ނަޞޭޙަތާއި އިރުޝާދު
ޤުރުއާންގެ ބަގީޗާ : سورة الجاثية

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
ހަވާ ނަފްސަށް ތަބާވާ، ބޮޑާވުމުގެ ސަބަބުން ޙައްޤުގެ މަގުން އެއްކިބާވެފައިވާ މީހުންނަށް ފަރުވާކުރުން. އެއީ އާޔަތްތަކުގެ އަލީގައްޔާއި އާޚިރަތް ދުވަސް ހަނދުމަކޮށްދިނުމުގެ ޛަރީޢާއިންނެވެ. ހަވާ ނަފުސަށް ތަބާވެ ބޮޑާވުމުގެ ސަބަބުން ޙައްޤުމަގުން އެއްކިބާވެފައިވާ މީހުންނަށް ފަރުވާކުރުން

މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
• ކުޅަދުންވަންތަކަމުގެ ހެކިތައް ބަޔާންކުރުން. (ތިންވަނަ އާޔަތުން ފަސް ވަނަ އާޔަތަށް)
• އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާންކޮށްދިނުން
اللَّـهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ ﴿١٢﴾ وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿١٣﴾
اللَّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
• ކާފިރުންނަށް މާތްﷲ ގެ އާޔަތްތައް ކިޔަވައިދެވުމުން އީމާންނުވެ، ކިބުރުވެރިވިކަން ޤިޔާމަތްދުވަހު ހަނދާންކޮށްދެވޭނެއެވެ. ކިބުރުވެރިން ޤިޔާމަތްވާނޭކަމާއިމެދު ޝައްކުކޮށް، ފާފަކުރުންމަތީ ދެމިތިބެއެވެ. ޤިޔާމަތްދުވަހުން އެބައިމީހުން ކުޅަ ފާފަތައް ފާޅުކުރެވޭނެއެވެ. އަދި މާތްﷲ އާ ބައްދަލުވާނޭކަން އެބައިމީހުން ހަނދާންނައްތާލިގޮތަށް، ޤިޔާމަތްދުވަހުން މާތްﷲ އެބައިމީހުންގެ މަތިން ހަނދާން ނައްތާލައްވާނެއެވެ. ކިބުރުވެރިން ﷲގެ އާޔަތްތައް ފުރައްސާރައެއްކަމުގައި ހަދައެވެ. ދުނިޔޭގެ ދިރިއުޅުމުގެ ޗާލޫކީކަމަށް ހެއްލެއެވެ. މިވާހަކަތައް މި ސޫރަތުގެ 31 ވަނަ އާޔަތުން 35ވަނަ އާޔަތަށް އައިސްފައިވެއެވެ.
• ހަވާނަފުސަށް ތަބާވުމަކީ ނުރައްކާތެރިކަން ބޮޑުކަމެއްކަން މި ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
• މި ސޫރަތުގެ 16 ވަނަ އާޔަތާއި 17ވަނަ އާޔަތުގައި ބަނީ އިސްރާއީލުންނަށް މާތްﷲ ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާންކޮށްދެއްވިފައިވެއެވެ. އަދި އެބައިމީހުންގެ އުރެދުންތެރިކަމުގެ ވާހަކަވެސް ބަޔާންވެފައިވެއެވެ.
• މުލްޙިދުންނާއި މެޓީރިއަލިސްޓުންގެ އަޤީދާ މި ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.

މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
މި ސޫރަތުގައި ކިބުރުވެރިންގެ ވާހަކަތައް އައިސްފައިވެއެވެ.
ޝަރުޢީ ޢިލްމު ހުރެމެ، މަގުފުރެދިފައިވާ މީހަކު ތިބާއަށް ފެނިއްޖެނަމަ، ޔަޤީންކުރާށެވެ. އޭނާގެ މަގުފުރެދުމުގެ އަޞްލަކީ ހަވާނަފުސަށް ތަބަޢަވުމެވެ. މިކަން މިސޫރަތުގެ 23 ވަނަ އާޔަތުން އެނގެއެވެ.

ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ ﴿١٨﴾
ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!

0