ބިމުގައި އިންސާނުން ދިރިއުޅެން ފެށީއްސުރެ ދުނިޔޭގެ އުފެދުމާ މެދު އިންސާނާ ވިސްނާ ފިކުރު ކުރަމުން އައިސްފައި ވެއެވެ. އެއްޒަމާނެއްގައި މީހުންނަށް ހީވެފައި އޮތީ ދުނިޔެއަކީ ފެންމަތީގައި އުފުލިފައިވާ ބޮތްކެއް ފަދަ އެއްޗެއްކަމަށެވެ. އުޑަކީ އޭގެ މަތީގައި ލެވިފައިވާ ފުރާޅެއްފަދަ އެއްޗެއް ކަމަށެވެ. އަދި އެފުރާޅުގެ ފަހަތުގައި ވަނީ އަލިފާން ކަމަށާއި ތަރިތަކުން އައްޔަކީ މިފުރާޅުގައިވާ ލޯވަޅުތަކުން ފޭދިގެން އަންނަ އައްޔެއްކަމަށެވެ. އާދެ! އެއްޒަމާނެއްގައި މީހުންނަށް މިހެން ހީކުރެވިފައި ވީނަމަވެސް ދުނިޔޭގައި އެންމެ ފުރަތަމަ އުޅުނު އިންސާނާއަށް ވަނީ މިކަމުގެ ވަރަށް ގިނަ ޙަޤީޤަތް އެނގިފައެވެ. އެއީ މިތަކެތި ހެއްދެވި ކުޅަދުންވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ލިބިފައިވާ ޢިލްމުންނެވެ. އާދެ! ވަޙީގެ ޛަރީޢާ އިންނެވެ. އެހެނީ ދުނިޔޭގައި އެންމެ ފުރަތަމަ އުޅުނު އިންސާނަކީ އާދަމް ޢަލައިހިއްސަލާމް އެވެ. އެކަލޭގެފާނަށް ދުނިޔޭގައިވާ ހުރިހާ އެއްޗެއްގެ ނަންތައްވެސް މާތް ﷲ ވަނީ ދަސްކޮށް ދެއްވާފައެވެ.
وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا (سورة البقرة : 31)
މާނައީ: “އަދި އެކަލާނގެ އާދަމުގެފާނަށް ހުރިހާ އެއްޗެއްގެ ނަން ދަސްކޮށްދެއްވިއެވެ.” ނަމަވެސް އާދަމުގެފާނަށް ފަހު ވަޙީ މެދުކެނޑިފައިވީ ދުވަސްވަރު މި ޢިލްމުގެ ވަރަށް ބޮޑުބައި ވަނީ ވަޅުޖެހި ގޮސްފައި ކަމުގައި ވެއެވެ. އަދި މިދުވަސްވަރު ވަނީ މިޢިލްމުގެ ތެރެއަށް ޙަޤީޤަތެއް ނުވާ އެތައް ވާހަކަތަކެއް ވަދެފައެވެ.
އޭގެ އެތައް ހާސް އަހަރުތަކެއް ފަހުން ބިމަކީ އިރުގެ ވަށައިގެން ދައުރުކުރާ އެއްޗެއްކަން އިންސާނާއަށް ވަނީ އެނގިފައެވެ. ހަމަ އެފަދައިން އިރުގެ ވަށައިގެން ދައުރު ކުރާ އެހެން އެތައް ތަރިތަކެއް ވާކަން ވެސް ވަނީ އެނގިފައެވެ.
އަދި ކީއްތޯއެވެ؟ އަހަރެމެންނަށް މިފެންނަ އިރުފަދަ އެހެން އިރުތަކަކާއި އެތަކެއް ސޯލަރ ސިސްޓަމްތަކެއް ވުޖޫދުގައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައިވެސް ވަނީ ޤަބޫލު ކުރެވެން ފަށާފައެވެ. އެހެންކަމުން އިންސާނާ ވަނީ މިކައުނުގެ އުފެދުމާ މެދު ޙައިރާންވެ ސުވާލު އުފެދިފައެވެ.
ނަމަވެސް ވަޙީގެ ޛަރީޢާއިން އަހަރެމެންނަށް ވަނީ ކައުނުގެ އުފެދުމާ ބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތު ލިބި، އޭގެ އަލީގައި މިކަމުގެ ތަފްޞީލު ހޯދުމަށް މަގުފަހިވެފައެވެ.
