ނަޞޭޙަތާއި އިރުޝާދު
ޤުރުއާންގެ ބަގީޗާ: ސޫރަތުލް މާއިދާ

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
ޢަހުދުތައް ފުއްދުން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް

މި ސޫރަތަށް ބައެއް ޢިލްމުވެރިން ދީފައިވާ ނަމަކީ سورة الحلال و الحرام އެވެ. މި ސޫރަތުގައި އައިސްފައިވާ ބައެއް މުހިއްމު ނުކުތާތަކަކީ:

ކާބޯތަކެތި، ޝިކާރަކުރުން، ޛަބަހަކުރުން (1،3،4،87،88،96)

އާއިލާ އާއި ކައިވެނި (5)

ހުވާގެ ކައްފާރާ(89ވަނަ އާޔަތް)

ޢިބާދާތު


ހެކިބަސްދިނުން
8،33،34،38،42،43،44،45،46،47،48،49،50،106،
107,އަދި 108

ބަޤަރާ ސޫރަތުން ފެށިގެން މާއިދާ ސޫރަތުގެ ނިޔަލަށް އާޔަތްތައް ދިރާސާ ކޮށްފިނަމަ އެނގޭނީ އެހެން ދީންތަކުގެ އަހުލު ވެރިންނާއި މުޚާތަބް ކުރެއްވުމުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އައިސްފައިވާ ކަމެވެ. ބަޤަރާ ސޫރަތުގައި އަހުލުކިތާބީންނަށް ހެދެމުންދާ ކުށްތައް ބަޔާންކޮށް ދެއްވާފައި ވެއެވެ.އަދި އަހުލުކިތާބީންނާއި އެއްގޮތް ނުވުމަށް ބަޤަރާ ސޫރަތުގައި މުސްލިމުންނަށް އިރުޝާދު ދެއްވާފައި ވެއެވެ. އާލް ޢިމްރާން ސޫރަތުގައި ވަނީ އަޙުލުކިތާބީންނާއި ކުރެވޭ ޙިވާރެކެވެ. އާލް ޢިމްރާން ސޫރަތުގައި މުސްލިމުންނާއި އަޙުލުކިތާބީންނާއި ދެމެދު ވާ އެއްގޮތް ކަންތައްތައް ބަޔާން ކުރައްވާފައި ވެއެވެ.
ނިސާ ސޫރަތުގައި ބަޔާން ކުރައްވާފައި ވަނީ އަޙުލުކިތާބީންގެ ޙައްދު ފަހަނަ އެޅުމުގެ ވާހަކަ އެވެ. މާއިދާ ސޫރަތުގައި އިސްލާމް ދީނަކީ ހައްޤު ދީންކަމާއި އަޙުލުކިތާބީން މާތް ﷲ ބާއްވައި ލެއްވި ދީން ބަދަލު ކޮށްފައި ވާކަމަށް ވަރަށް ސީދާ ކޮށް ބަޔާން ކުރައްވާފައި ވެއެވެ.
އިބްނު މަސްޢޫދު ވިދާޅުވެފައި ވެއެވެ. ތިޔަބައި މީހުންނަށް يا ايها الذين آمنوا “ އޭ އީމާންވެއްޖެ މީސްތަކުން ނޭވެ.“ އަޑު އިވިއްޖެނަމަ ކަނުލާ އަޑު އަހާށެވެ. އެ ނިދާގެ ފަހަތުގައި ވަނީ ހެޔޮ ކަމަކަށް ކުރެވޭ ޢަމުރެކެވެ. ނުވަތަ ނުބައި ކަމަކުން ދުރުވުމަށް ގޮވައިލެވޭ ގޮވައިލުމެކެވެ. ކާބޯ ތަކެއްޗަކީ އިންސާނާގެ އެންމެ އަސާސީ އެއް ބޭނުމެވެ. ޢަހުދުތައް ފުއްދުމަށް މީސްތަކުންނަށް އެންގެވުމަށް ފަހު ދެން އައިސްފައިވަނީ ޙަލާލް ކާބޯތަކެއްޗާއި ޙަރާމް ކާބޯތަކެތީގެ ވާހަކަ އެވެ.

މުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު އަހުލުކިތާބީންނާ އޮންނަ ގުޅުމަކީ ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ އެމީހުންނާމެދު ހެޔޮކޮށް ހިތައި ރަނގަޅު މުޢާމަލާތެއް ކުރެވިދާނެހެއްޔެވެ؟
އިސްލާމްދީނުގައި، އަހުލުކިތާބީންނާ އެކު ކެއުމާއި އެމީހުން ކަތިލާއެއްޗެހި ކެއުން ހުއްދަކޮށްފައިވާތަން ވެސް އަހަރެމެންނަށް ފެންނަން އެބައޮތެވެ. ހަމަ އެހެންމެ، ކައިވެންޏަކީ އޭގައި ރަޙްމަތާއި ލޯތްބާއި ކުލުނު ހިމެނިގެންވާ އެއްޗަކަށް ވާއިރުވެސް، އެމީހުންގެ އަންހެނުންނާ ކައިވެނިކުރުން ދީނުގައި ހުއްކުރައްވާފައި އެބަ އޮތެވެ. {الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ} ”މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި حلال ކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް حلال ވެގެންވެއެވެ. عفة ތެރިި مؤمن އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. “ (މާއިދާ:5)

އެއީ އާއްމުކޮށް އަހުލުކިތާބީންގެ ވާހަކައެވެ. ދެން އޭގެ ތެރެއިން ނަޞާރާއިންނަށް ބަލާލާ ކަމަށްވަންޏާ، ޤުރުއާނުގައި ވަނީ ނަޞާރާއިންނަށް ޚާއްޞަ މަޤާމެއް ދީފައެވެ. މުސްލިމުންނާ އެންމެ ގާތް ބަޔަކީ އެއީކަމުގައި ސިފަކުރައްވާފައެވެ. {وَلَتَجِدَنَّ أَقْرَ‌بَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَ‌ىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُ‌هْبَانًا وَأَنَّهُمْ لَا يَسْتَكْبِرُ‌ونَ} ”އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ رحمة ތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ نصارى އިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި راهب ން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ. “ (މާއިދާ: 82)
ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމާއި ލޯބިވުމާއި ހެޔޮގޮތުގައި އެކީ އުޅުމަކީ ކިހިނަކުން ވާނެކަމެއްހެއްޔެވެ؟ އެހެނީ ސިދާ ޤުރުއާނުގައި ވަނީ، ކާފަރުން ދެކެ ލޯބިވުމާއި އެމީހުންނާ ގުޅި ބައިވެރިވުމާއި، އަދި އެކުވެރިން ކަމުގައި ހެދުން، ކަނޑައެޅިގެން ނަހީކޮށްފައެވެ. މިސާލަކަށް މިއާޔަތުގައި މިފާފަދައިންނެވެ: {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَ‌ىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ * فَتَرَ‌ى الَّذِينَ فِي قُلُوبِهِم مَّرَ‌ضٌ يُسَارِ‌عُونَ فِيهِمْ } ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) އެއުރެންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. “ (މާއިދާ:51،52)
އާދަމްގެފާނާއި ޙައްވާގެފާނު މި ބިމަށް ވަޑައިގަތީމާ ވެސް، އިބިލީސް އެ ދެކަނބަލުން ދޫކޮށެއްނުލިއެވެ. ދެން ވެސް ދިޔައީ ހަމަ، އާދަމްގެފާނާ ދެކޮޅަށް ރޭވުންތައް ރާވަމުންނެވެ. އާދަމުގެ ފާނުގެ ނަސްލުން އަންނަ ހުރިހާ އިންސާނުން މަގު ފުރައްދައި އެންމެންނަކީ ފާފަކުރާ ބައެއް ކަމުގައި ހެދުމަކީ، އިބިލީސްގެ ލަނޑު ދަނޑިއެވެ. އަދި އާދަމުގެ ދަރިންގެ މެދުގައި ޢަދާވާތްތެރި ކަމާއި ރުޅިވެރިކަން ފަތުރަން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެ ގޮތުން ކުރި ކަމަކީ، އާދަމުގެފާނުގެ ދަރިކަލުންގެ މެދުގައި ފިތުނަ އުފައްދަން ފެއްޓީއެވެ. ޤާބީލް އާއި ހާބީލް އަކީ އާދަމްގެފާނުގެ ދެ ދަރިކަލުންނެވެ. މި ދެ ދަރިކަލުންގެ މެދުގައި ފިތުނަ އުފެއްދުމުގައި އިބިލީސް ކާމިޔާބު ހޯދިއެވެ.

