ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގެ ބަގީޗާ: سورة التحريم

ކީރިތި ޤުރްއާނުގެ ބަގީޗާ – ސޫރަތުލް ތަޙްރީމް

މިސޫރަތުގެ  ވަށަރޮނގު އެޅިފައިވާ މައުޟޫއު

އާއިލާ ތަރުބިއްޔަތު ކުރުމަށް ދެވިފައިވާ ނަސޭހަތާއި އިލާހީ ވަޞިއްޔަތްތައް

މިސޫރަތުގެ މުހިންމު ނުކުތާތައް

ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތުގައި އައިސްފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްމާތްﷲގެޢިޠާބެއްއަދިޢިތާބަށްފަހުمغفرةއެއް

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް  ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތުގެ މުޚާތަބު އައިސްފައިވުމާއެކު، އާޔަތުގެ އަޙްކާމުތަކުގައި އެކަލޭގެފާނާއި އުއްމަތުގެ އެންމެހާ މުސްލިމުން ޝާމިލުވެފައިވެއެވެ.

  • ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. (މި ސޫރަތުގެ 2 ވަނަ އާޔަތުން 5 ވަނަ އާޔަތަށް)
  • ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމަކީ ޝަރުޢީ ވާޖިބެއްކަން (6ވަނަ އާޔަތް)
  • فوائد و عبر من قصص السابقين (މި ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް)
  • ހުރިހާ ވަގުތެއްގައި ވެސް ތައުބާވުމަކީ ވާޖިބެއްކަން (8ވަނަ އާޔަތް)

 

މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް

  • ކީރިތި ޤުރުއާނުގައި ފާފައިގެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ނުވަތަ ފާފައިގެ އުޚުރަވީ ޖަޒާގެ ވާހަކަ އައިސްފިނަމަ، އެޔާއި ވިދިގެން ތައުބާގެ ވާހަކަ އައިސްފައިވެއެވެ.

(ހަތަރުވަނަ އާޔަތް)

  • ހުވާގެ ކައްފާރާ [المائدة:89]

فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ

ފަހެ، ހުވާގެ كفّارة އަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ خلاف ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ كفّارة އެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ.

مَنْ حلَف عَلَى يَمِينٍ فَرأَى غَيْرَها خَيْرًا مِنْهَا، فَلْيُكَفِّرْ عَنْ يَمِينِهِ، ولْيَفْعَل الَّذِي هُوَ خَيْرٌ رواهُ مسلم.

“ވަކި ކަމެއް ކުރުމަށް ހުވައެއްކޮށްފި މީހަކަށް އެއަށްވުރެ ރަނގަޅު އެހެންކަމެއް ފެނިއްޖެނަމަ، ފަހެ އޭނާގެ ހުވާގެ ކައްފާރާ ދޭހުށިކަމެވެ. އަދި އެމީހަކަށް ރަނގަޅު ކަމުގައި ފެނުނު ކަމެއް ކުރާ ހުށިކަމެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ.

( إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ لَنْ تَسْتَقِيمَ لَكَ عَلَى طَرِيقَةٍ ، فَإِنِ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَبِهَا عِوَجٌ ، وَإِنْ ذَهَبْتَ تُقِيمُهَا ، كَسَرْتَهَا وَكَسْرُهَا طَلَاقُهَا )

ހަމަކަށަވަރުން، އަންހެނާ ޚަލްޤުކުރެވިގެންވަނީ، އަރިކަށީގެ ކަށިގަނޑަކުންނެވެ. އެއީ ތިބާ ބޭނުންހާ ފަސޭހައިން ސީދާކުރެވޭނެ މީހެއްނޫނެވެ. ފަހެ، އެ ކަނބުލޭގެ (ކިބައިގައިވާ ނުރުހެވޭ ސިފަތަކާއެކުވެސް) އޭނާގެ ކިބައިން ތިބާ މަންފާލިބިގަތުމަށް އެދޭނަމަ، މަންފާ ލިބިގަނެވޭ ހުއްޓެވެ. ފަހެ އޭނާގެ ކިބައިގައި ހުރި ސިފައެއް އޭރުވެސް ހުންނަ ހުއްޓެވެ. އަދި ތިބާ (ގަދަކަމުން) އެކަނބުލޭގެ ސީދާކުރުމަށް މަސައްކަތްކޮށްފިނަމަ، ތިބާ އެކަނބުލޭގެ ކުދިކުދިކޮށްލާނޫއެވެ. އެ ކަނބުލޭގެ ކުދިކުދިކޮށްލުމަކީ، އެކަނބުލޭގެ ވަރިކޮށްލުމެވެ.

އަންހެނުންނަކީ ފިރިހެނުންނާ ޚިލާފަށް ކަންކަމާ ދެރަވެ ކަންބޮޑުވުން އަވަސް، ވަރަށް އާދައިގެ ކަންކަމާ ވެސް އަވަހަށް ރުޅިއަންނަ، އަދި މިޒާޖު އެއްޙާލަތަކުން އަނެއް ޙާލަތަކަށް ބަދަލުވުން އަވަސް ބަޔެކެވެ. އެ ކަނބަލުންގެ މައްޗަށް ލަޠީފީޖިންސުގެ އޯގާވެރި ސިފަ ގަދަވުމުގެ ސަބަބުން، ދިރިއުޅުމުގެ މައިދާނުގައި ކަމެއް ނިންމުމުގައި އޭގެ ހުރިހައި ފަރާތަކަށް ނަޒަރުހިންގައި، ކަމުގެ ނަތީޖާއަށް ވިސްނުމަކާނުލައި، ގޮތް ކަނޑައެޅުން އަވަސް ބަޔެއްމެއެވެ.

ދަރިންނަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އެ އަމާނާތާމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި އަހަރެމެންނާ ސުވާލުކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ﴾ (التحريم: 6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.”

ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަކީވެސް އިންސާނުން ކަމުގައި ވީތީ، އެބޭބޭކަލުންގެ ޒަވާޖީ ޙަޔާތްވެސް ހޭދަވެފައިވަނީ އަޑިގަނޑާއި އުސްގަނޑުތައް ކަޑައްތުކުރަމުންނެވެ. އުފާވެރި ދުވަސްތައް އަންނަ ފަދައިން ހިތާމަވެރި ދުވަސްތަކާ ވެސް އެކީގައެވެ. ބުއްދިވެރިއަކީ، ހިތް ނުރުހޭ ޙާލަތްތަކުގައިވެސް ކެތްތެރިވެ ހެޔޮ ގޮތުގައި އާޚިރު މަންޒިލަށް ވާސިލުވާ މީހާއެވެ.

*ޙަދީސްތަކުގެ މާނަނެގިފައިވަނީ ރިޔާޟުއްޞާލިޙީންގެ ދިވެހި ތަރުޖަމާއިން

0