަމުންގޮސް މުޞްޢަބު ޝަހީދުވެވަޑައިގެންފިއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދިފާޢުގައި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ޢައްމާރަތު ބުނު ޔަޒީދު ބުނުއްސަކަން ފަދަ އެތައް ބޭކަލަކު ހިމެނިވަޑައިގެންނެވިއެވެ. ހަމައެފަދައިން ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހުވެސް ވަނީ އިތުރުސާހިބާގެ ދިފާޢުގައިކުރެއްވި ހިތްވަރުފުޅުގެ ސަބަބުން ”ދިރިހުންނެވި ޝަހީދެއްގެ“ މަޤާމު ހޯއްދަވައިފައެވެ. އިތުރު ސާހިބާގެ ހަށިކޮޅަށް އަރަން އައި ކަނޑި އެތިފަހަރެއް ދިފާއުކުރެއްވުމުގެ ތެރޭގައި އިނގިލިފިޅުތައް ބުރިވެ އަތްޕުޅުގެ ބޭނުންނުކުރެއްވޭ ގޮތްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިފާޢުކުރެއްވުމަށް އިންތިހާދަރަޖައަށް މަސައްކަތްޕުޅު ކުރެއްވި ޞަޙާބީންގެ ތެރޭގައި ސަޢުދުބިން ވައްޤާޞު ރަޟިޔަﷲ ޢަންހު އާއި އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު ފަދަ އެތައް ބޭކަލަކު ހިމެނިވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރެއިން އަޅުގަނޑު މިފާހަގަކޮށްލީ މަދު ނަންފުޅުތަކެކެވެ.
ޢަބްދުﷲ ބިން ޤަމިއަތު، މުސްލިމުންގެ ދިދައިގެ ވެރިޔާ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ޝަހީދުކުރުމަށްފަހު މުޙައްމަދުގެފާނު ޤަތުލުވެއްޖެއޭ ގޮވާންފެށިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވެވަޑައިގެންނެވި ޚަބަރު އޭނާގެ އެ އިއުލާނުގެ ސަބަބުން މަޝްހޫރުވިއެވެ. މުސްލިމުންނާއި މުޝްރިކުންގެ ތެރޭގައި އެޚަބަރު ޢާއްމުވިއެވެ. ދުޝްމިނުންގެ ގޮނީގެ ތެރޭގައި ހައްޔަރުވެވަޑައިގެންފައި ތިއްބެވި ޞަޙާބީންނަށް އެޚަބަރު ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް ހިތްޕުޅުކުޑައިވިއެވެ. މުސްލިމުންގެ އިންތިޒާމު އިތުރަށް ބޮއްސުންލިއެވެ. ނަމަވެސް އެޚަބަރާ ވިދިގެން އަނަސު ބުނުއް ނަޟަރު އާއި، ޘާބިތު ބިން ދަޙްދާޙު (ރަޟިޔަﷲ ޢަންހުމް) ފަދަ ބޭކަލުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން ނެތް ދުނިޔެއެއްގައި ނުތިއްބަވަންވެގެން ޤުރްބާނީގެ ރޫޙުގައި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވުމަކި އިސްލާމީ ލަޝްކަރުގެ ހިތްވަރު އާވުމުގެ ސަބަބަކަށްވިއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުވެވަޑައިގެންނެވި ޚަބަރު ޢާއްމުވުމުން މުސްލިމުންނަށް ވަރަށް ބޮޑު މަންފާއެއްވެސް ކުރިއެވެ. އެހެނީ އެޚަބަރާ ވިދިގެން މުޝްރިކުންގެ ޙަމަލައިގެ ޖޯޝު ލައްކަ ތަން ކުޑަވިއެވެ. ތިމާމެންގެ އެންމެ ބޮޑު މަޤްޞަދު ޙާޞިލުވެއްޖެކަމުގައި ބަލައިގެންނެވެ. މުޝްރިކުންގެ ތެރެއިން އެތައް ބަޔަކު މުސްލިމުންނާ ޙަމަލަދިނުން ހުއްޓައިލިއެވެ. މުސްލިމުންގެ ޝަހީދުންގެ ހަށިކޮޅުތަކަށް ގޯނާކުރުމުގެ މަސައްކަތަށް އެނބުރިގަތެވެ. އެމީހުން ހީކޮށްގެ ތިބީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކޮށްލެވުމުން މުސްލިމުން މާޔޫސްވެގެން ހަނގުރާމަހުއްޓައިލާނެކަމުގައެވެ. ޤުރައިޝުންނަށް ތަސްލީމުކުރާނޭ ކަމުގައެވެ. ފަސޭހަކަމާއެކު މަދީނާ ފަޠަހަކުރެވިދާނޭކަމުގައެވެ.
Virtues of Quran ~ Sheikh Abdurrahman Farihhttps://dhisalafiyyah.net/article/29954
Posted by Mauoon Sharyf on Thursday, November 7, 2019
﴿إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ* لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ﴾[الفاطر: ٢٩-30]
މާނައީ: “ހަމަށަވަރުން ﷲގެފޮތް ކިޔަވާ،އަދި ނަމާދު ޤާއިމްކޮށް،ތިމަންއިލާހު އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ،ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. [29] އެއީ އެއިލާހު އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެއިލާހުގެ ފަޟްލުވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން އެއިލާހީ،ގިނަގިނައިން ފާފަފުއްސަވާ އަދި އަޅުތަކުންގެ ޞާލިޙު ޢަމަލުތަކަށް ގިނަގިނައިން ޤަބޫލުކުރައްވާ އިލާހެވެ.[30]”