ޢަބްދުއްރަޙްމާން ބިން ޢައުފް
ހަތަރު ޚަލީފާއިންނަށް ފަހު، ފަސް ވަނަ އަށް އެންމެ މާތް ޞަޙާބީ ބޭކަލަކީ ޢަބްދުއްރަޙްމާން ބިން ޢައުފެވެ.
ނަބިއްޔާ صلّى اللّه عليه وسلّم، عبدالرّحمن بن عوف رضى اللّه عنهއާއި އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ سعد بن الرّبيع رضى اللّه عنهއާ ދެބޭކަލުން އަޚުކޮށްދެއްވިއެވެ. سعد بن الرّبيع އެކަލޭގެފާނުގެ އިސްލާމީ އަޚާ ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. ގެއަށް ވަޑައިގެން ދީލަތިފުޅުކަމުގެ ވަރަށް އާދަޔާ ޚިލާފު ދެ ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. سعد ވިދާޅުވިއެވެ. އޭ އަޚާއެވެ! އަޅުގަނޑަކީ އަންޞާރުންގެ ތެރެއިން މުއްސަނދި މީހަކީމެވެ. އަޅުގަނޑުގެ މުދާ ހަމަޔަށް ދެބައިކޮށްލާނަމެވެ. ކަލޭގެފާނު އޭގެ ތެރެއިން ބޭނުންފުޅު ބައެއް ނަންގަވާށެވެ. އަޅުގަނޑުގެ ދެއަނބީންވެސް ތިބެއެވެ. ކަލޭގެފާނު އެދެމީހުން ދެކެވަޑައިގަންނަވާށެވެ. އޭގެ ތެރެއިން ކަލޭގެފާނު ޤަބޫލުފުޅު މީހަކު އަޅުގަނޑު ވަރިކޮށްދޭނަމެވެ. އެމީހެއްގެ ޢިއްދަ ހަމަވުމުން ކަލޭގެފާނު ކާވެނިބައްލަވާށެވެ! عبدالرّحمن އެމާތް އިންސާނާގެ އަގުބޮޑު ދެ ހުށަހެޅުއްވުމުގެ އަޑު އިވިވަޑައިގަތުމުން ޝުކުރު އަދާކުރެއްވިއެވެ. سعدގެފާނަށް އެކަލޭގެފާނުގެ މުދަލާއި އަނބިދަރީންގެ ފަރާތުން ބަރަކާތަށް އެދިވަޑައިގެން ދުޢާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. އަޅުގަނޑު ތިޔައިން އެއްވެސްކަމެއް ބޭނުމެއްނޫނެވެ. މިރަށުގައި ބާޒާރެއް އޮންނަކަމުގައިވާނަމަ އަޅުގަނޑަށް ބާޒާރަށް ދާނެ މަގު ދައްކަވާށެވެ. سعد، عبدالرّحمن ގޮވައިގެން ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވަޑައިގެން ބާޒާރު ދެއްކެވިއެވެ. ޢަބްދުއްރަޙްމާނު އެބާޒާރުން ގިތެލާއި ޕަނީރު ބައްލަވައިގެން ވިޔަފާރި ފެއްޓެވިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަދީނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.
ޢަބްދުއްރަޙްމާން ބިން ޢައުފު ގެ މިލްކިއްޔާތު
قاضى رشيد بن زبير އެކަލޭގެފާނުގެكتاب الذّخائروالتّحفގައި ލިޔުއްވައިފައިވާ ގޮތުގައި عبدالرّحمن بن عوف رضى اللّه عنهއެކަލޭގެފާނުގެ ތަރިކައިގެ ތެރެއިން އެކަލޭގެފާނު އަވަހާރަވީއިރު ދުނިޔޭގައި ހުންނެވި ކޮންމެ ބަދްރީ ޞަޙާބީއަކަށް ހަތަރުސަތޭކަ ދީނާރު އެރުވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް ބަދުރީ ޞަޙާބީންނަށް ސާޅީސްހާސް ދީނާރު އެރުވުމަށްފަހު އެކަލޭގެފާނުގެ ކޮންމެ ވާރިޘަކަށް އަށްޑިހަހާސް ދީނާރު ލިބިވަޑައިގެންނެވިއެވެ.
ލިބިވަޑައިގެންފައިވާ ޝަރަފުތައް
ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ލިބުނު 10 ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވައެވެ.
ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރެއްވިއެވެ. މާތް ނަބިއްޔާ މައުމޫމްވެ ނަމާދުކުރެއްވީ ދެ ބޭކަލެއްގެ ފަހަތްޕުޅުގައެވެ. އެއީ އަބޫބަކުރުގެފާނާއި ޢަބްދުއްރަޙްމާން ބިން އައުފެވެ.
އަދާކޮށްފައިވާ މަސްއޫލިއްޔަތުތައް
ޢުމަރުގެފާނު ގެ ޚިލާފަތުގައި ޢުމަރުގެފާނު އަމިއްލަފުޅަށް ރައްޔިތުންގެ ޙާލު ބެއްލެވުމަށް ނިކުމެވަޑައިގަންނަވާއިރު ގިނަ ފަހަރު ބައިވެރިއެއްގެ ގޮތުގައި ޚިޔާރުކުރައްވަނީ ޢަބްދުއްރަޙްމާން ބިން ޢައުފެވެ.
ޢަބްދުއްރަޙްމާން ބިން ޢައުފުގެ ޙަޔާތްޕުޅުން ލިބޭ ޢިބްރަތްތައް
عبدالرّحمن بن عوف رضى اللّه عنهއާއި އަޚްކުރެއްވުނީ سعد بن الرّبيع رضى اللّه عنهއާ އެވެ. އަޚްކުރެއްވެވުމާއެކު سعد بن الرّبيع رضى اللّه عنه އެކަލޭގެފާނުގެ މުދާ ދެބޭކަލުންގެ މެދުގައި ހަމަޔަށް ދެބައިކޮށްލުމަށް އުޅުއްވި ހިނދު عبدالرّحمن بن عوف رضى اللّه عنه ވިދާޅުވީ
“އަޅުގަނޑަށް ބާޒާރަށް ދާނޭ މަގުދައްކަވާށޭ” އެވެ. މިހެން ދެންނެވީ ކީއްވެގެންތޯއެވެ؟
އާދެ، އެއީ އިތުރުސާހިބާ صلّى اللّه عليه وسلّمމުސްލިމުންނަށް ދެއްވަމުން ގެންދެވި އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ އިރުޝާދުތަކުގެ ސަބަބުންނެވެ. މީހުންގެ މުށްފަތުން ދިރިއުޅުއްވަން ބޭނުންފުޅު ނުވާތީއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
(اليدُ العليا خيرٌ من اليد السفلى)
މަތީގައި އޮންނަ އަތް އަބަދުވެސް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ.
(އެބަހީ: ދޭ މީހާއަކީ އަބަދުވެސް ލިބިގަންނަ މީހާއަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ.)
متفق عليه
އަދިވެސް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((لأن يحتطب أحدكم حُزمة على ظهره، خير له من أن يسأل أحداً، فليعطيه أو يمنعهُ)) متفق عليه.
” ތިޔަބައިމީހުންގެ ތެރެއިން މީހަކު ދަރުކޮށައިގެން އެދަރުބޮނޑި އޭނާގެ ބުރަކަށިމަތީ އުފުލައިގެން އެއިން މަންފާހޯދުން މީހެއްގެ ކައިރިޔަށް ގޮސް ސަލާންޖެހުމަށްވުރެ ހެޔޮކަންބޮޑުވެގެން ވެއެވެ. އެމީހާ އޭނައަށް ދިނަސް ނުވަތަ ނުދިންކަމުގައި ވިޔަސްމެއެވެ.”
عبدالرّحمن بن عوف رضى اللّه عنهއަކީ މާތްاللّهގެ މަގުގައި ނުހަނު ހުޅުއްވާލެއްވިފައިވާ އަތްޕުޅަކުން ހޭދަކުރެއްވި މަހުޖަނެކެވެ. ﷲ ގެ މަގުގައި ހޭދަކުރެއްވުމުން އޭގެ ބަދަލު ދުނިޔެއާއި އާޚިރަތުގައިވެސް ލިބިވަޑައިގަންނަވާނެކަން އެކަލޭގެފާނު ހިތްޕުޅުގެ އަޑިން ޤަބޫލުކުރެއްވިއެވެ.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ” صحيح البخاري 5073 / صحيح المسلم
މާނަ: “އޭ އާދަމުގެ ދަރިޔާއެވެ. ތިބާ މުދަލުން ހޭދަކުރާށެވެ. އޭރުން ތިމަންއިލާހު ތިބާއަށް ހޭދަކުރައްވާހުށީމެވެ.”
