ނަޞޭޙަތާއި އިރުޝާދު
މަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމްކުރާ ވަރަށްވުރެ ބޮޑަށް ﷲ އެކަލާނގެ އަޅުންނަށް އޯގާވެވޮޑިގަންނަވައެވެ. – ޚުޠުބާ

މަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމްކުރާ ވަރަށްވުރެ ބޮޑަށް ﷲ އެކަލާނގެ އަޅުންނަށް އޯގާވެވޮޑިގަންނަވާކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ”ﷲ ގެ ރަޙުމަތްފުޅު އެކަލާނގެ އަޅުތަކުންނަށް މިދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ވަރަށް ބޮޑަށް ތަނަވަސް ވެގެންވެއެވެ. މަޔަކު އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމްކުރާވަރަށް ވުރެ މާބޮޑަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް އޯގާވެވޮޑިގަންނަވައެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކުގެ ގިނަކަމާމެދު ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާލައި، މާޔޫސްވާން ނުޖެހޭ ކަމަށެވެ. އެހެނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިޚްލާޞްތެރިކަމާ އެކު ތައުބާވެ، ހެޔޮޢަމަލުތައް ކުރުމުން ﷲ އަޅުގަނޑުމެންގެ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވާނެކަން ވަނީ އަންގަވާފައެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކުރުމަކީ ނުބައި ޢަމަލުތައް
ފުހެވިގެން ދާނޭ ކަމެކެވެ. ސޫރަތު ހޫދުގެ 114 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ މާނައީ: ”ހަމަކަށަވަރުން، ހެޔޮކަންތައްތައް، ނުބައިކަންތައް ނެތިކޮށްލައެވެ.“

ޚުޠުބާގައިވަނީ ﷲ ގެ ރަޙުމަތްފުޅަކީ ޢާއްމުވެގެންވާ ރަޙުމަތްފުޅެއް ކަމުގައެވެ. އެގޮތުން އެކަލާނގެ ރަޙުމަތްފުޅު ނުވާނަމަ މިދުނިޔެ މަތީގައި އަޅުގަނޑުމެންނަށް ނޭވާ ވެސް ނުލެވޭނެއެވެ. އަދި ބޯނެ ފެން ފޮދެއް ވެސް ލިބެނީހެވެ. ބައްޔަކުން ޝިފާއެއްވެސް ނުލިބުނީހެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! އަޅުތަކުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވާ މިންވަރު ނިކަން ބައްލަވާށެވެ! މީހަކު ނުބައި ޢަމަލެއް ކޮށްފިނަމަ އެމީހަކަށް ނުބައި ޖަޒާ ދެއްވަނީ އެމީހަކު އެކުރި ޢަމަލަކާ އެއްވަރަށެވެ. އެއަށްވުރެ އިތުރަކަށް ޢަޛާބެއް ނުދެއްވައެވެ. ނަމަވެސް މީހަކު ހެޔޮޢަމަލެއް ކޮށްފިނަމަ އެ ޢަމަލެއްގެ ހެޔޮޖަޒާ ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ (ސޫރަތުލް އަންޢާން : 160) މާނައީ: “ ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބުހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.“

”ރަޙުމްކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކުގެ ތެރެއިން މަތިވެރި ސިފަފުޅަކަށް ވީފަދައިން ރަޙުމްކުރުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އޯގާތެރިކަމާއި، ދީލަތިކަމުގެ ތެރެއިންވާ ކަމެއް ވެސް މެއެވެ. އަދި އެއީ އިންސާނީ ހަމްދަރުދީގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އޭގެ ސަބަބުން ހެޔޮޢަމަލުތައް ކުރުމަށް އިންސާނާއަށް މަގުފަހިވެއެވެ. ހެޔޮޢަމަލުތައް ކުރުމުގެ ބާރަކަށް އެކަން ވެއެވެ. އަދި
މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ހެޔޮކޮށް ހިތައި ރަނގަޅަށް ކަންތައް ކުރެވޭކަމުގެ އިޙްސާސް ކުރެވެއެވެ. އަދި އޭގެ ސަބަބުން ހިތްތަކުގައި މަޑުމައިތިރިކަމާއި، ލޯތްބާއި، ކުލުނާއި، އޯގާތެރިކަން އެއުރެންގެ ހިތްތަކުގައި ބިންވަޅުނެގެއެވެ.“ ޚުޠުބާގައިވެއެވެ.

0