ޙައްވާގެފާނު އާލާސްވެއިންނަވާ ކޮންމެ ފަހަރަކު ދެ ނިބުލާއިގެން ރައްކާވެވަޑައިގަންނަވައެވެ. ކޮންމެ ފަހަރަކު ވެސް ދެ ޖިންސުގެ ދެ ކުދިންނެވެ. އެންމެ ފުރަތަމަ ރައްކާވެވަޑައިގަތީ “ޤާބީލު“ އާއި އޭނާގެ އަންހެން ކޮއްކޮ “އަޤްލީމާ“ އާއިގެންނެވެ. ދެން “ހާބީލް“ އާއި އޭނާގެ އަންހެން ކޮއްކޮ “ލަބޫދާ“ އާއިގެންނެވެ.

މި ކުދިންތައް ބޮޑުވީމާ، އާދަމުގެފާނަށް މާތް ﷲ އަމުރު ކުރެއްވީ ކޮންމެ ފިިރިހެން ދަރިކަލަކު އަނެއް ނިބުލުގެ އަންހެން ދަރިކަނބަލުންނާއި ކާވެނިކޮށްދެއްވުމަށެވެ. މާނައަކީ ޤާބީލާއި ލަބޫދާ އާއެވެ. އަދި ހާބީލާއި އަޤްލީމާ އާއެވެ. ނަމަވެސް ޤާބީލް މި ކަމާ ދެކޮޅު ހަދަން ފެށިއެވެ. އަދި އޭނާގެ ނިބޫ އަޤްލީމާ އާ ކާވެނި ކުރަން ފައިވިއްދާލިއެވެ.

އެއީ މާތް ﷲ ހުއްދަ ކުރައްވާފައި ވާ ގޮތެއް ނޫންކަން، އާދަމުގެފާނު ޤާބީލަށް ވިސްނަވާދެއްވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. ދެން އާދަމުގެފާނު އެ ބޭކަލުންނަށް އެންގެވީ، ދެބޭކަލުން ކުރެ ކޮންމެ ބޭކަލަކު ވެސް މާތް ﷲ އަށް ޤުރުބާނެއް އަދާ ކުރުމަށެވެ. އެ ދެ ޤުރުބާނުގެ ތެރެއިން މާތް ﷲ ޤަބޫލު ކުރެއްވި ޤުރުބާނެއް ކުރި މީހަކީ އެއީ އަޤްލީމާ އާ ކާވެނި ކުރެވޭނެ މީހާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހިނދު ހާބީލް އަވަސްވެވަޑައިގަތީ، އޭނާގެ އަތްޕުޅުގައި ހުރި ކަންބަޅިތަކުގެ ތެރެއިން އެންމެ ފަލަ އެންމެ މޮޅު ކަންބަޅި، މާތް ﷲ އަށް ޤުރުބާން ކުރައްވާށެވެ. އަނެއްކޮޅުން ޤާބީލް ޤުރުބާން ކުރީ އޭނާ އަތުގައި ހުރި ގޮވާންތަކުގެ ތެރެއިން އެންމެ ދެރަ، އެންމެ އަގެއް ނެތް އެއްޗެހީގެ ބޮނޑިއެވެ.

ދެ މީހުން ވެސް ގޮސް ދެ މީހުންގެ ޤުރުބާން، ފަރުބަދައެއްގެ މަތީގައި ބަހައްޓާފައި، ވާ ގޮތެއް ބަލަން ދުރުގައި ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް ފެނުނީ ވަރަށް އަޖައިބު މަންޒަރެކެވެ. ފެނުނީ، އުޑުން އަލިފާންގަނޑެއް އެ ފަރުބަދައާ ދިމާލަށް އައިސް، ހާބީލް ގެ ޤުރުބާން ކާލިތަނެވެ. އެ ވެގެން ދިޔައީ، މާތް ﷲ އެ ޤުރުބާން ޤަބޫލު ކުރެއްވުމުގެ ޢަލާމާތަކަށެވެ. އަނެއްކޮޅުން ޤާބީލް ބެހެއްޓި ޤުރުބާނާ އަލިފާން ކައިރި ނުވެ، އެ ހުރިގޮތަށް ހުއްޓެވެ. މާނައަކީ، ހާބީލް ގެ ޤުރުބާން މާތް ﷲ ޤަބޫލު ކުރައްވުމެވެ. އަދި ޤާބީލް ގެ ޤުރުބާން ޤަބޫލު ނުކުރެއްވުމެވެ.

