ދިރާސާ
ޤުރުއާން ގެ ބަގީޗާ : سورة ص

ޞާދު ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫ

ޙައްޤަށް ރުޖޫޢަވުން

ޞާދު ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް

މި ސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން 8 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ ކާފަރުންގެ ކިބުރުވެރިކަމުގެ ވާހަކައާއި ބާޠިލުގޮތުގައި އެމީހުންކުރާ ޖަދަލުތަކުގެ ވާހަކައެވެ.

މި ސުރަތުގެ 12 ވަނަ އާޔަތުން 15 ވަނަ އާޔަތަށް އައިސްފައިވަނީ ކިބުރުވެރިންނާއި އިލާހީ ރިސާލަތު ދޮގުކުރާމީހުންގެ ނިމުން އަންނާނެގޮތުގެ ވާހަކައެވެ.

ކާފަރުންގެ ގޮތްދޫނުކުރުމުގެ ބޮޑުކަމުގެ ވާހަކައާއި އެބައިމީހުން ﷲ ގެ އަޒާބަށް ބިރުވެތިވުން ކުޑަކަމުގެ ވާހަކައެވެ.

މި ސޫރަތުގެ 17 ވަނަ އާޔަތުން 25 ވަނަ އާޔަތަށް އައިސްފައިވަނީ ދާވޫދު عليه السلام ގެ ވާހަކައެވެ.

މި ސޫރަތުގެ 30 ވަނަ އާޔަތުން 35 ވަނަ އާޔަތަށް އައިސްފައިވަނީ ސުލައިމާން عليه السلام ގެ ވާހަކައެވެ.

މި ސޫރަތުގެ 41 ވަނަ އާޔަތުން 44 ވަނަ އާޔަތަށް އައިސްފައިވަނީ އައްޔޫބު عليه السلام ގެ ވާހަކައެވެ.

މި ސޫރަތުގެ 49 ވަނަ އާޔަތުން 54 ވަނަ އާޔަތަށް އައިސްފައިވަނީ މުއުމިނުންނަށް ދެއްވާނޭ ހެޔޮޖަޒާގެ ވާހަކަ ބަޔާންކުރައްވާފައެވެ.

މި ސޫރަތުގެ 55 ވަނަ އާޔަތުން 58 ވަނަ އާޔަތަށް އައިސްފައިވަނީ ކާފަރުންނަށް ދެއްވާނޭ ވޭންދެނިވި ޖަޒާގެ ވާހަކަ ބަޔާންކުރައްވާފައެވެ.

މި ސޫރަތުގެ 59 ވަނަ އާޔަތުން 64 ވަނަ އާޔަތަށް އައިސްފައިވަނީ ނަރަކައިގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކާ ކުރާނެ ޒުވާބުތަކުގެ ވާހަކައެވެ.

މި ސޫރަތުގެ 71 ވަނަ އާޔަތުން 85 ވަނަ އާޔަތަށް އައިސްފައިވަނީ ޙައްޤަށް ތަބަޢަނުވެ، ބާޠިލުގެމަތީގައި ދެމިތިބި މީސްތަކުން ނިމިގެންދިޔަ ގޮތުގެ ވާހަކައެވެ.

 

ޞާދު ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

  • ދާވޫދުގެފާނު އަޅުކަންކުރައްވަން އިންނަވާ ފާރުމަތިން އެރި ދެ ޚަޞްމުންގެ ދެމެދުގައި ދެކޮޅުވެރިކަން އުފެދިފައިވީނަމަވެސް، އެއް ބަކަރީގެ ވެރިޔާ 99 ބަކަރީގެ ވެރިޔާއަށް މުޚާތަބުކޮށްފައިވަނީ ”މިއީ އަޅުގަނޑުގެ އަޚެކެވެ.“މިހެންނެވެ. މިކަމުން އެނގެނީ ދެމީހެއްގެ ނުވަތަ ދެބައެއްގެ ދެމެދުގައި ޚިޔާލުތަފާތުވުންތައް ނުވަތަ މައްސަލަތައް އުފެދުނު ކަމުގައިވިޔަސް އުޚުއްވަތްތެރިކަމުގެ ގުޅުން އޮންނަން ޖެހޭ ކަމެވެ.
  • ޣައިބުގައިވާ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހަށް ދުޢާކުރުމުގެ ކުރިން ފާފަތަކުން ދުރުވެ، (އެކަލާނގެ އޯގާވަންތަކަމާއި މަދަދުވެރިކަމަށް އުއްމީދުކުރާ ޙާލު) ހިތް ހުޅުވާލުމަށްފަހު، ދުޢާކުރާށެވެ. މި ސޫރަތުގެ 35 ވަނަ އާޔަތުގައި އައިސްފައިވާ ޙާދިސާގައި ސުލައިމާންގެފާނު ދުޢާކުރައްވައިފައިވަނީ އިސްވެ ދެންނެވި ފަދައިންނެވެ.
  • ފިނި ފެނަކީ ވަރަށް ގިނަ ބަލިތަކެއްގެ ޝިފާއެއްކަން ފަހުގެ ސައިންޓިފިކް ހޯދުންތަކުންވެސް ސާބިތުވެފައިވެއެވެ. އައްޔޫބުގެފާނުގެ އާލާސްކަންފުޅު ފަސޭހަކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެކަލޭގެފާނުގެ ފައިންޕުޅުން ބިމުގައި ޖެއްސެވުން ނިކުމެގެން ދިޔައީ ފިނިފެނުގެ ފެންއާރެކެވެ.
  • މި ސޫރަތުގެ 46ވަނަ އާޔަތުން އެނގޭފަދައިން އާޚިރަތްދުވަސް ހަނދުމަކުރުމަކީ މުއުމިނުން އެންމެ އިސްކަންދޭ ކަމެވެ.
  • ކޮންމެ މީހަކަށްވެސް މި ދުނިޔެމަތީގައި އެކިވަރުވަރުގެ މުޞީބާތްތައް ޖެހޭނެއެވެ. އުޚުރަވީ ޙަޔާތުގައި ތަޤްވާވެރިން ތިބޭ ހުށީ އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއްނެތި ދާންތަކުގައި ލެގިލައިގެންނެވެ.

