ނަޞޭޙަތާއި އިރުޝާދު
އިސްލާމީ ހަރުދަނާ އާއިލާއެއް ބިނާކުރުމަށް ހުރި ގޮންޖެހުންތައް

މުޖުތަމަޢެއް އުފެދެނީ އެތައް އާއިލާތަކެއް ގުޅި ލާމެހުމުންނެވެ. އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެހާ މައްސަލަތަކެއްގެ އެންމެ ފުރިހަމަ ޙައްލު ކަމުގައިވާ އިސްލާމްދީނުގައި އާއިލާ ބިނާކުރަންވީ ގޮތުގެ އެތައް އިރުޝާދެއް ދެވިފައިވެއެވެ. އެހެންނަމަވެސް ބަވަނަވަންތަކަމުގެ ވިލާތަކާއި، އިޤްތިޞާދީ ބައެއް ކަންކަމުގެ ސަބަބުން އިސްލާމީ ތަޢުލީމާތުތަކާއި އެއްގޮތަށް އާއިލާއެއް ބިނާކުރުމުގައި އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މި މަޒުމޫނުގައި މި ބަލާލަނީ އިސްލާމީ ހަރުދަނާ އާއިލާއެއް ބިނާކުރުމަށް ހުރި ގޮންޖެހުންތަކަށެވެ.
އިސްލާމީ ހަރުދަނާ އާއިލާއެއް ބިނާކުރުމަށްޓަކައި ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް ބަލާއިރު، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ މައްސަލަ ފާހަގަ ކޮށްލެވެއެވެ. މިކަމުގެ ސަބަބުން އަނބިމީހާވެސް އަދި ފިރިމީހާވެސް މަސައްކަތްކުރަންޖެހެއެވެ. މިކަން ވެފައިވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ދެމަފިރިން އަދާކުރަންޖެހޭ ރޯލު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް އެޅޭ ހުރަހެއް ކަމުގައެވެ.
މީސްމީޑިއާއަކީވެސް އިސްލާމީ ހަރުދަނާ އާއިލާއެއް ބިނާކުރުމަށް އެޅިފައިވާ ބޮޑު ގޮންޖެހުމެކެވެ. މިހާރަކަށް އައިސް، އަނބިންވެސް އަދި ފިރިންވެސް މީސްމީޑިއާގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ފޭސްބުކާއި އިންސްޓަގުރާމުން އެހެންމީހުންގެ ދިރިއުޅުމުގެ ކަންކަން ބެލުމުގައި ވަރަށް ގިނަ ހޭދަކުރެއެވެ. މިކަމަކީ ތިމާގެ ޙަޔާތުގެ ބައިވެރިޔާ އެހެން އަންހެނުންނާއި ނުވަތަ ފިރިހެނުންނާއި އަޅާކިޔުމަށް ހުޅުވާލެވޭ ދޮރެކެވެ. މިސާލަކަށް، ކުލުނުވެރިކަން ކުޑަ ފިރިޔަކާއިއެކު އުޅެން ޖެހިފައިވާ އަންތބަކަށް އެކުގައި ލޯބިން އުޅޭ ޖޯޑެއްގެ ޙަޔާތުގެ އުފާވެރިކަން ފެންނަ ކޮންމެ ފަހަރަކު ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ކުރާ އަސަރާއިއެކު، ކުލުނުވެރިކަން އިތުރުކޮށްދެން އެދުމުންވެސް ފިރިމީހާގެ ފަރާތުން ހެޔޮ ބަދަލެއް ނުފެނިދާނެއެވެ. ދެން ފެށޭނީ ޝަކުވާތަކާއި ޒުވާބުތަކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދުދެއްވާފައިވަނީ ދެމަފިރިން އެކަކު އަނެކަކު ފަރާތުން ފެންނަ އުނި ސިފަތަކަށް ފޯކަސްކުރުމުގެ ބަދަލުގައި އެކަކު އަނެކެއްގެ ކިބައިގައިވާ ރަނގަޅު ސިފަތަކާއިމެދު ވިސްނުމަށެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ
މުއުމިނު ފިރިހެނާ މުއުމިނު އަންހެނާއާއިމެދު(އެބަހީ: އޭނާގެ އަނބިމީހާއާއިމެދު) ނަފުރަތުނުވާށެވެ. އެ އަނބިމީހާގެ ކިބައިގައި ފިރިމީހާ ނުރުހޭ ސިފައެއް ހުރެދާނެއެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި ފިރިމީހާ ރުހޭ އެހެން ސިފަތައް ހުންނާނެއެވެ.