ޤާބީލް ވަރަށް ރުޅިވެރިކަމާއެކު ހާބީލާ ދިމާލަށް ބަލާލާފައި ހަޅޭކެއްލަވައިގަންނަމުން ބުންޏެވެ:

– ކީއްވެގެންތަ ކަލޭގެ ޤުރުބާން ޤަބޫލު ކުރެވިފައި އަހަރެންގެ ޤުރުބާން ޤަބޫލު ނުކުރެވުނީ…؟!

ހާބީލް މަޑުމައިތިރި ކަމާއެކު ޖަވާބު ދިނެވެ:

– މާތް ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ، ތަޤްވާވެރީން ގެ ކިބައިން.

އެ ހިނދު ޤާބީލް ގެ ރުޅިގަނޑު ކެކި އަރައިގަތެވެ. އަދި ބުންޏެވެ:

– އަހަރެން ކަލޭ މަރާލާނަން.

ހަމަ ކުރިން ހާ މަޑުމައިތިރިކަމާއެކު ހާބީލް ޖަވާބު ދިނެވެ:

– އަހަރެން މަރާލަން ކަލޭ އަތް ދިއްކުރިއަސް، ކަލޭ މަރާލަން އަހަރެން އަތް ދިއް ނުކުރާނަން!. ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެކެ އަހަރެން ބިރުވެތިވަން.

މިހާ މަޑުމައިތިރި ކަމާއެކު، މިހާ ރަނގަޅު ޖަވާބެއް ހާބީލް ދިނުމުން ވެސް، ޤާބީލް އައިސްފައި ހުރި ރުޅިއާއި ޙަސަދަ މަޑުވާގޮތެއް ނުވިއެވެ. އަދި އޭނާގެ ހަވާ ނަފްސަށް ތަބާވެ، އިބިލީސްގެ ވަސްވާހަށް ހެއްލި، ކޮއްކޮ ހާބީލް ޤަތުލުކޮށްލިއެވެ.

ވީނުވީ ރޭކާލި އިރު، އޭނާގެ ކޮއްކޮ ހާބީލް އޮތީ މަރުވެފައެވެ. ހަދާނެ ގޮތެއް ވެސް ނޭނގިފައި ޤާބީލް ހާބީލްގެ ފުރާނަ ނެތް މަސްގަނޑު ކުރިމަތީ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ވިސްނަމުން ދިޔަހާ ވެސް ކަމަކީ، މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ފޮރުވާނެ ގޮތަކާ މެދުގައެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. މިހެން ހުއްޓާ، މާތް ﷲ ދެ ކާޅު ފޮނުއްވެވިއެވެ. އެއީ މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ވަޅުލާނެ ގޮތް ޤާބީލަށް ދަސްކޮށްދެއްވަން ވެގެންނެވެ. ދެން އެ ދެ ކާޅު ތޮޅެމުން ތޮޅެމުން ގޮސް އެކަތި މަރުވީމާ، އަނެއް ކާޅު، ވަޅެއް ކޮނެފައި މަރުވެފައި އޮތް ކާޅު ވަޅުލިއެވެ. ހައިރާން ކަމާއެކު މި މަންޒަރު ބަލަން ހުރެފައި ޤާބީލް އޭނާގެ ބޮލުގައި ދެ އަތުން ހިފާފައި، ހަޅޭކެއްލަވައިގަންނަމުން ބުންޏެވެ:

– އޭ ހުރި ހިތާމައެއްގެ ބޮޑުކަމާ! މި ކާޅު ފަދައިންވެ، އަހަރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް ވެސް އަހަރެން ނުކުޅެދެނީތަ؟

އެންމެފަހުން، ހާބީލް ވަޅުލާނެ ގޮތެއް ޤާބީލަށް، އެނގުނެވެ. ކުޑަކުޑަ އެކަން ވެސް އެނގުނީ، ބަލިކަށި ކާޅެއްގެ ކިބައިންންވެ. މިއިން ވެސް އެނގެނީ ޤާބީލްގެ ނިކަމެތިކަމާއި، ބަލިކަށިކަމެވެ.

