(މިމަޒުމޫނަކީ ޑރ. އެރިކް ރޯޑްލާ ޔޫ.އެސް.އޭގެ ސައިންސް މަޖައްލާއެއްކަމަށްވާ ”އޮޑެސީ“ގެ، 2001 ވަނަ އަހަރުގެ މާޗްމަހުގެ ޢަދަދުގައި ލިޔުއްވާފައިވާ މަޒްމޫނެއްގެ ތަރުޖަމާއެކެވެ.)
އެތަކެއް ބިލިއަން ވަކިވަކި ބައިތަކެއް ހިމެނޭ، އެތަކެއް ޓްރިލިއަން ގުޅުންތަކެއް ވައިރުކޮށްފައިވާ، ގާތްގަޑަކަށް 1.4 ކިލޯގެ ބަރުދަން ހުންނަ، ކަރަންޓާއި ކެމިކަލް ހަކަތަ ބޭނުންކޮށްގެން މަސައްކަތްކުރާ އެއްޗަކީ ކޮބައިހެއްޔެވެ؟ އެއީ މިނީ ކޮމްޕިއުޓަރެކޭ ބުނިނަމަ، ޖަވާބު ގޯހެވެ. އެއީ އިންސާނާގެ ސިކުނޑިއޭ ބުނިނަމަ، ޖަވާބު ރަގަޅެވެ. ހުދު ފިޔާތޮށި ކުލައިގެ ބޮނޑިވަރެއްހެން އޮންނަ އިންސާނީ ސިކުނޑިއަކީ އިންސާނާގެ
ހުރިހާކަމެއް ކޮންޓްރޯލްކުރާ މައި މަރުކަޒެވެ. ބައިސްކަލު ދުއްވެނީ، ފޮތެއްކިޔެނީ، ހިނގަނެވެނީ، ރައްޓެއްސެއްގެ ފޯނު ނަންބަރު ހަނދާނަށް ގެނެވެނީ އެ ސިކުނޑީގެ ސަބަބުންނެވެ. މީގެ އިތުރުން އިންސާނާގެ އެކި މޫޑުތަކާއި، ކާހިތްވުމާއި، ނިދުމާއި ހިތުގެ ހިނގުމުގެ ރޭޓާއި، ނޭވާލުން ކޮންޓްރޯލް ކުރަނީވެސް ސިކުނޑިއެވެ. ސިކުނޑިއަކީ އިންސާނާއެވެ. އަދި އިންސާނާ ކުރާ އަދި ކުރާނޭ ހުރިހާކަމެއް ހަޤީޤަތަކަށް ހަދަނީ ސިކުނޑިއެވެ.
މިއަޖާއިބުކުރަނިވި ސިކުނޑި ސިފަކޮށްދިނުމުގައި ތަފާތު ގިނަމިސާލު ބޭނުންކުރެއެވެ. މަކުނުވަލުގެ ދާގަނޑެއްގެ މިސާލުން، ގަޑިއެއްގެ މިސާލުންގޮސް ޓެލެފޯން ސައިޗްބޯޑެއްގެ މިސާލުވެސް ބޭނުންކޮށްފައިވެއެވެ. މިޒަމާނަކަށް އައިސް ސިކުނޑީގެ މަސައްކަތްކުރުން ކޮމްޕިއުޓަރަކާ އަޅުވާ ބެލެމުން އާދެއެވެ. އިންސާނާގެ ސިކުނޑިއަކީ މޭޒުމަތީގައި ބަހައްޓާފައި ހުންނަ ކޮމްޕިއުޓަރޭ މިކިޔާ ފޮށިގަނޑުގެ އެތެރެގަނޑު މަސައްކަތްކުރާގޮތަށް މަސައްކަތްކުރާ އެއްޗެއް ބާވައެވެ؟ މިދެނިޒާމް މަސައްކަތްކުރާ ކުރުމަށް ބަލާއިރު އެއްގޮތްވާ މިންވަރާއި، ތަފާތުވާ މިންވަރާ ދޭތެރޭ ވިސްނާލަމާތޯއެވެ؟
އަސްލަށް ބަލައިލުން