داود عليه السّلام އަށް ރަސްކަންލިބިވަޑައިގަތުމުންވެސް އެކަލޭގެފާނު އުޅުއްވީ ނުހަނު ސާދާ ދިރިއުޅުއްވުމެކެވެ. މި ޒަމާނުގައި އަޅުގަނޑުމެންނަށް މިފެންނަ ރަސްރަސްކަލުންގެ އަރާމާއި ފަސޭހަ ދިރިއުޅުއްވުމެއް ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވާނަމަ ދުނިޔޭގެ ހުރިހާ އުފަލެއް އެކަލޭގެފާނަށް ލިބިވަޑައިގެނެވީހެވެ. ނަމަވެސް އެކަލޭގެފާނު ފަރީއްކުޅުއްވަމުން ގެންދެވީ އަމިއްލަ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އާމްދަނީއިންނެވެ.

داود عليه السّلام ތަސްބީޙަ ވިދާޅުވާއިރު ފަރުބަދަތަކާއި ދޫނި ސޫފާސޫފިވެސް އެކަލޭގެފާނާ ބައިވެރިވެއެވެ. އެތަކެތި އެކަލޭގެފާނާއެކު ޒަބޫރު ކިޔަވައި މާތް ﷲ އަށް ތަސްބީޙަ ކިޔައެވެ.

ދުވާލުވެއްޖެނަމަ އެކަލޭގެފާނު މީސްތަކުންނަށް ވައުޡާއި ނަޞޭހަތްދެއްވައެވެ. އެކަލޭގެފާނުގެ ރަސްކަމުގެ ދަރުބާރަށް ހުށައެޅޭ މައްސަލަތައް ފައިޞަލާކުރައްވައެވެ. ގިނައިން ހުންނަވަނީ ރޯދަފުޅަށެވެ. ރޭގަނޑުވެއްޖެނަމަ ގިނަ ވަޤުތު ހޭދަކުރައްވަނީ މާތް ﷲ އަށް އަޅުކަން ކުރެއްވުމުގައެވެ. އެކަލާނގެ ރަސްކަންފުޅު ހަނދުމަ ކުރެއްވުމުގައެވެ. މާތް اللّـه سبحانه وتعالى، داود عليه السّلام އަށް ބިމުގެ ޚަލިފާކަންދެއްވައި ވަޙީ ކުރައްވާފައިވެއެވެ.

يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّـهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ ﴿٢٦﴾ { سورة ص}

އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ.

އެހެންކަމުން داود عليه السّلام މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމުގައި ވަރަށް ބޮޑަށް ސަމާލުކަންދެއްވައެވެ. އަބަދުވެސް އިހާލީ ޝަރީއަތުގެ މައްޗަށް ޙުކުމްކުރައްވަމުން ގެންދެވިއެވެ. އެއް ފަހަރަކު ހިނގި ހާދިސާއެއްގެ ވާހަކަ ޞާދު ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މި ސޫރަތުގެ 21 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވާފައިވެއެވެ.

وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ ﴿٢١﴾ إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ ۖ قَالُوا لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ ﴿٢٢﴾ إِنَّ هَـٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ ﴿٢٣﴾ قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ ۖ وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ ۩ ﴿٢٤﴾ فَغَفَرْنَا لَهُ ذَٰلِكَ ۖ وَإِنَّ لَهُ عِندَنَا لَزُلْفَىٰ وَحُسْنَ مَآبٍ ﴿٢٥﴾

(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ! ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.

ދުޢާ އިޖާބަވުން މަނާވާ ފާފައެއް އޮވެދާނެކަމަށްޓަކައި، ދުޢާގެ ކުރިޔަށް އިސްތިޣްފާރުކޮށް ފާފަ ފުއްސެވުމަށް އެދި ދެންނެވުން އެދެވިގެންވެއެވެ.

ސުލައިމާން ޢަލައިހިއްސަލާމް މިފަދައިން ދުޢާ ކުރެއްވިއެވެ. (( رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لا يَنْبَغِي لأحَدٍ مِنْ بَعْدِي)) سورة ص ٣٥

”އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!“

 

0