ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ އީމާންތެރިކަން ބަލިކަށިވަނީ ކީއްވެ؟

ގިނަ ޒުވާނުން އެންމެ ގިނައިން ކުރާ ސުވާލަކީ، އެބައިމީހުންގެ އީމާންތެރިކަން ބަލިކަށިވާތީ، އީމާންތެރިކަން ވަރުގަދަ ކުރެވޭނީ ކިހިނެއްތޯ އެވެ.

ވަރަށް ގިނައިން މާތް ﷲ އަށް އަޅުކަން ކޮށްފައި އުޅޭ މުސްލިމުން ވެސް، ދުވަސްތަކެއް ފަހުން އެކަން ހުއްޓާލާ، ދީނާއި ދުރުހެލިވެއެވެ. އަދި އަލަށް އިސްލާމްދީނަށް ވަންނަ ވަރަށް ގިނަ މީހުންވެސް ބުނާ އެއް ވާހަކައަކީ، އެމީހުންވެސް މުސްލިމަކު ކަމުގައިވީ ފުރަތަމަ ދުވަސްކޮޅު ނުހަނު ބޮޑަށް ދީނާއިމެދު އުޅެވުނު ކަމަށާއިނަމަވެސް ފަހަކަށް އައިސް ދީނީ ކަންކަމާއި ދުރުވެވޭ ކަމަށެވެ. ފުރަތަމަ ދުވަސްކޮޅު ލިބުނު އުފަލާއި ހިތްހަމަ ޖެހުން ފަހުން ނުލިބުމުން އެކަމާއި ކަންބޮޑުވާ ވާހަކައާއި އެއުފާވެރިކަން އަލުން ލިބެން ބޭނުންވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

އީމާންތެރިކަން ބަލިކަށިވަމުން އަންނަކަމަށް ބުނާ މީހުން ގާތު އެންމެ ފުރަތަމަ ވެސް އަހަރެން އަހާލަން ބޭނުންވާ ސުވާލަކީ، މާތް ﷲ އާއި އެފަދަ މީހުންނާއި ދެމެދު ގުޅުން އޮތީ ކިހާވަރަކަށްތޯ އެވެ. އެގުޅުން ވަރުގަދަތޯ، ނޫންނަމަ ގުޅުން ކޮންމެވެސް ވަރަކަށް ނަމަވެސް ހީނަރުވެފައިވޭތޯ އެވެ.

އެންމެ ފަހުން ދަންވަރު ގަޑީގައި ތެދުވެ، ދަމު ނަމާދެއް ކުރީ ކޮން އިރަކު ތޯއެވެ؟ ނުވަތަ އެހެންވެސް ސުންނަތް ނަމާދެއް އެންމެ ފަހުން ކުރީ ކޮންއިރަކުތޯ އެވެ؟  ގިނަ މީހުންގެ ޖަވާބަކަށްވަނީ، ފަހަކަށް އައިސް އެކަން ނުކުރެވޭ ކަމަށާއި، އެންމެ ގިނަ ވެގެންވެސް ކުރެވެނީ ފަރުޟު ފަސް ނަމާދު ކަމަށެވެ. ގިނަ ފަހަރަށް އެފަސް ނަމާދު ވެސް ކޮންމެ ދުވަހަކުމެ ކުރެވެނީ މަދު ދުވަސްތަކެއްގައި ކަމަށް ވެސް އެމީހުން ބުނެއުޅެއެވެ.