ސިކުނޑިއަށްވެސް ކޮމްޕިއުޓަރަކާ އެއްފަދައިން ހަކަތަ ބޭނުންވެއެވެ. ކޮމްޕިއުޓަރ ކަރަންޓާ ގުޅާލާފައި ސުއިޗް ޖެއްސުމުން އެމަސައްކަތް ކުރަން ބޭނުންވާ ހަކަތަ ލިބެއެވެ. ކަރަންޓު ވާގަނޑު އުފުރާލުމުން މަސައްކަތްކުރުން ހުއްޓެއެވެ. ސިކުނޑި މަސައްކަތް ކުރާގޮތް ތަފާތެވެ. ސިކުނޑި މަސައްކަތްކުރަން ބޭނުންވާ ހަކަތަ ހޯދަނީ އިންސާނާ ހަށިގަނޑަށް އެތެރެކުރާ ކާނާ ހަޖަމުކޮށްގެން ލިބޭ ގުލްކޯޒުންނެވެ. ސިކުނޑި ފުރިހަމައަށް މަސައްކަތް ކުރުމަށް ބޭނުންވާ މިނަރަލްގެ ބައިތަކާއި، ވިޓަމިންގެ ބައިތައްވެސް މިކާނާއިން ލިބެއެވެ. ކޮމްޕިއުޓަރަކާ ޚިލާފަށް
ސިކުނޑި ހުޅުވާ ލައްޕާ ސުއިޗެއް ނުހުރެއެވެ. ނިދާފަ އޮންނައިރުވެސް ސިކުނޑި މަސައްކަތްކުރެއެވެ.
ސިކުނޑިއާއި ކޮމްޕިއުޓަރުގެ ހަކަތައިގެ އަސްލު ތަފާތުވިޔަސް މަޢުލޫމާތު ބަދަލުކުރަނީ އެއްގޮތްތަކަކަށެވެ. އެއީ ކަރަންޓް ސިގްނަލް ބޭނުންކޮށްގެންނެވެ. ކަރަންޓް ނަރުތަކުން ފޮނުވާ ކަރަންޓް ސިގްނަލްތަކުން ކޮމްޕިއުޓަރުގެ ބައިތައް ކޮންޓްރޯލްކުރެއެވެ. ނާރުތަކުގެ ތެރެއިން ފޮނުވާ ކަރަންޓް ސިގްނަލްތަކުން އިންސާނާގެ އެތެރެހަށީގެ ބައިތަކާ، ގުނަވަންތައް ސިކުނޑި ކޮންޓްރޯލް ކުރެއެވެ.
ނަރެއްގެ ތެރެއިން ކަރަންޓް ސިގްނަލް ދަތުރުކުރާގޮތާއި ނާރެއްގެ ތެރެއިން ކަރަންޓް ސިގްނަލް ދަތުރުކުރާގޮތް ތަފާތެވެ. ކޮމްޕިއުޓަރެއް ހުޅުވުމުން އޭގެ ނަރުތަކުގެ ޒަރިއްޔާއިން ގުޅިފައިވާ ބައެއް ބައިތައް ކޮންޓްރޯލް ކުރަނީ ބައެއް ފަހަރު ކަރަންޓް ފޮނުވައިގެންނާއި އަނެއްބައި ފަހަރު ކަރަންޓް ނުފޮނުވުމުންނެވެ. މީގެ މާނައަކީ ކޮމްޕިއޓަރުގެ ވަކިބައެއް އަބަދުވެސް ހުންނާނީ ދެހާލަތަކުން އެއް ހާލަތެއްގައެވެ. އެއީ ކަރަންޓް ލިބި ”އޮން“ ވެފައެވެ. ނުވަތަ ކަރަންޓް ނުލިބި ”އޮފް“ ވެފައެވެ. އިންސާނީ ނާރުތަކުގެ ވިއުގައިގެ ބައިތައް ”އޮން، އޮފް“ މިދެހާލަތް ފިޔަވައި ތަފާތު ހާލަތްތަކެއް ހިއްސާކުރާނެއެވެ. (ކަރަންޓް ސިގްނަލް ދަތުރުކުރާ ނާރެއް އުފެދިފައިވަނީ އެތަކެއް ނިޔުރޯނުގެ މައްޗަށެވެ.) ވަކި ނިޔުރޯނަކަށް ތަފާތު ގިނަ ނިޔުރޯނުން ސިގްނަލް ފޮނުވަފާނެއެވެ. އެއް ނިޔުރޯނުން އަނެއް ނިއުރޯނަށް ކަރަންޓް ސިގްނަލް ފޮނުވައިދޭ ހިސާބަށް ކިޔަނީ ”ސިނެޕްސް“ އެވެ. ދެނާރު ގުޅުވައިދޭ މި ”ސިނެޕްސް“ އަކީ އަސްލުގާ ދެނާރު ނުޖެހި އޮންނަ ޖާގައެކެވެ. ނާރެއްގެ ތެރެއިން ދަތުރު ކުރަމުން އަންނަ ކަރަންޓް ސިގްނަލް މި ސިނެޕްސްއާ ހަމައަށް އައުމުން މިޖާގަ ހުރަސް ކުރުމަށްޓަކާ ޚާއްޞަ ކެމިކަލެއް (ނިޔުރޯ ޓްރާންސްމީޓަރެއް) އެއް ނިއުރޯނުން އަނެއް ނިޔުރޯނަށް ފޮނުވާލައެވެ. މިނިޔުރޯ ޓްރާސްމީޓަރު ސިނެޕްސްގެ ޖާގަ ކަޑައްތުކޮށް އަނެއް ނިއުރޯނާ ހަމަޔަށް ގޮސް އެނިއުރޯނުގެ ކޮޅުގައިވާ ”ރިސެޕްޓަރ“ އޭކިޔާ ޚާއްޞަ ބަޔަކާ ގުޅެއެވެ. ނަތީޖާއެއްގެ ގޮތުން މި ރިސެޕްޓަރުން ނާރުގެ އެތެރެއަށް ކަރަންޓުގެ ކުޑަ ސިގްނަލެއް ފޮނުވާލައެވެ. ނަމަވެސް މިކުޑަ ސިގްނަލް ބައެއް ފަހަރު ކުރިއަށް ނުގޮސް މިހިސާބުން ހުއްޓޭގޮތްވެއެވެ. ސިގްނަލް ލިބިގަންނަ ނިއުރޯންގައިވާ ތަފާތު ސިނެޕްސްތަކުން އެތަކެއްހާސް ސިގްނަލް އެއްފަހަރާ ލިބެމުންދާނެއެވެ. މިހުރިހާ ސިގްނަލްތަކުގެ ޖުމްލަވަކި މިންވަރަކަށްވުރެ (”އެކްޝަން ޕޮޓޭންޝަލް“ އަށްވުރެ) މައްޗަށް ނުދަނީސް މިނިއުރޯނުން ސިގްނަލެއް ކުރިޔަކަށް ނުފޮނުވާނެއެވެ.
މަސައްކަތަށް ބަލައިލުން
ކަރަންޓުނަރާއި ނިއުރޯންގެ ތެރެއިން މެސެޖް ދަތުރުކުރުމުގައި ތަފާތުތަކެއް ހުރިނަމަވެސް ކޮމްޕިއުޓަރާއި ސިކުނޑި އެއްފާޑެއްގެ ގިނަ މަސައްކަތަތަކެއް ކުރެއެވެ. މިސާލަކަށް މިދެ ނިޒާމުގައިވެސް ހަނދާނުގައި އެއްޗެތި ރައްކާކުރެއެވެ. ކޮމްޕިއުޓަރުގައި މެމަރީ ޗިޕް ބޭނުންކޮށްގެންނެވެ. ސިކުނޑީގައި ނާރުތަކުގެ ސަރކިޓްތައް ބޭނުންކޮށްގެންނެވެ. ކޮމްޕިއުޓަރާއި ސިކުނޑިއަށްވެސް އާވައްތަރުގެ މަސައްކަތް ކުރަން ދަސްކޮށްދެވެއެވެ. އާ ހާޑްވެއަރ އާއި ސޮފްޓްވެއާ ބޭނުންކޮށްގެން ކޮމްޕިއުޓަރުގެ ހަނދާނުގައި ބެހެއްޓޭ މިންވަރާއި ކުރާމަސައްކަތް އިތުރު ކުރެވެއެވެ. އިންސާނީ ސިކުނޑީގައިވާ ނިއުރޯންތަކުގެ ވިއުގަތައް އަބަދުވެސް ބަދަލުވެބަދަލުވެ ހުރެއެވެ. ކޮންމެ އައު އުގެނުމަކާ ގުޅިގެން މިފަދަ ބަދަލު ސިކުނޑިއަށް އާދެއެވެ. ވީމާ، އިންސާނާގެ ސިކުނޑި އަބަދުވެސް އާކަންތައްތައް ދަސްކުރާކަމަށް ބެލެވެއެވެ.