ޢަބްދުއްރަޙްމާން ބިން ޢައުފު ތަނަވަސްކަމުގައި އުރެދުމުން ދުރުވެވަޑައިގަތެވެ. އެކަލޭގެފާނަށް މާތް ﷲ ދެއްވި ތަނަވަސްކަމަށް ފުރިހަމަ ގޮތުގައި ޝުކުރުވެރިވުމުގެ ނަތީޖާއަކީ ދުވަހެއް ދުވަހަކަށް އެކަލޭގެފާނު ތަނަވަސްކަން އިތުރުވަމުން ދިޔުމެވެ. މާތް ﷲ އެމީހަކަށް ތަނަވަސްކަން ދެއްވި ކޮންމެ މީހަކު މިކަމާއިމެދު ވިސްނާލުން ހުއްޓެވެ. ތިބާ މާތް ﷲ ގެ ދީން ފެތުރުމަށް ތިބާގެ މުދާ ހޭދަކުރަން ހެއްޔެވެ؟ މިޔުޒިކް ޝޯތަކާއި ބޮޑުބެރާއި ނެށުމުގެ ޙަރަކާތްތައް ބޭއްވުމަށް ތިބާގެ މުދަލުން ހޭދަކުރައްވަންތޯއެވެ؟ މިފަދައިން މާތް ﷲ ނަޙީކުރައްވައިފައިވާ ކަންކަމަށް ހޭދަކުރާނަމަ، ޢަބްދުއްރަޙްމާން ބިން ޢައުފު ފަދަ ޞަޙާބީންގެ ޙަޔާތްޕުޅުން ޢިބްރަތް ހޯދާ މި ކަންކަން ހުއްޓާލާށެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.
ދުނިޔޭގައި އުޅޭއިރު ދުނިޔަވީހަޔާތުގެ އަރާމުތައް މެދުމިންވަރުގެ އިމެއްގެ ތެރޭގައި ގެންގުޅުމަށާއި ދުނިޔެ ފަސާދަކޮށް ބޮޑާނުވުމަށް އަންގަވާފައި ވެއެވެ.
އަދި ތިބާއަށް ﷲދެއްވިތަކެތިން އާޚިރަތުގެ ގޮވެއްޗަށް އެދޭށެވެ. އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާންނައްތައިނުލާށެވެ. އަދި ﷲ ތިބާޔަށް އިޙްސާންތެރިވެ ވޮޑިގަތްފަދައިން ތިބާވެސް ﷲގެ އަޅުތަކުންނަށް އިޙްސާންތެރިވާށެވެ.
ޢަބްދުއްރަޙްމާން ބިން ޢައުފް މައްޗަށް ކަށުނަމާދު ކުރެއްވީ ޢުޘްމާން ބިން ޢައްފާނެވެ.
ރެފަރެންސްތައް:
الرحيق المختوم
سير أعلام النبلاء
ޢަބްދުއް ރަޙްމާން ބިން ޢައުފް.
އުފަންވީ ގަބީލާއަކި ޤުރައިޝުންގެ ބަނޫ ޒުހުރާ އެވެ.
އިސްލާމްވެ ވަޑައިގަތީ އަބޫބަކުރު ސިއްދީޤް ގެ ނަސޭޙަތުންނެވެ. އިސްލާމް ވުމަށްފަހު، ޢަބްދުއް ރަޙްމާން، މިނަން ދެއްވީ ކީރިތި ރަސޫލާ މުޙައްމަދު ސައްލައްލާޙް ޢަލައިހި ވަސައްލަމް، ދާރު އަލް އަރްޤަމް ކިޔާ ތަނުގައި ސިއްރިއްޔާތުގައި ދީނަށް ގޮވާލެއްވި ދުވަސްވަރުއެވެ.
މަދީނާ އަށް ހިޖުރަ ކުރެއްވުމަށްފަހު، ފާހަގަވެގެން ދިޔައީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި، އަދި އެހާމެ ދީލަތި ބޭފުޅެއްގެ ގޮތުގައިއެވެ.
ޢާއިޝަތު ގެފާނު ރިވާކުރައްވާފައިވެއެވެ، ޢަބްދުއް ރަޙްމާން ބިން ޢައުފް މަދީނާގެ ރައްޔިތުންނަށް، އެއްފަހަރަކު، 700 ޖަމަލު ގެ މުދާ މާތް ﷲ އަށްޓަކައި ސަދަގާތް ކުރެއްވިއެވެ.
އަވަހާރަވެފައިވަނީ މަދީނާގައެވެ.