ނަޞޭޙަތާއި އިރުޝާދު
ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ. – ޚުޠުބާ

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވަނީ “ ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެކެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ.“ ޢަބްދުﷲ ބުނު ޢަމްރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި މީހަކު ސުވާލެއް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ.“

ހަމައެފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވެވި ހިޖުރައިން އަޅުގަނޑުމެނަށް ލިބޭ ޢިބުރަތްތަކުގެ މައްޗަށް ޚުޠުބާގައި ވަނީ އަލިއަޅުވާލައިފައެވެ. އެގޮތުން ދީނަށްޓަކައި ޤުރްބާން ވުމުގެ މަތިވެރި ކަމެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެ ވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމްދީނުގެ ދިފާޢުގައި ޤުރްބާން ކުރައްވާފައެވެ.

ޚުޠުބާގައި ފާހަގަ ކުރައްވާފައިވާ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސާފައި ވުމެވެ. މިގޮތުން ޚުޠުބާގައި ފާހަގަ ކޮށްފައިވަނީ ހިޖުރައިގެ ހަތަރު މަސް ކުރިން އަބޫބަކުރުގެފާނު ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވިކަމާއި، ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވިކަމާއި، މައްކާ އިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮޅައިގައި އެބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރެއްވުމަށް ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެ ފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަ ﷲ ޢަންހާ އެވެ. އަދި އޭރު މައްކާގައި ކަންހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު ﷲއެވެ.

މީގެ އިތުރުން ހިޖުރައިން ލިބޭ ފިލާވަޅެއްގެ ގޮތުގައި ޚުޠުބާގައި ވަނީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ޘާބިތު ކަމާއެކު ތިބޭނެކަމުގެ ފިލާވަޅެވެ.

އެހެންކަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިޖުރައިން ފިލާވަޅުތައް ލިބިގަނެ، އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރާ ބަޔަކަށް ވަމާތޯއެވެ؟

0