ހަރުކަށި ފިކުރުގެ މީހުންގެ ޝިކާރައަކަށްވެދާނެތީ ދަރިން މިސްކިތަށާއި މަދަރުސާތަކަށް ނުފޮނުވުމަކީ އެއްވެސް ހައްލެއް ނޫނެވެ. ދަރިފުޅު ގެއިން ނުނެރި އަބަދު ކޮޓަރީގައި ބޭއްވިޔަސް، ޓެކްނޮލޮޖީގެ މި ޒަމާނުގައި އެމީހުންގެ ވަސްވާހާއި ޕްރޮޕެގެންޑާގައި ޖެހުމަކީ ހަމަ ވެދާނެކަމެކެވެ.
ހައްލު ލިބެން އޮތީ މިސްކިތާއި މަދަރުސާއަށް ގޮސް، ޙައްޤު ދީން ރަނގަޅަށް ދަސްކޮށްގެންނެވެ. ޙައްޤު އިނގުނީމާ ދެން ކިތަންމެ ވަރަކަށް ބަޔަކު ވަސްވާސް ލައިދިނަސް ދަރިފުޅަށް ދީން އޮޅުވައެއް ނުލުވޭނެއެވެ. ދީނީ ދަރުސްތައްވީ ގިނަކުރާށެވެ.
ސެކިޔުލަރިސްޓުން”ނާއި” ޖިހާދިސްޓުން” ނަކީ އެއް ފޮއްޗެއްގެ ދެފުށެވެ “. ދެބައިމީހުންގެ ގާތުގައިވެސް އިސްލާމްދީނަކީ ހަރުކަށި ދީނެކެވެ. ދެބައިމީހުންވެސް ހެދި ބޮޑުވަމުން އަންނަނީ ނަފްރަތާއި ރުޅިވެރިކަމުން އަންދާ ދުން ބޮއެގެންނެވެ. ދެބައިމީހުންވެސް ދީން އުނގެނެނީ އިންޓަރނެޓުން ނަގާ މަޖުހޫލުން ލިޔެފައި ހުންނަ ޕީޑީއެފް ފަތުވާތަކާއި ފޮތްތަކުންނެވެ. ދެބައިމީހުންވެސް ޤުރުއާނާއި ސުންނަތް މާނަކުރަނީ އަމިއްލަ ބުއްދިއާއި ހަވާނަފްސަށް ފެންނަ ގޮތަށެވެ. ދެބައިމީހުންވެސް ބޭނުންވަނީޝެއިޚުންގެ ތަޤުރީރު ތަކާއި، މިސްކިތު ދަރުސްތަކާއި ދީނީ ޕްރޮގުރާމްތައް މަނާކުރާށެވެ. ދީނުގެ ޙަޤީޤީ ޢިލްމު ފެތުރުމަކީ ދެބައިމީހުންނަށްވެސް އޮތް އެންމެ ބޮޑު ނުރައްކަލެވެ.