ނަޞޭޙަތާއި އިރުޝާދު
މުއުމިނުން ޢިއްޒަތްތެރިކުރައްވާ، ކާފަރުން ނިކަމެތިކުރެއްވުމަށް މާތްﷲ ކުޅަދުންވަންތަވެވޮޑިގަންނަވާ: ޙަޝްރު ސޫރަތް

سورة الحشر

މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު

މުއުމިނުން ޢިއްޒަތްތެރިކުރައްވާ، ކާފަރުން ނިކަމެތިކުރެއްވުމަށް މާތްﷲ ކުޅަދުންވަންތަވެވޮޑިގަންނަވާކަން

މިސޫރަތުގެ މުހިއްމު ނުކުތާތައް
ޔަހޫދީންނާއި މުނާފިޤުން ބަލިކުރެއްވުމުގައި ﷲ ތަޢާލާގެ ޢިއްޒަތްވަންތަކާއި ބާރުފުޅުގެ ގަދަކަން ހާމަކުރެއްވުން. އަދި އެބައިމީހުންގެ ބައިބައިވުން ހާމަކުރެއްވުން.

އަދި އެއާ ޚިލާފަށް މުއުމިނުންގެ އެކުވެރިކަން ހާމަކުރެއްވުން.
ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތަކުގެ ވެރިންނަކީ ޞަޙާބީންނެވެ. ފަހެ، އެބޭކަލުން ޞިފަކުރައްވާ ﷲ جلَّ وعلا ވަޙީކުރެއްވިއެވެ.

وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٩

އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.

 

 

މި ސޫރަތުން ހޮވާލެވޭ ޢިބްރަތްތަކާއި ފައިދާތައް

ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތަބަޢަވާންޖެހޭގޮތް މި ސޫރަތުން އެނގެއެވެ.

﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ﴾ الحشر: ٧

މާނައީ: “….އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ”.

﴿هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَه﴾ الحشر: ٢٤ މާނައީ: ”އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ، ހުރިހާ އެއްޗެއް އުފައްދަވާ، (އެންމެހާ އެއްޗެއް) ޞޫރަކުރައްވާ އިލާހެވެ.“ އަދި މި އިސްމުފުޅު އެއްވެސް ތަނެއްގައި އެހެން އިސްމުފުޅެއްގެ ފަހަތަށް ތަބާވެގެން އައިސްފައެއްނުވެއެވެ.

 

أَهْلُ السُّنَّةِ وَالْجَمَاعَة  އަކީ ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންދެކެ ލޯބިވާ ބައެކެވެ. އަދި أَهْلُ السُّنَّةِ وَالْجَمَاعَة   ދެކޭ ގޮތުގައި އެ އަޞްޙާބް ބޭކަލުންދެކެ ލޯބިވެ، އެބޭކަލުންނަށް ނަޞްރުދީ، އެބޭކަލުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެބޭކަލުންގެ މާތްކަން ދަނެ ޤަދަރު އުފުލައިފި މީހަކު ކާމިޔާބުވެ ބާއްޖަވެރިވެގެންދާނެއެވެ. އަދި އެބޭކަލުންނަށް ނަފުރަތުކޮށް އެބޭކަލުންނަށް ބަދުބަސްބުނެ އަގުދަށްކުރާ މީހުން ނާކާމިޔާބުވެ އަބާއްޖަވެރިވެގެންދާނެއެވެ.

މިކަމުގެ މައްޗަށްވާ ދަލީލަކީ އަންނަނިވި ވަޙީ ބަސްފުޅެވެ. وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ الحشر: ١٠   މާނައީ: “އަދި އެބޭކަލުންގެ ފަހުން (މުހާޖިރުންނާއި އަންޞާރުންގެ ފަހުން) އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވީ މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރި ކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރި ރައްބެވެ! ހަމަކަށަވަރުން އިބަ އިލާހުއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.”

ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ: އަހަރެން ދަންނަ ޢުމުރުން ދުވަސްވީ އަންހެނެއްގެ ކިޑްނީގައި ހިލަ އުފެދުނެވެ. ޑޮކުޓަރުން ނިންމި އެ ހިލަތައް ނަގަން އޮޕެރޭޝަނެއް ކުރުމަށެވެ. އެކަމަކު މި ދައިތަ އެކަމާ އިންކާރުކުރިއެވެ. ދުވަސްތަކެއް ފާއިތުވެއްޖެއެވެ. ދައިތަ އަނެއްކާވެސް ޑޮކުޓަރަށް ދައްކަން އައެވެ. މިފަހަރު ޓެސްޓްތައް ހެދުމުން ޑޮކުޓަރަށް އެނގުނީ ދައިތަގެ ކިޑްނީގައި ހުރި ހުރިހާއެއް ފިލައިގެން ގޮސްފައިވާ ކަމެވެ. މިކަމާއި އަޖައިބުވެ، ޑޮކުޓަރު ދައިތައާއި ސުވާލުކުރިއެވެ؟”މިކަމަށް ފަރުވާހޯދުމަށް ދައިތަ ކުރީ ކޮންކަމެއްހެއްޔެވެ؟”ދައިތަ ޖަވާބުދިނެވެ.”އަހަރެން މިކަމުން ޝިފާލިބުންއެދި ވަރަށް ގިނައިން ޤުރުއާން ކިޔެވީމެވެ. އަހަރެންނަށް އެނގިފައިވާގޮތުގައި ފަރުބަދައެއްގެ މައްޗަށް  قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެންދެއެވެ. އެހެންކަމަށްވާނަމަ، ޤުރުއާން ކިޔެވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑުގައިވާ ހިލަތައް ކުނޑިކުނޑިވެގެންނުދާންވީ ކީއްވެ ހެއްޔެވެ؟”

لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾

ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ.

