ޞާލިޙު ޢާއިލާތަކުގެ މެދުގައިވެސް މައްސަލަޖެހުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާގޮތުގައި މީސްތަކުން ވަރަށް ތަފާތެވެ.
ސަލަފުންގެ ވާހަކަތަކުގެ ތެރެއިން:
މީހަކު އޭނާގެ އަނބިމީހާގެ ޝަކުވާއާއިގެން ޢުމަރު رضي الله عنه ގެ އަރިހަށް އައިކަމަށްވެއެވެ. އެހިނދު އޭނާއަށް އިވެނީ އެކަލޭގެފާނުގެ އަނބިކަނބަލުން ހަރުކަށިބަސްތަކުން އެކަލޭގެފާނާއި މުޙާތަބުކުރާ އަޑެވެ. (އެކަލޭގެފާނަށް އެކަމަނާ ހުއްޓުވުމުގެ ފުރިހަމަ ބާރު އޮތްނަމަވެސް) ޢުމަރު رضي الله عنه އެކަމަނާއަށް ރައްދު ނުދެއްވާ ހަނުހުންނެވިއެވެ.
އެހެންކަމުން އެމީހާ އަމިއްލަ ނަފްސަށް ބުންޏެވެ. “މިއީ ޢަމީރުލް މުއުމިނީންގެ ޙާލަތު ކަމުގައިވާނަމަ އަދި އަހަރެންގެ ޙާލަކީ ކޮބާހެއްޔެވެ؟” އަދި އެނބުރިދާން ހިނގައިގަތެވެ. ޢުމަރު رضي الله عنه ބޭރަށް ނުކުމެ ވަޑައިގެން އެމީހާ އެނބުރިދާތަން ފެނުމުން ގޮވާލެއްވިއެވެ. އަދި އެއްސެވިއެވެ. “ތިބާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “އޭ ޢަމީރުލް މުއުމިނީންއެވެ! އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް އައީ އަޅުގަނޑުގެ އަނބިމީހާގެ ޝަކުވާއާއިގެންނެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ވެސް އެފަދައިން ކަލޭގެފާނާމެދު ކަންތައްކުރައްވަނިކޮށް އަޑު އިވިއްޖެއެވެ. އެހެންކަމުން އެނބުރިދިޔައީއެވެ. އަދި އަމިއްލަ ނަފްސަށް ބުނީމެވެ. “މިއީ ޢަމީރުލް މުއުމިނީންގެ ޙާލަތު ކަމުގައިވާނަމަ އަދި އަހަރެންގެ ޙާލަކީ ކޮބާހެއްޔެވެ؟”” ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު އެކަމަނާއާއި މެދު ކެތްތެރިވަނީ އެކަމަނާއަށްވެސް ތިމަންކަލޭގެފާނުގެ މައްޗަށް ޙައްޤުތަކެއްވާތީއެވެ.”
މަޞްދަރު ;
ދިސަލަފިއްޔާ