رواه مسلم
ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ދެމަފިރިންގެ ގުޅުން ރަނގަޅުކުރެވިގެންނެވެ.(ޝެއިޙް އަނީލް،2016
އެހެންނަމަވެސް ބޯހިޔާވަހިކަމުގެ ދަތިތަކުގެ ސަބަބުން ދެމަފިރިންގެ ގުޅުން ރަނގަޅު ކުރާނެ ފުރުޞަތު މާލެފަދަ ސިޓީތަކުގައި ވރަށް ނުލިބެއެވެ.
ލޯތްބާއެކު ތަރުބިއްޔަތުކުރުމުގައި އެންމެ ފައިދާކުރާ އަދި އެންމެ ބޮޑަށް އަސަރުކުރާއެއްކަމަކީ ދަރިންނާއިއެކު ގިނަ ވަގުތު ހޭދަކުރުމެވެ. އެހެންނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މީސްމިޑިއާގެ އޮޅިތަކުގައި ހޭދަކުރެވޭ ވަގުތުގެ ސަބަބުން ދަރިންނާއިއެކު ހޭދަކުރެވެނީ ވަރަށް މަދު ވަގުތުކޮޅެކެވެ.
އެކުދިންގެ ހިތްތައް ހުޅުވިފައިވާ ވަޤުތުތައް ބޭކާރުކޮށްނުލާ، އެކުދިންގެ ވިސްނުމާއި ކުޅަދާނަކަމަށް ރިޢާޔަތްކޮށް އެހިތްތަކުގައި އަގުހުރި މުޑުވަށް އިންދުމަކީ ހަރުދަނާ އާއިލާއެއް އުފެއްދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް މަންމަ ނުވަތަ ބައްޕަގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ހުންނަ ގޮތުން މި ފަދަ ވަގުތުތަކުގައި ދަރިންނާއި މައިންބަފައިންނާއި ދިމައެއް ނުވެއެވެ.
ލޯތްބާއެކު ތަރުބިއްޔަތު ކުރުން ނަފީކުރާ ބައެއް ކަންކަމަކީ:
– އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުން.
– އަދަބުވެރިކުރުމަށް އިހުމާލުވުން.
– އެކުދިންކުރާ ކުށްތައް އިޞްލާޙު ނުކުރުން.
އެހެންނަމަވެސް މީހުންގެ ވިސްނުމަށާއި ގާނޫނުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދަރިންގެ ކުށްތައް އިސްލާޙްކުރުމުގެ ރޫޙް އަލުގަނޑުމެންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިފަދަ އަނެއްކަމަކީ ދަރިން ވަކި ޢުމުރަކަށް ދިޔުމުން ދެން އެދަރިންގެ ކަންތައްތައް އެހަ ކައިރިން ބަލަންނުޖެހޭނެކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަ ހީވުމެވެ. ނަމަވެސް މިއީ ރަނގަޅުވިސްނުމެއްނޫނެވެ.
މި މަޒުމޫނުގައި ބަލާލެވުނު ކަންތައްތަކުގެ ޚުލާސާއަކީ؛ މީސްމީޑިއާ، ވަޒީފާގެ މަސްއޫލިއްޔަތުތައް،މީހުންގެ ވިސްނުމަށާއި ޤާނޫނުތަކަށް އައިސްފައިވާ ބަދަލުތަކަކީ ހަރުދަނާ އާއިލާއެއް ބިނާކުރުމަށް ހުރި ބައެއް ގޮންޖެހުމެވެ.
ކަންމިހެންހުރިއިރު، ދަރިން ތަރުބިއްޔަތކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ދަރިންނާއިމެދު ކަންތައްކުރިގޮތާއި ބެހެގޮތުން ގިޔާމަތްދުވަހު މައިންބަފައިންނާއި ސުވާލުކުރެވޭނެއެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ» [متفق عليه]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ.”

References
1. Ibn Ashur (2013). A Treatise on Maqasid alSharia. International Institute of Islamic Thought
2. http://www.tharaha.com/liyun/a005.html

0