ބޭނުންވެއްޖެ ހިނދެއްގައި ސިކުނޑީގައިވާ މަޢުލޫމާތު ފުހެލާފައި އަލުން ލިޔެލާކަމަށްވެސް ބެލެވެއެވެ. މިސާލަކަށް ސިކުނޑިއަށް ލިބޭ ބައެއްކަހަލަ އަނިޔާތަކާއި ގުޅިގެން ގެއްލުން ނުލިބިހުރި ސިކުނޑީގެ ބައިތައް ގެއްލުންވިބައިތަކުން ކުރަމުންއައި މަސައްކަތްތަކާއި ޙަވާލުވެއެވެ. މިފަދައިން ހާޑް ޑިސްކް ހަލާކުވުމުން ކޮމްޕިއުޓަރ އަމިއްލައަށް މަރާތުކުރާތަންވެސް ދެކެން ވަރަށް ބޭނުމެވެ.
ވަށައިގެންވާ މާޙައުލުން ލިބޭމަޢުލޫމާތައް ބަލާ އެކަށީގެންވާ ބަދަލު ގެނައުމުގެ ޤާބިލްކަން ކޮމްޕިއުޓަރާއި ސިކުނޑިއަށް ލިބިގެންވެއެވެ. ކޮމްޕިއުޓަރަށް އިޙުސާސް ލިއްބައިދޭ ތަކެތީގެ ޒަރީޢާއިން ހޫނު ފިނިމިނާއި، ވައިގެ ތެތްކަމާއި، އަލިކަން ހުންނަ މިންވަރު ބެލެވެއެވެ. މިގޮތުން ލިބޭ މަޢުލޫމާތުގެ އަލީގައި ހޫނު ފިނިމިނާއި އަލިކަން ހުންނަ މިންވަރާއި މިނޫންވެސް ތަފާތު ގިނަ ކަންކަން ކޮމްޕިއުޓަރުން ކޮންޓްރޯލް ކުރުމަށް ޕްރޮގްރާމް ކުރެވިދާނެއެވެ. އިންސާނާގެ ސިކުނޑިއާއި ގުޅިފައިވާ އިޙްސާސް ލިއްބައިދޭ ތަކެތީގެ ތެރޭގައި ލޮލާއި ކަންފަތާއި ނޭފަތާއި އަނގައާއި ހަނމުގައި ހިއްސާގެ ބައިތައް ހިމެނެއެވެ. މިލިބޭ އިޙުސާސްތަކުގެ ސަބަބުން ހަށިގަނޑަށް ތަފާތު ބަދަލު ގެނައުމުގެ ޤާބިލުކަން ސިކުނޑިއަށް ލިބިގެންވެއެވެ. މިސާލަކަށް ފިނިވުމުން ހަށިގަނޑު ހީކަރުވައި ތުރުތުރު އަޅައެވެ. ކޮޓަރިއެއް މާފިނިވުމުން ސިކުނޑިން ހަށިގަނޑުގެ މަސްތަކަށް ކުރާ އަމުރެއްގެ ނަތީޖާއެއްގެ ގޮތުން އެއަށްވުރެ ހޫނުތަނަކަށް މީހާ ނިކުމެގެން ހިގައިދާނެއެވެ. ނުވަތަ ސުވެޓަރެއް ލާފާނެއެވެ.