އުޑާއި ބިމުގެ އުފެދުމާ މެދު ވިސްނާ ފިކުރު ކުރުމަށް ޤުރްއާނުގެ އެތައް އާޔަތެއްގައި ގޮވާލައްވާފައިވެއެވެ. ނެތުމުގެ ތެރޭން މިތަކެތި ވުޖޫދަށް ގެންނެވިގޮތާމެދު ވިސްނާ ފިކުރު ކުރުމަށް ގޮވާލައްވާފައިވެއެވެ.
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ (سورة آل عمران : 190)
މާނައީ: “އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ބަދަލުވުމުގައި ބުއްދިވެރިންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއް ވާކަން ކަށަވަރެވެ.”
قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ (سورة العنكبوت : 20)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބިމުގައި ދަތުރުކޮށް އެކަލާނގެ ޚަލްޤުތައް އީޖާދު ކުރެއްވި ގޮތާމެދު ވިސްނާ ފިކުރު ކުރާށެވެ!”
ދުނިޔޭގެ އުފެދުމާއި ބެހޭގޮތުން އިންސާނާ ހޯދާފައިވާ ހޯދުންތަކަކީ އެތައް ހާސް އަހަރުތަކެއް ވަންދެން ވިސްނާ ފިކުރު ކޮށް ހޯދާފައިވާ ހޯދުންތަކެއްގެ ނަތީޖާއެވެ. އަދި އެކަމަށްޓަކައި އީޖާދުކޮށްފައިވާ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ހޯދާފައިވާ ހޯދުންތަކެއްވެސް މެއެވެ.
ގާތްގަނޑަކަށް 1930 ވަނަ އަހަރާ ޖެހެންދެން ފަލަކީ ޢިލްމުވެރިން (astronomer) ދެކެމުން އައިސްފައިވަނީ ކައުނަކީ އެތައްހާސް އަދި ކިއެއްތަ އެތައް މިލިޔަން ތަރިތަކެއްގެ މައްޗަށް އެކުލެވިގެންވާ މަޑިކިލަނބު (milky way) ތަކަކުން އުފެދިފައިވާ އެއްޗެއް ކަމަށެވެ. މި މަޑިކިލަނބު (milky way) ތަކަކީ އެއްވެސް ޙަރަކާތެއް ނުވާ އެއްޗެތިތަކެއް ކަމަށެވެ. އަދި މި މަޑިކިލަނބު (milky way) ތަކުގެ އުފެދުމާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭރަކު ހޯދިފައެއް ނުވެއެވެ. އަދި ކުރީގެ މީސްތަކުން ޤަބޫލު ކޮށްފައިވަނީ ކައުނަކީ ޤަދީމީ އަޒަލީ (ފެށުމެއްނުވާ) އެއްޗެއް ކަމަށެވެ.
ނަމަވެސް އޭގެފަހުގެ ފަލަކީ ޢިލްމުވެރިން ހޯދި ހޯދުންތަކުން ކައުނު އުފެދުނު ގޮތާއި ވަގުތާ މެދު ސުވާލުތަކެއް އުފެދުނެވެ. މިފަދަ އެތައް ސުވާލުތަކަކާ ހުރެ އެބައިމީހުން ނިންމީ ހުރިހާ ތަރިތަކަކީވެސް ކައުނު އުފެދުނު އިރު އެކަތިގަޑެއްގެ ސިފައިގައި އެތައް މިލިޔަން ޑިގްރީގެ ހޫނުކަމުގެ ތެރޭގައި އަނދާ އަނދާ ހުރި އަނދަވަޅެއް ފަދަ އެއްޗެއް ކަމަށެވެ. އަދި ކައުނު އުފެދުމުގެ ފުރަތަމަ ސިކުންތުގައި ކައުނުގެ ހޫނުމިން ހުރިކަމަށް ލަފާ ކުރެވިފައިވަނީ ޓްރީލިއަން ޑިގްރީގައެވެ. އޭގެ ފަހުން މި ކައުނު ފުޅާވަމުން ދިޔަ ދިޔަހެން ކައުނުގެ ހޫނުމިންވެސް ދިޔައީ މަޑުވަމުން ކަމަށެވެ. އަދި ހަމަ އެހިނދުކޮޅުގެ ތެރޭގައި ދުނިޔޭގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ މާއްދާތަކެއްގެ މިންވަރުވެސް ވަނީ ކަނޑައެޅިފައެވެ. މި ހުރިހާ ކަމެއް ހިގައިގޮސްފައިވަނީ ޢަޖާއިބުވާ ފަދަ ހަލުވި ކަމެއްގެތެރޭގައި ޢަޖާއިބުވާ ފަދަ ފުރިހަމައަށެވެ.
