އިބުރަތްތެރި ވާހަކަ
ޙަޤީޤީ ވާހަކަ: ވަރި ނުކޮށް، ކައިވެނި ދެމެހެއްޓުމުގެ ފޮނި ނަތީޖާ

އެއް ދުވަހަކު ޢަބްދުﷲ ބިން ޢުމަރު އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ އުއްމު ވަލަދު ވަރި ކުރައްވަން ޤަޞްދުކުރެއްވިއެވެ. އެ ދެކަނބަލުން ގެ މެދުގައި މައްސަލަތައް ޖެހެމުންގޮސް،އެއްދުވަހަކު ޒުވާބު ހޫނުވެ ދެން އެންމެ ރަނގަޅު ގޮތަކީ ވަރިކުރުން ކަމުގައި އެކަލޭގެފާނަށް ވިސްނިވަޑައިގަތީއެވެ. ކޮންމެ އަކަސް މި ޚިޔާލުތަކުގެ ތެރޭގައި ހުރެ މަގުމަތިން ހިނގާފައި ދަނިކޮށް މީހަކު މި އާޔަތް ކިޔަވާ އަޑު އިވުމުން ވަރި ނުކޮށް ކައިވެނި ދަމަހައްޓަން ނިންމެވިއެވެ. وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا (19)
މާނައީ“ އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ. އުއްމު ވަލަދާއި އެކީ ޒަވާޖީ ހަޔާތް ކުރިޔަށްދަނިކޮށް ސާލިމް ލިބުނެވެ.ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރަކީ ތާބިޢީބޭކަލެކެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ކާފަ ދަރިކަލެކެވެ. ޢިލްމުވެރިކަމާ ޒާހިދުކަމާއި ތަޤްވާވެރިކަމުގައި އަރައިހުންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅު عمر رضي الله عنه ފަދައިން، އެއްވެސް ޖެހިލުމެއްނެތި، ފާޅުގައި ޙައްޤުބަސް ވިދާޅުވުމުގައިވެސް ނަމޫނާއެކެވެ. އެއީ ކިތަންމެ ނުރައްކާތެރި ޙާލަތެއްކަމުގައިވީނަމަވެސް ޙައްޤުބަސް ވިދާޅުވުމުގައި އެކަލޭގެފާނު އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިގެންފައެއްނުވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދުދެއްވާފައިވަނީ ދެމަފިރިން އެކަކު އަނެކަކު ފަރާތުން ފެންނަ އުނި ސިފަތަކަށް ފޯކަސްކުރުމުގެ ބަދަލުގައި އެކަކު އަނެކެއްގެ ކިބައިގައިވާ ރަނގަޅު ސިފަތަކާއިމެދު ވިސްނުމަށެވެ.
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ
މުއުމިނު ފިރިހެނާ މުއުމިނު އަންހެނާއާއިމެދު(އެބަހީ: އޭނާގެ އަނބިމީހާއާއިމެދު) ނަފުރަތުނުވާށެވެ. އެ އަނބިމީހާގެ ކިބައިގައި ފިރިމީހާ ނުރުހޭ ސިފައެއް ހުރެދާނެއެވެ. އެހެންނަމަވެސް އޭނާގެ ކިބައިގައި ފިރިމީހާ ރުހޭ އެހެން ސިފަތައް ހުންނާނެއެވެ.
رواه مسلم
އަނބިމީހާއާއިއެކު އިޙްސާންތެރިކަމާއެކު ދިރިއުޅުމަށް ފިރިމީހާގެ މައްޗަށް ވަރަށް ބޮޑަށް އަމުރުވެވިފައިވެއެވެ. އަނބިމީހާއާމެދު ނުރުހިއްޖެނަމަ އޮތީ އޭނާގެ ކަންކަމަށް ކެތްތެރިވުމެވެ. އަދި އޭނާގެ ކަންތައްތައް ހެޔޮގޮތަކަށް ބަދަލުވެދާނެ ކަމަށް އުންމީދުކޮށް މަސައްކަތްކުރުމެވެ. ނުވަތަ އެކަނބުލޭގެގެ ކިބައިން ޞާލިޙު ދަރިންތަކެއް ރިޒްޤުކުރައްވާނެ ކަމަށް އުންމީދުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴾ [النساء: 19]
މާނައީ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”
ކައިވެނީގެ ރޫޙަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި ރަޙުމުކުރުމެވެ.
ވަރިކުރުމަކީ މުޖުތަމަޢުގައި ތަފާތު އިޖުތިމާޢީ ބަލިމަޑުކަން ފެއްޓުމުގެ މައިގަނޑު އެއްސަބަބެވެ. އޭގެތެރޭގައި ދަރިންނަށް ލިބޭ ގެއްލުމަކީ އެންމެ ބޮޑުގެއްލުމެވެ. އަދި ހުރިހާ ގެއްލުންތަކުގެ ފެއްޓުމެވެ. ދެމަފިރިން އަމިއްލަ ދަރިންގެ މުސްތަޤްބަލާއިމެދު ނުވިސްނާތާގައި، ދީނުގައި މިހާބޮޑަށް ނުކުރުމަށް އަންގަވާފައިވާ ކަމަކަށްވަތީ ވަރި ނުކުރާނަމަވެސް ކިތަންމެހާވެސް ރަނގަޅެވެ.

Source :

1