އެހެންކަމުން، ދެން އަހަރެން އެމީހުންގާތު ކުރާ ސުވާލަކީ، މާތް ﷲ އާއި ދެމެދު އޮތް ގުޅުން ކެނޑެމުން އަންނަ ކަމުގައިވާނަމަ، އީމާންތެރިކަން ވަރުގަދަ ވާނީ ކިހިނެއްތޯ އެވެ. ތިމާ މީހާގެ އީމާންތެރިކަން އަމިއްލައަށް ހުރެ ރަނގަޅެއް ނުވާނެއެވެ. ވަރުގަދައެއް ވެސް ނުވާނެއެވެ. ފުރިހަމަ ރަނގަޅު މުސްލިމަކަށް ވުމަށްޓަކައި ތިމާ އަމިއްލައަށް ފިޔަވަޅުތަކެއް ފުރަތަމަ ވެސް އަޅަން ޖެހެއެވެ.

ރަސޫލާ صلى الله عليه وسلم ގެ ސަޙާބީން ވެސް ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރައްވަވަނީ މިސަބަބާއި ހެދިއެވެ. މާތް ﷲ އާއި ދެމެދު އޮންނަ ގުޅުން ވީހާވެސް ބޮޑަށް ގަދަފަދަ ކުރެއްވުމަށެވެ. އަދި އެކަލާނގެއަށް އަޅުކަން ކުރުމުގައި އެބޭކަލުން ދުވަހަކުވެސް މެދުކަނޑާ ނުލައްވަވައެވެ. ރަސޫލާ صلى الله عليه وسلمގެ އަސްޙާބު ބޭކަލެއް ކަމުގައިވާ ރަބީއާ (ރަޟިއަﷲ އަންހު)، އެކަލޭގެފާނު ވުޟޫ ކުރެއްވުމަށް ފެންފޮދެއް އެއްދުވަހު ގެންގޮސް ދެއްވިއެވެ. ރަބީއާގެފާނު ކޮންމެވެސް ކަމެއް ބޭނުންފުޅުވާކަން ރަސޫލާ صلى الله عليه وسلمއަށް އެނގިވަޑައިގެން ޙަދީޘްފުޅު ކުރެއްވެވިއެވެ.  “ ޔާ ރަބީއާ. ކަލޭގެފާނު ތިޔަ ބޭނުންފުޅުވަނީ ކޮން ކަމެއްތޯއެވެ. ވިދާޅުވާށެވެ.“

ރަބީއާގެފާނު ދެންނެވިއެވެ. “ ރަސޫލާ صلى الله عليه وسلم، ކަލޭގެފާނުގެ އަސްޙާބު ބޭކަލެއްގެ ގޮތުގައި ސުވަރުގޭގައި ވެސް ވުމަށް ތިމަން އެދިލައްވަމެވެ“  އެހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. ”އިތުރު ކަމެއް ބޭނުންފުޅު ވޭތޯއެވެ.“ ރަބީއާގެފާނު ދެންނެވިއެވެ. “ ނޫނެކެވެ. މާތް ރަސޫލާ صلى الله عليه وسلم އެވެ. ތިމަން ބޭނުންފުޅުވެލައްވަނީ ހަމައެކަނި އެކަމެވެ.“ އެހެންކަމުން ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވެވިއެވެ. “ ތިހެންކަމުގައިވާނަމަ، ކަލޭގެފާނަށް އެހީތެރިވުމަށް ތިމަން ކަލޭގެފާނަށް އެހީތެރިވެދެއްވާށެވެ. ކަލޭގެފާނު އެކަލާނގެ ޙަޟްރަތައް ސަޖިދަ ޖެހުން އިތުރު ކުރައްވަވާށެވެ.“
އޭގެ މާނައަކީ، އަޅުކަން ކުރުން އިތުރު ކުރައްވަވާށެވެ. ނަމާދު ގާއިމް ކުރުން އިތުރު ކުރައްވާށޭއެވެ.
އޭގެންވެސް ދޭހަވަނީ، އެކަލާނގެއާއި އެކަލާނގެ އަޅާ އާއި ދެމެދުގައިވާ ގުޅުން ވަރުގަދަ ކޮށްފިނަމަ، އީމާންތެރިކަން ވެސް ވަރުގަދަ ވާނެ ކަމެވެ.

0