މީގެ މާނައަކީ އެބައިމީހުން ނިންމާފައިވަނީ އޭގެ ކުރީގައި އުޅުނު މީހުން ޤަބޫލު ކޮށްފައިވާ ގޮތާ ޚިލާފަށް، ކައުނު އުފެދިފައިވަނީ ވަގުތެއްގައި އަދި ތަނެއްގައި ކަމަށެވެ. އަދި އަހުރެމެންގެ ލޮލަށް މިފެންނަ ތަނަވަސްވެގެންވާ ފަޟާގައި މިވާ ތަރިތައް އެއް ޒަމާނެއްގައި ވީ އެކަތި އަނެކައްޗާ ގުޅިފައި ކަމަށެވެ. މި ހުރިހާ ތަރިތަކަކީ ބޮޑު ގޮވުމެއްގެ ސަބަބުން ބުރަބުރައިގެން ދިޔަ އެތިއެތި ކޮޅުހެން އެއް ޕޮއިންޓަކުން ވަކިވެ ގޮސްފައިވާ ތަރިތަކެއް ކަމުގައެވެ.
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖوَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ (سورة الأنبياء : 30)
މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ ތިމަން ރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން ކާފިރުވި މީހުން ނުދަންނަނީހެއްޔެވެ؟ އަދި ތިމަން ރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟”
إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ. وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ (سورة القمر : 49-50)
މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗަކާއި ކޮންމެ ކަމެއް ތިމަން ރަސްކަލާނގެ ހައްދަވާފައިވަނީ ތިމަން ރަސްކަލާނގެ ޢިލްމުގައި ކަނޑައަޅުއްވާފައިވާ މިންވަރަކަށެވެ. ތިމަން ރަސްކަލާނގެ އުފެއްދެވުމަށް އިރާދަކުރައްވައިފީ ހިނދަކު އެ އެއްޗެއް އުފެދުންވަނީ ލޮލުގެ ކަޅި ހިންގާލާހާ އަވަހަށެވެ.”
އިސްލާމީ ނަޡަރުން ބަލާއިރު ކައުނުގެ އުފެދުން:
އިސްލާމް ދީނުގައި ކައުނު އުފެދުމަކީ އެދީނުގެ ޢަޤީދާއާ ގުޅިފައިވާ ކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެކިއެކި ނަޡަރިއްޔާތުކަކަށް ބޯލަނބާ އެއްޗެއްނޫނެވެ. ދުނިޔޭގެ އުފެދުމާ ބެހޭގޮތުން ޤުރްއާނުގައި އައިސްފައިވާ އާޔަތްތަކަށް ވިސްނާލުމުން އެނގޭ ޙަޤީޤަތަކީ މި ޢަޤީދާ ބިނާވެގެން ވަނީ އަސާސީ ތިން ޕޮއިންޓެއްގެ މައްޗަށް ކަމެވެ.
- ކައުނުގައި ވާހާ އެއްޗެއް އުފެދިފައިވަނީ ނެތުމުގެ ތެރެއިންނެވެ. އަދި ކައުނު އުފެދުމުގެ ކުރީގައި އެއްވެސް ވަޤުތެއް ޒަމާނެއް ނުވެއެވެ. ވަޤުތާއި ޒަމާން ވުޖޫދަށް އައިސްފައިވަނީ ކައުނު ވުޖޫދަށް އައުމާއި ވިދިގެންނެވެ. އެބަހީ ކައުނާއި ކައުނުގައި ވާހާ އެއްޗަކީ މާތް ﷲ ގެ އިރާދަފުޅާ ލައިގެން އެކަލާނގެ ޤުދްރަތްތެރިކަމުން އުފައްދާފައިވާ ތަކެއްޗެވެ. އެއްވެސް ޙާލެއްގައި ކައުނަކީ ޤަދީމީ (ފެށުމެއްނުވާ) އެއްޗެއް ނޫނެވެ. އަދި ކައުނަކީ އޭގެ ކުރީގައިވާ އެއްޗަކުން އުފެދުނު އެއްޗެއް ވެސް ނޫނެވެ. އެހެނީ ކައުނުވިޔަސް އަދި އެހެން އެއްޗެއް ވިޔަސް ކަލާނގެ ފިޔަވައި ޤަދީމީ އެއްޗެއް ވާކަމުގައި ޤަބޫލު ކުރުމީ އިސްލާމީ ޢަޤީދާއާއި ޚިލާފު ކަމެކެވެ.