ޤާބީލް އޭނާގެ ކޮއްކޮ ހާބީލަށް ހެދިގޮތް އާދަމްގެފާނަށް އެނގިވަޑައިގަތުމުން އެކަމާ ވަރަށް ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. އެހެނީ ހާބީލަކީ ބައްޕައަށް ކިޔަމަންތެރި ޞާލިޙް ދަރިއެކެވެ. ދެން ކޮންމެ އަކަސް، މަރުވި ދަރިކަލުންގެ ބަދަލެއްގެ ގޮތުން މާތް ﷲ އަނެއްކާ ވެސް އާދަމްގެފާނަށް ދަރިކަލެއް ރިޒުޤުކުރެއްވިއެވެ. އެއީ “ޝީޘް“ ގެފާނެވެ. އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ދަރިކަލުންނާއި ދަރިކަނބަލުން، އާދަމްގެފާނާއި ޙައްވާގެފާނަށް ލިބިވަޑައިގަތެވެ. ދެން ޝީޘް ގެފާނުގެ ނަސްލުން އިންސާނީ ދަރިފަސްކޮޅު ފެތުރިގެން ދިޔައެވެ. އަހަރެމެންނަކީ ވެސް އެ ނަސްލުން އައިސްފައި ތިބި ބައެކެވެ.

ޖުނުބުވެރިކަމުގެ އަދި ޙައިޟު ނިފާސްކަމުގެ ހިނައިގަތުމަކީ އެއީ ވާޖިބު ކަމެކެވެ. ނުކުރުމުން ފާފަވެރިވާނެ ކަމެކެވެ. އަދި ނަމާދު ފަދަ އަޅުކަމަށް ބޭނުންވާ ޠަހާރަތު ނެތުމުގެ ސަބަބުން، އޭނާ ކުރާ އެތައް އަޅުކަމެއް ފާސިދުވާނެ ކަމެކެވެ. ޖުނުބުވެރިވުމަކީ އަންހެނުންވެސް އަދި ފިރިހެނުންވެސް ޖިމާޢުވީމާ ނުވަތަ ޝަހުވަތާއިއެކު މަނިބޭރުވީމާ އެ ޙާލަތަށް ކިޔާ ނަމެކެވެ. މިއީ ވާޖިބު ކަމެއްކަން ޤުރުއާނާއި ސުންނަތުން އެނގޭ ކަމެކެވެ.

އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ވަނީ : وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا

މާނައަކީ:“އަދި ޖުނުބުވެރީން ކަމުގައި ތިޔަބައި މީހުންވާނަމަ، ތިޔަބައި މީހުން ޠާހިރުވެގަންނާށެވެ.“
ކީރިތި ޤުރުއާނުގައި ވަނީ ގެއްލުންދެނިވި އެންމެހައި ތަކެތި ޙަރާމްކަން އަންގަވާފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. އަލްމާއިދާ ސޫރަތުގެ 90 އަދި 91 ވަނަ އާޔަތުގެ މާނައިގައި ވަނީ: ”އޭ، އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި، ޖުވާގެ ކަންތައްތަކާއި، އަޅުކަންކުރުމަށާއި ކުއްތަންވުމަށް ހަދާފައި ހުންނަ ބުދުތަކާއި ހިލަތަކާއި، ނަސީބު ހުރިގޮތް ބަލާންގެންގުޅޭ ދުނިދަނޑިފަދަ ތަކެއްޗަކީ، ޝައިޠާނާގެ ނުބައި ޢަމަލުގެ ތެރެއިންވާ، މުޑުދާރު ކަންތަކެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތަކާއި ދުރުހެލިވާށެވެ. ތިބައިމީހުން ދިންނަވައި ނަސީބު ލިބޭތޯއެވެ. ހަމަކަށަވަރުން ޝައިޠާނާ އެދެނީ، ރާ އާއި ޖުވާގެ ސަބަބުން ތިޔަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފައްދައި، الله ހަނދުމަ ކުރުމުންނާއި ނަމާދު ކުރުމުން ތިޔަބައި މީހުން ދުރުހެލި ކުރުމަށެވެ. ފަހެ މި ކަންތައްތަކުން ތިޔަބައިމީހުން ދުރުހެލިވާން ނުވޭހެއްޔެވެ؟“
ފުރަތަމަ ފަހަރު އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގައި ނަންގަނެވިފައިވާ ކަޢުބަތުއްﷲ ގެފުޅު ފުރަތަމަ ބިނާ ކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. އަދި އެއަށްފަހު ބިނާ ކުރެއްވީ އާދަމްގެ ފާނެވެ. އެންމެ ފުރަތަމަ މަލާއިކަތް ބޭކަލުން އެ ގެފުޅު ބިނާކުރެއްވި ބިންގަލުގެ މަތީގައި މިއަދުވެސް އެ ގެފުޅު ހުރި ނަމަވެސް، ތަފާތު އެކި ސަބަބު ތަކާއި ހުރެ ގެފުޅުގެ އިމާރާތަށް އަދި ގެފުޅުގެ ވަށައިގެންވާ ހަރަމްފުޅަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
ބިންމަތީގައި ހިނގާ ފަސާދަތަކުގެ ތެރެއިން އެންމެ ބޮޑު ފަސާދައަކީ ނުޙައްޤުން އިންސާނުންގެ ލޭ އޮހޮރުވާލުމެވެ. އެންމެ ފުރާނައެއް ވެސް ނުޙައްޤުން ދުއްވާލައިފި ނަމަ އެއީ މުޅި އިންސާނިއްޔަތަށް ދެވޭ ޙަމަލާއެކެވެ. އަދި އެންމެ ފުރާނައަކަށް ދިރުންދީފި ނަމަ އެއީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ ކަމެކެވެ. މިއީ ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދެކެވެ.

އަލްމާއިދާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. “ އެކަމަށްޓަކައި އިސްރާއީލުގެ ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫން ގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދަ އެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވި ފަދަ އެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަ މީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.“

މިއާޔަތުން ދޭހަވަނީ ނުޙައްޤުން ލޭ އޮހޮރުވުމަކީ ބިންމަތީގައި ހިންގޭ އެންމެ ބޮޑު ފަސާދަވެރި ޢަމަލު ކަމެވެ.
މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި ޤިޞާޞްގެ އުޞޫލުތައް ބަޔާން ކުރައްވާފައިވެ އެވެ. ނަފްސަކަށް ނަފްސުކެވެ. ލޮލަކަށް ލޮލެކެވެ. ދަތަކަށް ދަތެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. އަދި ހަށިގަނޑަށް ދޭ ޒަޚަމްތަކަކީ ވެސް ޤިޞާޞް ހުރި ކަމެކެވެ. މި އުޞޫލަކީ ކުށްކުރި މީހާއަށް އޭނާ ކުރި ކުށާ އެއްވަރުގެ އަދަބު ދިނުމުގެ އުޞޫލެވެ. މިއީ ރެޓްރިބިއުޓިވް ތިއަރީ އެވެ.
توراة: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ މޫސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ بنو إسرائيل މީހުންނަށް ދެވުނު އެންމެ ބޮޑު ފޮތެވެ.
މާއިދާ ސޫރަތުގެ 44ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُواْ مِن كِتَابِ اللّهِ وَكَانُواْ عَلَيْهِ شُهَدَاء
މާނައީ: “އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. ﷲގެ ޙިކުމަތްތައް ތަސްލީމްކުރެއްވި ނަބިއްޔުންނާއި، ﷲ ފުރިހަމަގޮތުގައި ދެނެގެންތިބި ދީންވެރިންނާއި، އަދި އެދީނުގެ ޢިލްމުވެރިން އެފޮތުން ޔަހޫދީންގެ މެދުގައި ޙުކުމްކުރެއްވިއެވެ. އެއީ އެބޭކަލުންނަށް ﷲ ގެ ފޮތް (ތައުރާތު) ރައްކައުތެރިކުރުމަށް އަމުރުކުރެވިފައިވުމުގެ ސަބަބުންނެވެ. އަދި އެބޭކަލުން އެފޮތުގެ މައްޗަށް ހެކިވެރިންތަކެއް ކަމުގައި ވިއެވެ.”

2- إنجيل: މިފޮތަކީ الله ސުބުޙާނަހޫވަތަޢާލާ ޢީސާގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އަދި މިފޮތަކީ ތައުރާތު ތަޞްދީޤު ކުރައްވާ އެފޮތް ފުރިހަމަ ކުރެއްވި ފޮތެވެ.
މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَآتَيْنَاهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
މާނައީ “އަދި ތިމަން ﷲ އެކަލޭގެފާނަށް (ޢީސާގެފާނަށް) އިންޖީލު ދެއްވީމެވެ. އެފޮތުގައި ހިދާޔަތާއި ނޫރުވެއެވެ. އަދި އެފޮތުގެ ކުރިން ބާވައިލެވުނު ތައުރާތު ތަޞްދީޤު ކުރާ ފޮތެއް ކަމުގައެވެ. އަދި ތަޤުވާވެރިންނަށް ހިދާޔަތާއި ނަސޭހަތެއް ކަމުގައެވެ.”
﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ﴾
މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!” [ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް]

1