 

ނޯޓު: އިސްލާމްދީނަކީ ކޮންމެ ކަމެއްގައިވެސް ވަޒަން ހިފެހެއްޓުމަށް ބާރުއަޅާ ދީނެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ބަލިވެއްޖެނަމަ، އެ ބައްޔަށް ފަރުވާލިބިގަތުމަށެވެ. އެހެންކަމުން، ބަލިވުމުން ޑޮކުޓަރަށް ދައްކަންޖެހެއެވެ. ޑޮކުޓަރުގެ ލަފަޔާއި އިރުޝާދަށް ތަބަޢަވާންޖެހެއެވެ. ހަމައެހެންމެ، މާތްﷲއާ ކުއްތަންވެ، ބައްޔަށް ޝިފާދެއްވުންއެދި ދުޢާކުރަންޖެހެއެވެ. ޤުރުއާނާއި ސުންނަތުން އެނގޭ ޝިފާލިބެނިވި ކަންކަންކުރާންޖެހެއެވެ.

ނަބިއްޔާ صلّى اللّه عليه وسلّم، عبدالرّحمن بن عوف رضى اللّه عنهއާއި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ سعد بن الرّبيع رضى اللّه عنهއާ ދެބޭކަލުން އަޚުކޮށްދެއްވިއެވެ. سعد بن الرّبيع އެކަލޭގެފާނުގެ އިސްލާމީ އަޚާ ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގެން ދީލަތިފުޅުކަމުގެ ވަރަށް އާދަޔާ ޚިލާފު ދެ ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. سعد ވިދާޅުވިއެވެ. އޭ އަޚާއެވެ! އަޅުގަނޑަކީ އަންޞާރުންގެ ތެރެއިން މުއްސަނދި މީހަކީމެވެ. އަޅުގަނޑުގެ މުދާ ހަމަޔަށް ދެބައިކޮށްލާނަމެވެ. ކަލޭގެފާނު އޭގެ ތެރެއިން ބޭނުންފުޅު ބައެއް ނަންގަވާށެވެ. އަޅުގަނޑުގެ ދެއަނބީންވެސް ތިބެއެވެ. ކަލޭގެފާނު އެދެމީހުން ދެކެވަޑައިގަންނަވާށެވެ. އޭގެ ތެރެއިން ކަލޭގެފާނު ޤަބޫލުފުޅު މީހަކު އަޅުގަނޑު ވަރިކޮށްދޭނަމެވެ. އެމީހެއްގެ ޢިއްދަ ހަމަވުމުން ކަލޭގެފާނު ކާވެނިބައްލަވާށެވެ! عبدالرّحمن އެމާތް އިންސާނާގެ އަގުބޮޑު ދެ ހުށަހެޅުއްވުމުގެ އަޑު އިވިވަޑައިގަތުމުން ޝުކުރު އަދާކުރެއްވިއެވެ. سعدގެފާނަށް އެކަލޭގެފާނުގެ މުދަލާއި އަނބިދަރީންގެ ފަރާތުން ބަރަކާތަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު ތިޔައިން އެއްވެސްކަމެއް ބޭނުމެއްނޫނެވެ. މިރަށުގައި ބާޒާރެއް އޮންނަކަމުގައިވާނަމަ އަޅުގަނޑަށް ބާޒާރަށް ދާނެ މަގު ދައްކަވާށެވެ.

 

ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم، މީސްތަކުންގެ ގާތަށް ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލެއްގެ ގޮތުގައްޔާއި އިންޛާރުދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި ﷲ ގެ އިޛުނަ ފުޅާއެކު އެއިލާހުގެ މަގަށް ގޮވާލާ، ޙައްޤުގެ މަގަށް އަލިކުރާ ވޮށެއްފަދަ ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ތެދުމަގާއި ޙައްޤު ދީނާއިގެންނެވެ. އެއީ މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅުކުރެއްވުމަށްޓަކައެވެ .

އެކަލޭގެފާނު ރަސޫލުކަމައިގެން ވަޑައިގެންނެވީއްސުރެ، މިއަދާ ހަމައަށްވެސް އިސްލާމްދީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންނެވެ. އެކަން އެގޮތަށް ހިނގާނެކަމަށް ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޙަދީޘްބަސްފުޅުތަކުގައި ބަޔާންކުރައްވާފައެވެ.

 

 

0