- ދުނިޔެ ނުވަތަ ކައުނު Universe ގެ ބޮޑުކަމާއި ތަނަވަސްކަން: އައްޒާރިޔާތު ސޫރަތުގެ 47 ވަނަ އާޔަތުން އެނގޭ ގޮތުގައި މާތްﷲ އުޑު އުފައްދަވައި އެއުޑު ތަނަވަސް ކުރެއްވި އެވެ.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ މާނައީ: “ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.” - ކައުނަކީ ފަނާވެ ނެތިދާނޭ އެއްޗެއްކަން: ޢާދެ! އިސްލާމީ ނަޒަރުން ބަލާއިރު ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކީ ނިމިގެން ދާނޭ ތަކެއްޗެކެވެ. ހަމަ އެފަދައިން އުޑުތަކާއި އިރާއި ހަނދު އަދި ތަރިތަކަކީ ވެސް ނެތިދާނޭ ތަކެއްޗެވެ. މާތްﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަލާނގެ މެނުވީ (ޙައްޤު ގޮތުގައި އަޅުކަން ވެވޭ) އިލާހަކު ނުވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޖްހުފުޅު ފިޔަވައި ކޮންމެ އެއްޗަކީ ހަލާކުވެ ނެތިދާނޭ އެއްޗެކެވެ.” (އަލް ޤަޞަޞް:88)
މީގެ ތެރެއިން ފުރަތަމަ ދެ ޕޮއިންޓް މިޒަމާނުގެ ފަލަކީ ޢިލްމާ މުޅިން ދިމާވެއެވެ. ނަމަވެސް ފަހު ދެ ޕޮއިންޓާމެދު ކޮންމެވެސް ވަރަކަށް ތަފާތު އެބަހުއްޓެވެ. ނަމަވެސް އިސްލާމް ދީން ޤަބޫލް ކުރާ ގޮތުގައި ކޮންމެވެސް އެއްދުވަހަކު މިނަޒަރިއްޔާ ވެސް އިސްލާމީ ނަޒަރިއްޔާއާއި އެއްގޮތްވާނެއެވެ.
ކައުނު އުފެއްދެވުމުގެ ހިކުމަތް:
ﷲ ސުބްޙާނަހޫ ވަތަޢާލާ ވުޖޫދުގައި ވާހާ އެއްޗެއް އުފައްދަވައި އެތަކެތި އިންސާނާއަށް ކިޔަމަންތެރި ކުރުވައިފައިވެއެވެ. އަދި އެތަކެއްޗާމެދު ވިސްނާ ފިކުރުކޮށް އުޅުމަށްވެސް ގޮވާލައްވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا (سورة البقرة : 29)
މާނައީ: “އެކަލާނގެއީ ބިމުގައިވާހާ އެއްޗެއް ތިޔަބައި މީހުންނަށްޓަކައި އުފެއްދެވި ރަސްކަލާނގެއެވެ.”
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ (سورة الملك : 15)
މާނައީ: “އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިމަކީ ފަސޭހަ ތަނެއް ކަމުގައި ލެއްވި ރަސްކަލާނގެއެވެ. ފަހެ އެބިމުގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގާ ދަތުރު ކުރާށެވެ. އަދި އެކަލާނގެ ދެއްވި ރިޒުޤުން ކައި ހަދާށެވެ. އެނބުރި ރުޖޫޢަވުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.”
ޝައްކެއް ނެތް ގޮތުގައި މިހުރިހާ ތަކެތި އުފެއްދެވުމުގެ ޙިކުމަތަކީ އެތަކެއްޗާމެދު ވިސްނާ ފިކުރުކޮށް އެތަކެތި އުފެއްދެވި ފަރާތަކީ ހަމަ އެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާކަން މަޢުރިފާކޮށް ދެނެގަތުމެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއާ އެއްވެސް ފަރާތަކާ ޝަރީކު ނުކުޅައުމެވެ. އާދެ! މިއީ އިންސާނުންވެސް އުފެއްދެވި ޙިކްމަތެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ (سورة الذاريات : 56)
މާނައީ: “ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ ތިމަންރަސްކަލާނގެ އިންސާނުންނާއި ޖިންނީން
ނުއުފައްދަވަމުއެވެ.”
މިއީ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ލިޔުއްވާފައިވާ ލިޔުމެކެވެ.