ކޮމްޕިއުޓަރުގެ އެތެރޭގައިވާ ނާޒުކު ބައިތައް ފޮރުވައިފައިވަނީ ވަރުގަދަ ތޮށިގަނޑެއްގެ ތެރޭގައެވެ. ހަމައެފަދަހިމާޔަތް ބޮލުގެ ނާށިގަނޑުން ސިކުނޑިއަށް ލިބިދެއެވެ. މިފަދައިން ހިމާޔަތްކުރެވިފައި ވީނަމަވެސް ކޮމްޕިއުޓަރާއި ސިކުނޑީގެ އެތެރެއާއި ބޭރުގެ ބައިތަކަށް ގެއްލުން ލިބޭތަން އާދެއެވެ. ވެއްޓިއްޖެނަމަ ނުވަތަ ވައިރަހެއް އަރައިފިނަމަ ނުވަތަ ކަރަންޓަށް އަންނަ ބަދަލެއްގެ ސަބަބުން މަރާމާތުކުރާ ތަނަށް ކޮމްޕިއުޓަރ ގެންދަން ޖެހެއެވެ. ހަލާކުވިބައިތައް ބަދަލުކޮށް ވައިރަހުންވީ ގެއްލުން މަރާމާތު ކުރުމުން ކޮމްޕިއުޓަރ މުޅިން އައުވެއެވެ. ނަމަވެސް ސިކުނޑި މަރާމާތުކުރުމަކީ އެހާފަސޭހަކަމެއްނޫނެވެ. ސިކުނޑިއަކީ ވަރަށް ނާޒުކު ބަލިކަށިއެއްޗެކެވެ. އެހަލާކުވުމުން ބައިބައި ބަދަލުކުރާނޭ ސްޕެއަރޕާޓް ލިބޭކަށް ނުހުރެއެވެ. އެހެނަސް ސިކުނޑީގެ ނިއުރޯންތަކާއި ބައިބައި ހަލާކުވުމުން އެބައި ބަދަލުކުރާނޭ ސްޕެއަރ ލިބޭނޭ ދުވަސް ވެސް އަތުވެދާނޭކަމުގެ އުންމީދު އުދަވާންފަށައިފިއެވެ.
އެންމެ ބޮޑު ތަފާތު
ޝައްކެއް ނެތްގޮތުގައި އިންސާނާގެ ސިކުނޑިއާއި ކޮމްޕިއުޓަރާއި ދެމެދުގައިވާ އެންމެ ބޮޑު ތަފާތަކީ ރޫހާނީ ޤާބިލިއްޔަތެވެ. ރޫހާނީ ޤާބިލިއްޔަތަކީ ކޮބައިކަން ތަޢާރަފްކުރަން ދަތިވެއެވެ. ނަމަވެސް ކޮންމެ އިންސާނަކަށްވެސް އޭނާ ވުޖޫދުވެ ހުރިކަން، ހެވާއި ނުބައި، ދެރަވާން، މޮޅިވާން އެގެއެވެ. ކޮމްޕިއުޓަރަކަށް މިހޭލުންތެރިކަމެއް ލިބިފައި ނުވެއެވެ. އާދަޔާއި ޚިލާފު ބޮޑެތި ހިސާބުތައް އަޖާއިބު ކުރުވަނިވި ހަލުވިކަމާއިއެކު ކޮމްޕިއުޓަރު ކުރެއެވެ. ނަމަވެސް ޝުޢޫރު، ހުވަފެން، ފިކުރު ފަދަ އިންސާނާ އިންސާނަކަށް ހަދާ މުހިންމު ޤާބިލިއްޔަތުތަކެއް ކޮމްޕިއުޓަރަކަށް އަދި ލިބިފައި ނުވެއެވެ. ނަމަވެސް ސިނާއީ ވިސްނުމުގެ ރޮގުން ހޯދަމުންދާ އައު ހޯދުންތަކުގެ ނަތީޖާއެއްގެ ގޮތުން އިޙުސާސްތަކާއި ޝުޢޫރުގެ ކޮންމެވެސް މިންވަރެއްގެ ޤާބިލިއްޔަތެއް ކޮމްޕިއުޓަރާއި ރޮބޮޓްތަކަށް ލިބުމުގެ މަގު ފަހިވަމުން އެބައާދެއެވެ.
މިއީ ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.